ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބިމުގެ ހަމަލާއަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިނުގެން ހުންނަވާ ހުންނެވުމާ ގުޅިގެން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ދެއްކެވި ވާހަކަތަކަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ރައްދު ދީފިއެވެ.
މިދިޔަ އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަވަމުން މެމްބަރު އިކްރާމް ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ނަޝީދަށް ކުރިއަށްވުރެއް ބޮޑަށް މިއަދު ސެކިއުރިޓީ ލިބޭނެކަމަށާއި، އަދި މަޖިލީހުގެ ސެކިއުރިޓީވެސް މިއަދު އިތުރު ކަމަށެވެ. ރައީސް ނަޝީދުގެ ސެކިއުރިޓީ އިތުރު ކުރަން ބޭނުންފުޅުވާނަމަ އެކަން ކުރުމުގެ ފުރުސަތުވެސް އެބަ އޮތްކަމަށާއި، ރައީސް ސޯލިހް ކަންކަން އަޑުއައްސަވާ އަމަލުކުރައްވާ ކަމަށް އިކްރާމް ވިދާޅުވިއެވެ.
"އެހެންމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު ނާދެވޭނެ މާހައުލެއް ނެތް. ރައީސް ނަޝީދަށް ވަޑައިގެންނެވޭނެ. ވަޑައިނުގަންނަވަންވީ ސަބަބެއް ނެތް." އަންގާރަ ދުވަހުގެ ޖަލްސާގައި އިކްރާމް ވިދާޅުވިއެވެ.
އިކްރާމްގެ މި ވާހަކަތަކަށް ރައްދު ދެއްވާ ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ދޮންބިލެތް ހަލީމް ވިދާޅުވީ ރައީސް ނަޝީދަށް ކުރިމަތިވެފައިވާ ހާލަތަކީ ބޮޑު ކަމެއް ނޫންކަމަށާއި، އެމަނިކުފާނު ރާއްޖެ ވަޑައިނުގެން ހުންނަވަނީ އެއްވެސް ކަމެއް ނެތީސްކަމަށް ދޭހަވާގޮތަށް އިކްރާމް މަޖިލީހުގައި ޥާހަކަ ދެއްކުމަކީ ކަންބޮޑުވާކަމެއްކަމަށެވެ.
މި މައްސަލައަކީ "ވަރަށް އާދައިގެ ކުޑަކުޑަ ކަމެއްގެ ގޮތަށް" ސިފަކުރަން އުޅުމާއި ރައީސް ނަޝީދަށް މިހާރު ނުރައްކަލެއް ނެތްކަމަށް އަދި އެމަނިކުފާނު ނައިސް ހުންނަނީ ކަމަށް ދޭހަވާގޮތަށް ވާހަކަދެއްކުމަކީ ނުހަނު ކަންބޮޑުވާކަމެއްކަމަށާއި، އަދި އެގޮތަށް ވާހަކަ ދެއްކުމުގެ ސަބަބުން މިފަދަ މައްސަލަތަކުގެ ތަހުގީގުގައި ވެސް ސީރިއަސް ކަމެއް ނޯންނާނެކަމަށް ދޮންބިލެތް ވިދާޅުވިއެވެ.
"އެވާހަކަދެއްކެވި އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރު އިކްރާމަށްވެސް ގޮވާލަން އަނބުރާ އެވާހަކަތައް ގެންދިއުމަށް. އެއީކީއެއް އަޅުގަނޑުމެން އެއްގޮތަކަށްވެސް ކޮށްގެންވާނެކަމެއް ނޫން." ދޮންބިލެތް ވިދާޅުވިއެވެ.
މީގެ އިތުރުން ދޮންބިލެތްވަނީ ރައީސް ނަޝީދާ ގުޅުވާ އިކްރާމް ވާހަކަ ދެއްކެވި މޭރުމުން ޖޭޕީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވެސް ވާހަކަ ދައްކަވާފައިވާތީ އެކަންވެސް ކުށްވެރިކުރައްވާފައެވެ.
އިކްރާމް މަޖިލީހުގައި ދެއްކި ވާހަކަތަކާއި ގުޅިގެން ރައިސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުންވެސް ވަނީ ބަޔާނެއް ނެރެ އެ ވާހަކަތަކަށް ރައްދު ދީފައެވެ.
އެގޮތުން އެމަނިކުފާނުގެ ވަކީލުން ވިދާޅުވެފައިވަނީ އިކްރާމްގެ ވާހަކަތަކަކީ "މެންބަރުގެ ދާއިރާގެ ރައްޔިތުންގެ ތާއީދުނެތް، ވިޔާނުދާ ވާހަކަ"ތަކެއް ކަމަށެވެ. އަދި ނަޝީދު ރާއްޖެ ވަޑައިގަތުމުގެ މާޙައުލު އޮތީ އަމާންކޮށް ކަމުގައި ދޭހަވާ ގޮތަށް އިކްރާމް ވާހަކަ ދެއްކެވުމަކީ، ނަޝީދުގެ ފުރާނަފުޅަށް މިހާރުވެސް އޮތް ނުރައްކާގެ ސީރިއަސް ކަމަށް އެއްވެސް ފަރުވާލެއްނެތި ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކައެއްކަމަށްވެސް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެފައިވެއެވެ.
ރައީސް ނަޝިދު ވަނި ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ފެށި ދުވަހު މަޖިލީހަށް ސީޓީއެއް ފޮނުވާފައެވެ. އެގޮތުން ސިޓީގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާ ރާވާ ހިންގި ފަރާތްތަކުގެ ތަހުގީގު އަދި ނުނިމޭކަމަށް ފުލުހުން ބުނެފައިވާކަން ފާހަގަކޮށްފައެވެ. އެ ފަރާތްތަކުގެ ތަހުގީގުނިމި އިންސާފުގެ ކުރިމައްޗަށް ގެނެވި ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި ރާއްޖެ ދިއުމަކީ އާއިލާއާއި ހެޔޮއެދޭ ފަރާތްތައް އަދި ހުދު އެމަނިކުފާނުވެސް ޖެހިލުންވާކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން އެމަނިކުފާނުގެ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވާ ރާއްޖެއިން ބޭރުގައި އުޅުމަށް "ހިތްހަލާސް" ކޮށްދިނުމަށް އެފުރުސަތު ފަހިކޮށްދިނުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. އަދި ރާއްޖެއިން ބޭރުގައި ހުންނަވާއިރު ދައުލަތަށް ހިދުމަތް ކުރުމުގައި މަސައްކަތް ކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.