އައްޑު އަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ބައެއް ގޭގެ އަށް ފެން ވަދެ، ގެއްލުންތަކެއްް ލިބެމުންދާތީ ބައެއް އާންމުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.
ހިތަދޫން ވާހަކަ ދެއްކި މީހަކު ބުނީ މިއަދު ހަވީރުން ފެށިގެން އެ ރަށަށް ބޯކޮށް ވާރޭ ވެހެމުން ދާތީ، ގޭގެ ގޯތިތެރޭގައި ފެން ބޮޑުވެ، ގެއަށް ފެން ވަދެ ގެއްލުން ލިބެމުންދާ ކަމަށެވެ.
"ގެއަށް ފެން ވަންނާތީ ސިފައިންގެ އެހީއަކަށް ވެސް އެދި ގުޅައިފިން. ވެލި ބަސްތާތައް ޖަހައި ދޭން އަންނާނަމޭ ބުނި ގޮތަށް އެ މީހުންގެ ހަބަރެއް ނުވޭ،" ހިތަދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އޭނާ ބުނީ އެ ގޭ ބައެއް މީހުންނަކީ ތަޅުންގަނޑު މަތީގައި ވެސް ނިދާ ބަޔަކަަށް ވާތީ، ވާރޭ ވެހި ފެން ވަންނާތީ މިރޭ ދެން ތިބެން ޖެހޭނީ ނުނިދައި ކަމަށެވެ.
"މި ގެއަކީ އަހަރެންގެ ބޭބެގެ ގެއެއް. މަށަށް މާމެންދޫން ލިބިފައި އޮތް ގޯއްޗެއް ކައުންސިލުން ނެގި ގޮތަށް އޭގޭ ބަދަލެއް ވެސް ލިބޭނެ ގޮތެއް ނުވެގެން މި އުޅެނީ،" އޭނާ ބުންޏެވެ. "އެހެން ނޫން ނަމަ އެތަނުގައި ގެ އަޅައިގެން އެތާނގައި ދިރިއުޅޭނީ. މިހާރު މި ނޫން ގޮތެއް ނެތީމަ ބޭބެ ގޭގައި މި އުޅެނީ."
ހިތަދޫގެ އިތުރުން މަރަދު އާއި މަރަދޫފޭދޫ އަދި ފޭދޫގެ ވެސް ބައެއް ސަރަހައްދުތަކުގެ ގޭގެ އަށް ވާރޭ ވެހުމުން ފެން ބޮޑުވެ، ފެން ވަނުމަކީ ވަރަށް އާންްމު ކަމެކެވެ.
ހާއްސަކޮށް ޗިސްބިމާއި އަޮޅުތައް ހުންނަ ސަރަހައްދުތަކުގެ ގޭގެ އަށް ފެން ވަނުމަކީ އާންމު ކަމެކެވެ.
މީގެ އިތުރުން ތާރު އަޅައިގެން ތިން ރަށެއްގެ ބޮޑު މަގު ހެދި ފަހުން އެ މަގުގެ އެކި ހިސާބުތަކުގައި ފެން ބޮޑުވެގެން ވެސް ގޭގެ އަށް ފެން ވަންނަކަމުގެ ޝަކުވާތައް އާންމުން ކުރެ އެވެ.