ސްކޫލްތަކުގައި ކިޔަވައިދޭ އިސްލާމް މާއްދާގެ މުގައްރުތަކުގައި ހަރުކަށިކަމަށް ހިތްވަރު ދެވިފައިނުވާ ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.
ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިސްލާމީ މުގައްރަރު ހެދިފައިވަނީ އިސްލާމީ އިލްމް އުނގެނިގެން ތިބި ގިނަ ބަޔަކު ހިމެނޭ ކޮމެޓީއަކުން ކަމަށެވެ.
"އިސްލާމީ މުގައްރަރުތައް ހެދިފައިވަނީ އެންމެ މީހެއް ދެ މީހެއްގެ ވިސްނުމަކަށް ނޫން. އިސްލާމް ދީން ކިޔަވައިގެން ތިބި އެތައް ބޭފުޅުންނެއް ހިމެނޭ ކޮމެޓީއަކުން،" ޒައިދު ވިދާޅުވެފައިވެ އެވެ.
ޒައިދު ވިދާޅުވީ ސްކޫލްތަކުގެ އިސްލާމީ މުގައްރަރު ކަނޑައަޅަނީ ސީދާ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޒައިދު މިހެން ވިދާޅުވެފައި މިވަނީ ނަފްރަތު އުފެއްދުމަށް މަގުފަހިވާ ފަދަ ލިޔުންތައް އިސްލާމް ފޮތްތަކުން ބަދަލުކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލާދީ އެމްޑީޕީގެ "މޭ ހައެއް" ކޮމިޓީން ބުނެފަވަނިކޮށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ އެ ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީއާ ބައްދަލުކުރެއްވި ކަމަށާއި އެގޮތުން އެ ބައްދަލުވުމުގައި ހަރުކަށި ފިކުރުގެ ފަރާތްތަކުން ސްކޫލް ކުދިންނާއި ޒުވާނުންގެ ވިސްނުން ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާކަން އެ މިނިސްޓްރީން ހާމަކުރި ކަމަށެވެ.
އަދި ކަރިކިއުލަމް ރިވިއު ކުރަމުންދާ ކަމަށާއި، އެގޮތުން އިސްލާމް ފޮތްތަކުގައި ނަފްރަތު އުފެއްދުމަށް މަގުފަހިވާ ފަދަ ލިޔުންތައް ބަދަލުކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުނި ކަމަށް އަފީފް ވިދާޅުވިއެވެ. އޭގެ އިތުރުން ހަރުކަށި ފިކުރަށް ހިތްވަރުދޭ ފަދަ ކަންކަން ހުއްޓުވުމަށް ޕްރިވެންޝަން ޕްރޮގްރާމް ވެސް ހިންގަމުންދާ ކަމަށް އެ މިނިސްޓްރީއާ ހަވާލާދީ އަފީފް ވިދާޅުވިއެވެ.