އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައިގައި އަދިވެސް ގޮތެއް ނުނިމޭ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.
މަހްލޫފުގެ މައްސަލަ ޕީޖީ އޮފީހުގައި އޮންނަތާ މިހާރު ވަނީ 83 ދުވަސްވެފައި އެވެ. ނަމަވެސް ޕީޖީ އޮފީހުގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މަހްލޫފުގެ މައްސަލައިގައި އަދިވެސް ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. އޭގެ އިތުރުން އެކަމާމެދު ބުނާނެ އެއްޗެއް ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މި މަހުގެ 19 ވަަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަހްލޫފުގެ މައްސަލަގައި ވިދާޅުވީ އެ މައްސަލައިގައި ގޮތެއް ނުނިމި ލަސްވާ ކަމަށާއި އެހެންނަމަވެސް ކަށަވަރުކުރަން ޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު ނޫނީ ގޮތެއް ނުނިންމޭނެ ކަމަށެވެ.
އޭސީސީން ބުނީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުގެ ގޮތުގައި މަހުލޫފު ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ ބަދަލެއްގެ ގޮތުގައި 33,000 ޑޮލަރު އޭނާ އަށް ލިބިފައިވާ ކަމަށެވެ. އޭގެ އިތުރުން، އެސްއީޒެޑް ބިލް ފާސްކުރަން ވޯޓު ދެއްވުމަށް އޮގަސްޓް 27، 2014 ގައި މަހުލޫފު ވަޑައިގަތީ ސީދާ މެލޭޝިޔާ އިން ވޯޓަށް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
މިނިސްޓަރުގެ ކަމުގެ މައްސޫލިއްޔަތުން އެކަހަރިކޮށްފައިވާ މަހްލޫފު ގެންދަނީ އޭނާއާ މެދު ތަހްގީގު މަރުހަލާގައި އާއި ދައުވާކުރުމުގެ މަރުހަލާގައި އަމަލުކުރަމުންދާ ގޮތުން އެ މުވައްސަސާތަކުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި އޭނާ ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހްމަތުތަކަށް އިންކާރު ކުރައްވާ ވާހަކަ ދައްކަވާފައި އެވެ. އަނެއް ކޮޅުން އެމްޑީޕީގެ އެެތެރޭގެ އިންތިހާބުގައިވެސް މަހްލޫފަށް ވާދަނުކުރެވޭނެ ކަމަށް އެ ޕާޓީން ވަނީ ކަނޑައަޅާފައި އެވެ.
މަހްލޫފުގެ މައްޗަށް އެސެޓްރިކަވަރީ ކޮމިޝަނުން ހިންގި ތަހްގީގު ރަނގަޅު ނޫން ކަަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ އެ ކޮމިޝަނަށް އަންގަވާފައި އެވެ. އަދި ފުލުހުން ވަނީ އެ މައްސަލައިގައި އާ ހެއްކެތް ހޯދަމުން ނުދާ ކަމަށްވެސް ވިދާޅުވެފައި އެވެ.