Last Updated: November 23, 17:46
Saturday, November 23, 2024
ދީން

ދޫންޏެއްގެ ނަސޭހަތް

އެއް ފަހަރަކު ވިޔަފާރި ކުރާ މީހަކު ވަރަށް ރީތި ގުރައެއް ގަތެވެ. އޭނާ އޭތި ގެއަށް ގެނެސް ކޮށްޓަކަށް ލައިފަ ބެހެއްޓި އެވެ.

މި ކޮށީގައި ގުރާއިންނަތާ ދުވަސްކޮޅެއްވީ ފަހުން، އެއް ދުވަހަކު ވިޔަފާރި ކުރާ މީހާ ކައިރީ ގުރާ ބުންޏެވެ.

"އޭ ވިޔަފާރި ކުރާ މީހާ އެވެ. އަހަރެން ކޮށްޓަކަށް ލައިފައި ބެހެއްޓުމުން ތިބާ އަށް ލިބެނީ ކޮން ފައިދާއެއް ހެއްޔެވެ؟ އަހަރެން ކޮށިން ނެރެ މިނިވަންކޮށް ދީފި ނަމަ ތިބާ އަށް ދިރިއުޅުމުގައި ފައިދާ ކުރަނިވި ބުއްދިވެރި ތިން ބަހެއް ބުނެދީފާނަމެވެ."

މި ވާހަކަ އަޑު އަހައިފައި ވިޔަފާރި ކުރާ މީހާގެ ހިތުގައި ވަރަށް ބޮޑު ޝައުޤުވެރި ކަމެއް އުފެދިއްޖެ އެވެ.

ގުރާ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"އަހަރެން ވަޢުދުވަމެވެ. ކޮށިން ނެރެގެން ފުރަތަމަ ތިބާގެ އަތްތިލައިގެ މައްތީގައި އަހަރެން ބެހެއްޓުމުން ބުއްދިވެރި ފުރަތަމަ ބަސް ބުނެދޭނަމެވެ. އެ ބަހާ ދޭތެރޭ ތިބާ ހިތްހަމަޖެހިއްޖެނަމަ ތިބާގެ ގޭގެ ފުރާޅުމައްޗާ ހަމައަށް އަހަރެންނަށް ދިޔަ ދޭށެވެ. އޭރުން ބުދިވެރި ދެވަނަ ބަސް ބުނެދޭނަމެވެ. އެ ބަހާ މެދު ތިބާ ހިތްހަމަޖެހިއްޖެ ނަމަ ތިން ވަނަ ބަސް ތިބާގެ ބަގީޗާގެ ގަހެއްގެ ގޮފިގަނޑެއްގައި އިށީނުމަށް ފަހު އަހަރެން ބުނެދޭނަމެވެ."

ވިޔަފާރި ކުރާ މީހާ ކޮށި ހުޅުވައިފައި ގުރާ ނަގައިގެން އޭނާގެ އަތްތިލަ މަތީގައި ގުރާ ބަހައްޓައިފި އެވެ.

"ފުރަތަމަ ބުއްދިވެރި ބަސް އަހަންނަށް ބުނެދޭށެވެ." އޭނާ ބުންޏެވެ.

ގުރާ އޭތީގެ ބޯ އެއް ފަރާތަކަށް ތިރިކޮށްލައިފައި ބުންޏެވެ.

“ތިބާގެ އަތުން ކޮންމެ ފަދަ އެއްޗެއް ބީވެގެން ދިޔަ ނަމަވެސް އަދި އެއީ ތިބާގެ މުޅި ދިރިއުޅުން ފަދަ އަގު ބޮޑު އެއްޗަކަށް ވީ ނަމަވެސް އެކަމާ ހިތާމަ ނުކުރާށެވެ."

"ތިޔައީ ވަރަށް ފަލްސަފާވެރި ބަހެކެވެ." ވިޔަފާރި ކުރާ މީހާ ބުންޏެވެ. "އުދުހިފައި ގޮސް އަހަރެންގެ ގޭގެ ފުރާޅު މަތީގައި އިށީނުމުގެ އިޒުނަދީފީމެވެ."

ގުރާ އުދުހިފައި ގޮސް އެ ގޭގެ ފުރާޅުމަތީގައި އިށީދެއްޖެ އެވެ. ދެން އަނެއްކާ ވެސް ގުރާ އޭތީގެ ދެވަނަ ބުއްދިވެރި ނަޞޭޙަތްކޮޅު ބުނެދިނެވެ.

"ތިބާގެ ލޮލުން އެކަމެއް ފެނުމުގެ ކުރީގައި އެއްވެސް ކަމެއް ޤަބޫލު ނުކުރާށެވެ."

"ތިޔައީ ވަރަށް ޝަޥްޤުވެރި ކުރުވަނިވި ބަހެކެވެ." ވިޔަފާރިކުރާ މީހާ ބުންޏެވެ. "ކަލެއަށް އުދުހިފައި ގޮސް އަހަރެންގެ ބަގީޗާގެ ގަހެއްގެ ގޮފިގަނޑެއްގައި އިށީނުމުގެ އިޒުނަދީފީމެވެ."

ދެން ގުރާ އުދުހިފައި ގޮސް ބަގީޗާގައި ހުރި އެންމެ އުސް ގަހުގެ އެންމެ މަތީގައި ހުރި ގޮފިގަނޑުގައި އިށީދެއްޖެ އެވެ. އަދި ވިޔަފާރިކުރާ މީހާ އާ މުޚާޠަބުކޮށް ބުންޏެވެ.

"އޭ ވިޔަފާރިކުރާ މީހާ އެވެ. އަހަރެންގެ ބަނޑުތެރޭގައި ވަރަށް އަގުބޮޑު ދެ ޖަވާހިރު އެބަ އޮތެވެ. ތިބާ އަހަރެންގެ ބަނޑު ފަޅާލައިގެން ނެގި ނަމަ އެ ދެ ޖަވާހިރު ލިބުނީހެވެ."

ވިޔަފާރިކުރާ މީހާ ގުރާގެ މި ބަސް އިވުމުން ވަރަށް ބޮޑަށް ދެރަވެއްޖެ އެވެ. އޭނާ ހިތަށް އެރި އެވެ. މި ގުރާ އޭނާގެ އަތުގައި ނުޖެހި އުދުހިގެން ހިގައްޖެއްޔާ އެ ދެޖަ ވާހިރު އޭނާގެ އަތުން އެ ގެއްލުނީ އެވެ. އެކަމަކު އޭތި މިހާރު އެ ހުރީ އޭނާގެ އަތުގަ ޖެހޭވަރަށް ވުރެން މާ މަތީގަ އެވެ.

މިކަމާ ވަރަށް ދެރަވެލައިފައި އަދި ވަރަށް ކުރަކި ގޮތަކަށް އޭނާ ބުންޏެވެ.

"އެންމެ ރަނގަޅެވެ. ކަލޭގެ ތިން ވަނަ ބުއްދިވެރި ބަސް ބުނެދީފައި ކަލޭ ދާ ތަނަކަށް ދާށެވެ."

ގުރާ ހީލާފައި ބުންޏެވެ.

"ތިބާއަކީ ތިއީ ހާދަ ބޮޑު މޮޔައެކެވެ. ތިބާ އަށް އަހަރެންގެ ފުރަތަމަ ދެ ނަޞޭޙަތްކޮޅު ޤަބޫލު ނުކުރެވުނު އިރު ތިން ވަނަ ނަޞޭޙަތްކޮޅުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އަހަރެން ތިބާ ކައިރީ ކޮންމެ ފަދަ އެއްޗެއް ގެއްލުނު ނަމަވެސް ނުރޯށޭ ބުނީމު އެވެ. އެކަމަކު ތިބާއަށް ލިބެން އޮތް ދެ ޖަވާހިރުގެ ގެއްލުމުން މިހާރު ތިޔަ ރޮނީ އެވެ. އަދިވެސް އަހަރެން ބުނީމެވެ. ތިބާގެ ލޮލުން ފެނުމުގެ ކުރީން އެއްވެސް ކަމެއް ޤަބޫލު ނުކުރާށެވެ. އެކަމަކު މިހާރު ތިބާ ޤަބޫލުކޮށްގެން ތިހުރީ އަހަރެންގެ ބަނޑުތެރޭގައި ދެ ޖަވާހިރު އެބަ އޮތް ކަމަށެވެ. އަހަރެންގެ ބަނޑުތެރޭގައި ދެ ޖަވާހިރު އޮތް ނަމަ އަހަންނަށް ދިރިހުރެވޭނީ ކޮން ފަދައަކުން ހެއްޔެވެ؟"

މިހެން ބުނެފަ ގުރާ، ހެމުން ހެމުން، އުދުހިފަ ހިނގައްޖެއެވެ.

(ނޯޓް: މިއީ މީދޫ.ކޮމްގައި އަހުމަދު ނާސިހު ލިޔުއްވާފައިވާ އާޓިކަލެކެވެ.)