Last Updated: November 27, 17:17
Wednesday, November 27, 2024
ކުޅިވަރު

"ދަނޑު ހަދަން ޖެހޭނީ ޒުވާނުން ބޭނުންވާ ގޮތަށް"

މަރަދޫފޭދޫ ބޯޅަދަނޑު: ރަށުގެ ޒުވާނުން ބުނަނީ އެތަން ތަރައްގީ ކުރަން ޖެހޭނީ އެ މީހުން ބޭނުންވާ ގޮތަށް ކަމަށް. ފޮޓޯ/ އައްޑޫ ލައިވް.

ސ. މަރަދޫފޭދޫ ބޯޅަ ދަނޑު ތަރައްގީ ކުރަން ޖެހޭނީ އެ ރަށުގެ ޒުވާނުންނާއި އަދި މުޅި ރަށުގެ ރައްޔިތުން ވެސް ބޭނުންވާ ގޮތަށް ކަމަށް ބުނެފި އެވެ.

"އައްޑޫ ލައިވް" އާ އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން މިހެން ބުނެފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން، އެ ދަނޑުގެ މަސައްކަތްތައް ފަށަން ތައްޔާރު ވަމުން ދަނިކޮށް، ދަނޑު ތަަރައްގީ ކުރަން އުޅޭ ގޮތާ ދޭތެރޭ ހިތްހަމަނުޖެހިގެން ރަށުގެ ޒުވާނުންތަކެއް އެކަމަށް ހުރަސް އަޅާފައި ވަނިކޮށެވެ.

މަރަދޫފޭދޫ ބޯޅަ ދަނޑު ތަރައްގީ ކުރަން ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށްފައި ވަނީ 1.4 މިލިއަން ރުފިޔާ އަށް ހިތަދޫގެ ކުންފުންޏެއް ކަމަށްވާ ސަދަން ކޮންޓްރެކްޓިން މޯލްޑިވްސް އާ އެވެ.

ޒުވާނުން ބުނީ މަސައްކަތް ހުއްޓުވީ "ނަމަކަށް ކަމެއް ކުރަން އުޅުމުން" ކަމަށެވެ.

"ފުރަތަަމަ ކަމަށް ދަނޑު ތަރައްގީ ކުރާނެ ގޮތުގެ ފުރިހަމަ ޕްލޭނެއް ނެތް. ފާޑެއްގެ ކުރެހުމެް ދެން މި ދައްކަނީ. އެއަކުން އެއްގޮތަކަށް ވެސް ނޭނގޭ، މި ދަނޑަކީ ކޮން ސައިޒެއްގެ ކޮން ފެސިލިޓީސްތަކެއް ހުރި ދަނޑެއް ކަމެއް،" ޒުވާނަކު ބުންޏެވެ. "އެހެންވީމާ ހަމަ ނަމަކަށް ކަމެއް ކުރާ އުސޫލުން މިކަމެއް ނުކުރެވޭނެ. އެކަން ކުރާކަށް ލާހިކެއް ނޫން. ދަނޑެއް ހަދައި ދޭ ކަމަށް ވަންޏާ، ފުރިހަމަ ދަނޑެއް އަދި ގިނަ ދުވަހެއް އެތަނެއްގެ ބޭނުން ހިފޭ ފަދަ ގޮތަކަށް ހަދައި ދޭން ޖެހެނީ."

ޒުވާނުން ބުނީ އެ ނޫން ގޮތަކަށް އެ މަސައްކަތް ކުރަން ކައުންސިލުން އުޅޭ ނަމަ، އެކަމަށް ހުރަސް އަޅާނެ ކަމަށެވެ. އަދި ޒުވާނުންގެ ހިޔާލާއި މަޝްވަރާގެ މަތިން، ޒުވާނުން ބޭނުންވާ ގޮތް ނޫން ގޮތަކަަށް ދަނޑު ތަރައްގީ ކުރަން ފުރުސަތު ނުދޭނެ ކަމަށް އެ މީހުން ބުންޏެވެ.

ކައުންސިލުން ނިންމާފައި ވަނީ ސަދަން ކޮންޓްރެކްޓިން އާ ހަވާލުކޮށްގެން މަރަދޫފޭދޫ ބޯޅަ ދަނޑުގެ ވަށައިގެން ފާރު ރާނައި، ފެންސް ޖަހައި ލައިޓް ޖަަހައި ދެ މަސް ދުވަހުގެ ތެރޭގައި ނިންމާ ކަމަށެވެ.

"މި ރަށު ދާއިރާ ތަމްސީލް ކުރައްވާ ކައުންސިލަރު ތޮއްޔިބް ވެސް ބޭނުމެއް ނޫން ކޮންމެހެން މި ރަށަށް ކަމެއް ކޮށް ދޭކަށް. އިންތިހާބުގައި ކުރިމަތީގައި އޮތީމަ، ކަމެއް ކޮށް ދިން ކަމަށް ބުނަންވެގެން މި ދަނޑިވަޅުގައި މަރަދޫފޭދޫ ބޯޅަ ދަނޑުގެ ވާހަކަ ދައްކަނީ،" ޒުވާނަކު ބުންޏެވެ. "އެކަމަކު ތޮއްޔިބް ކައިރީ ވެސް އަޅުގަނޑުމެން ބުނެފައި ވާނެ، ޒުވާނުން ބޭނުން ގޮތް ނޫން ގޮތަކަށް ދަނޑު ނެހެދޭނެ ކަމަށް."