ފުރާވަރުގެ ކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން "ބްލޫޒް ފޯ ޔޫތު" ގެ ނަމުގައި ޚާއްޞަ ކޭމްޕެއް ބޭއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނިންމައިފި އެވެ.
ޢުމުރުން 15-18 އަހަރާއި ދެމެދުގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ މި ކޭމްޕް އޮންނާނީ އަންނ މަހުގެ 5 ވަނަދު ވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށް ފޭދޫ ފިނޮޅުގަ އެވެ.
މި ޢުމުރުފުރާގެ ކުދިންގެ ޝައުޤުވެރިކަން ހުންނަ ގިނަ ޙަރަކާތްތަކެއް ހިމަނައިގެން ބާއްވާ މިކޭމްޕުގެ މަޤުޞަދަކީ ޤައުމީ ކަންކަމުގައި ޒުވާނުންގެ ދައުރު އިތުރުކޮށް، ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކޮށް، ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވުމެވެ.
ހަމަ އެއާއެކު ކަންކަމުގައި އިސްނަގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ތަނަވަސްކޮށްދީ ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙު އިތުރު ކުރުމަކީ ވެސް މިފަދަ ކޭމްޕެއް ބޭއްވުމުގެ މަޤްޞަދުގެ ތެރޭގައި ހިމެނޭ ކަންކަމެކެވެ.
ކޭމްޕުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބައިވެރިވުމަށް އެދޭ ފޯމު މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން އިސްކަންދަރު ކޮށި 1 ގެ ކައުންޓަރަށް ހުށަހަޅަން ޖެހެ އެވެ.
ފޯމު ޝަހީދު ޙުސައިން އާދަމް ބިލްޑިންގުންނާއި ގަލޮޅު ޕޮލިހުންނާއި މާފަންނު ޕޮލިހުގެ އިތުރުން އިސްކަންދަރު ކޮށިން ލިބެން ހުންނާނެ އެވެ.
މީގެ އިތުރުން www.police.gov.mv އަދި www.policelife.mv އިން ވެސް ޑައުންލޯޑް ކުރެވޭނެ އެވެ.