ކުރީގެ ރައީސް، ޢަބްދުﷲ ޔާމީނު ޢަބުދުލްޤައްޔޫމުގެ ޝަރީޢަތަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރާ ތުހްމަތުތަކަށް ސަރުކާރުން ރައްދެއްދެއްވައި ވާހަކަދައްވާފައި ނުވަނީ އެއީ އެއްވެސް އަޞްލެއްނެތް ވާހަކަތަކަކަށް ވާތީކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު އިދިކޮޅު ފަރާތްތަކަށް އަންގައިިފި އެވެ.
ރައީސް ޔާމީނު ޝަރީޢަތާ މެދު ހުރި ކަންބޮޑުވުންތައް ހިއްޞާކުރެއްވުމަށް ޕީޕީއެމްއާ ޕީއެންސީއަށް ނިންބަތްވާ ރައްޔިތުންގެ މަޖުލީހުގެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ޓީމެއް މިއަދު ރައީސް އޮފީހަށް ވަޑައިގެންނެވުމުން ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ވަނީ އެ ބޭފުޅުންނާ ބައްދަލުކުރައްވާފައި އެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ ރައީސް ޔާމިންގެ ޝަރިއަތާ ގުޅޭ ގޮތުން އިިދިކޮޅު ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް ސަރުކާރުން އަޑުއެއްސެވި ކަމަށެވެ.
މި ބައްދަލުވުމުގައި، އިދިކޮޅު ފަރާތްކުންވަނީ ރައީސް ޔާމީނުގެ ސަރީޢަތް ހިންގެވި ތިން ފަނޑިޔާރެއްގެ އޯޑިޔޯއެެއް ލީކްވެފައިވާ ކަން ސަރުކާރާ ހިއްސާކުރައްވައި ރައީސް ޔާމިންގެ ޝަރީއަތައް ސަރުކާރުން އަދި ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޝަރީޢަތަށް ނުފޫޒުފޯރުވާކަމަށް ތުހްމަތު ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
" އަދި އެފަދަ އޯޑިޔޯއެއް ފެތުރެމުންދާއިރު އެކަމަށް ސަރުކާރުން އެއްވެސް ޖަވާބެއް ނުދެނީ ކީއްވެތޯ ސުވާލު އުފެއްދެވިއެވެ. މީގެ އިތުރުން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ވަނީ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރުގެ އޯޑިޔޯތައް ވެސް ހުރިކަމަށް ވިދާޅުވެ ޚާއްޞަކޮށް ރައީސް ޔާމީނުގެ ޝަރީޢަތަކަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރައްވާފައެވެ." ރައީސް އޮފީހުން އާއްމު ކުރި ބަޔާނެއްގައިވެ އެވެ.
އެ ތުހްމަތުތަކަށް ސަރުކާރުގެ ފަރާތުން އަލީ ޒާހިރު ދެއްވި ރައްދަކީ އެ ތުހްމަތުތަކަކީ އެއްވެސް އަސްލެއް ނެތް ތުހްމަތުތަކެއް ކަމަށާއި އެ އޯޑިއޯގެ މައްސަލަ ބެލުމަށް ފުލުހުންގެ ކިބައިން ވެސް އެދިވަޑައިގަންނަވާފައި ވާކަމަށް ޗީފް އޮފް ސްޓާފް ވިދާޅުވި ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުންވެސް އެ މައްސަލަ ބަލަން ނިންމާފައިވާއިރު އެކަން ބެލުމަށް ރައީސް އޮފީހުންވެސް އެދުނު ކަމަށް ރައީސް އޮފީހުން ފާހަގަކޮށްފައިވެ އެވެ.
"މި ތުހުމަތުތަކަށް ރައްދުދެއްވައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ވިދާޅުވީ ފެތުރޭ އޯޑިޔޯތަކާ އަދި ކުރެއްވި ތުހުމަތުތަކަށް ސަރުކާރުން ރައްދެއްދެއްވައި ވާހަކަދައްވާފައި ނުވަނީ އެއީ އެއްވެސް އަޞްލެއްނެތް ވާހަކަތަކަކަށް ވާތީކަމުގައެވެ. އަދި ފެތުރެމުންދާ އޯޑިޔޯތަކުގެ މައްސަލަ ބައްލަވައިދެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެދިވަޑައިގަންނަވާފައި ވާނެކަމަށާއި މި މައްސަލަ ބެލުމަށް ފުލުހުންގެ ކިބައިން ވެސް އެދިވަޑައިގަންނަވާފައި ވާކަމަށް ޗީފް އޮފް ސްޓާފް ވިދާޅުވިއެވެ. . އަދި ސަރުކާރުން، ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާއާއި ޗީފް އޮފް ސްޓާފް، ފަނޑިޔާރުންނަށް އަދި ވަކިން ޚާއްޞަކޮށް ރައީސް ޔާމީނުގެ ޝަރީޢަތަށް ނުފޫޒުފޯރުވާކަމަށް ކުރެއްވި ތުހުމަތުތައް ޗީފް އޮފް ސްޓާފް ދޮގުކުރެއްވިއެވެ."
މީގެ އިތުރުން ޗީފް އޮފް ސްޓާފްގެ އޯޑިޔޯ ހުރިކަމަށް މި ބައްދަލުވުމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވައި ޢަލީ ޒާހިރު ވަނީ ޝަރީއަތް ވަކިގޮތަކަށް ގެންދިއުމަށް ނުވަތަ ފަނޑިޔާރަކަށް ނުފޫޒުފޯރުވުމަށް ނަމަވެސް އެއްވެސް މުވާމަލާތެއް ހިންގަވާފައި ނުވާނެކަމުގެ ޔަޤީންކަން ދެއްވައި އެ ވިދާޅުވި ފަދަ އޯޑިޔޯއެއް އޮތްނަމަ މީޑިޔާއަށް ހާމަކޮށްދެއްވުމަށް ވެސް އެދިވަޑައިގަންނަވާފައި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
" ޝަރުޢީ ނިޒާމަށް ސަރުކާރުން ނުފޫޒުފޯރުވާކަމަށް ކުރެއްވި ތުހުމަތުތަކަށް ރައްދުދެއްވައި ޢަލީ ޒާހިރު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބައެއް ޙުކުމްތައް ލިޔާކަމުގެ އަޑުތައް ފެތުރިގެން ގޮސްފައި ވާކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަކީ މިނިވަން މުވައްޞަސާތަކާއި ޖުޑިޝަރީ މިނިވަންކަމާއެކު ކުރިޔަށްގެންދިއުމަށް ފުރުޞަތުދީފައި އޮންނަ ސަރުކާރެއް ކަމަށެވެ."
މި ސަރުކާރުން ފުރަތަމަ ވެރިކަމާ ހަވާލުވި ދުވަހެކޭ އެއްގޮތަށް މިހާރުވެސް ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ޖޭއެސްސީ އިސްލާޙުކޮށް މުޅި ޖުޑިޝަރީއަކީ ރައްޔިތުންގެ އިތުބާރު ލިބިފައި އޮންނަ ތަނަކަށް ހެއްދެވުންކަމުގައި ޗީފް އޮފް ސްޓާފް ފާހަގަކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް ޔާމިންގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކުރެއްވި ފަނޑިޔާރުން ކަމަށް ބުނާ ބައެއްގެ އޯޑިއޯތަކެއް ވަނީ އާއްމުވެފައި އެވެ. އެ އޯޑިއޯތަކުގައި ރައީސް ޔާމިނަށް ކުރި ހުކުމަކީ ސަރުކާރުގެ ނުފޫޒުން ކޮށްފައިވާ ހުކުމްތަކެއް ކަމަށް އެމީހުން ބުނެ އެވެ. އެހެން ނަމަވެސް އެއީ އަސްލެއް ކަމަށް އެއްވެސް ރަސްމީ ފަރާތަކުން ޔަގީންކޮށެއްނުދެ އެވެ.