Last Updated: November 27, 01:11
Tuesday, November 26, 2024
ޚަބަރު

ޕީޖީ ގޮތެއް ނިންމަވަންދެން މަހްލޫފު ހުންނަވާނީ ސަސްޕެންޝަނުގައި!

ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް -- ފޮޓޯ: ރައީސް އޮފީސް

އެންޓިކޮރަޕްޝަން ކޮމިޝަނުން ދައުވާ ކޮށްދޭން އެދި ފޮނުވާފައިވާ މައްސަލައިގައި ދައުވާކުރުމާމެދު ޕްރޮސެކިއުޓާ ޖެނަރަލް ގޮތެއް ނިންމެންދެން ޔޫތު މިނިސްޓަރު ހުންނަވާނީ ސަސްޕެންޝަނުގައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ މިނިސްޓަރެއްގެ މައްސަލަ ޕީޖީ އޮފީހަށްދާ ހިސާބުން އެމީހަކު މަސައްކަތުން އެކަހަރިކޮށްފައި ބެހެއްޓުމަކީ ސަރުކާރުގެ ސްޑޭންޑެއް ކަމަށެވެ. އެގޮތައް ކަންތައްް ކުރަނީ ދައުވާކުރަން މައްސަލައެއް ފޮނުވާފައި އޮންނައިރު މިނިސްޓަރަކު އެ މަގާމުގައި ހުންނަވައިގެން މައްސޫލިއްޔަތު އަދާކުރާ ނަމަ ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮވެދާނެ ކަމަށްޓަކައި އެވެ. އަދި މިނިސްޓަރަކު މަގާމުން ދުރުވެ ހުރުމަކީ އިންސާފު ގާއިމު ކުރުމަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށްވާތީ މިނިސްޓަރަށްވެސް އޮތީ އެގޮތް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މިނިސްޓަރަކު ނެތި މިނިސްޓްރީއެއް ގިނަ ދުވަސް ހިންގެވުމަކީ ދަތިކަމެއް ކަމަށާއި އެކަމުގެ ކަންބޮޑުވުން ސަރުކާރުގެވެސް އޮންނަ ކަަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި އެ މައްސަލައިގައި ޕީޖީ އަވަސްގޮތަކަށް ގޮތެއް ކަނޑައަޅާ ދިނުމަށް އެދޭ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެދެން މަހްލޫފުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނަރަލް އަވަސްކުރުމަށް. އެ ވަކި ގޮތަކަށް ނިންމަދިނުން. އެ ނިމޭ ގޮތަކަށް ނިންމަދިނުން. އެހެން ނަމަވެސް އަވަހަށް ގޮސް ނިންމަދިނުން އެއީ ސަރުކާރުން އެދޭ ކަމެއް." މަބްރޫކް ވިދާޅުވި އެވެ.

މަބްެރޫކް ވިދާޅުވީ ރާއްޖެއިން ބޭރުން ހެކިބަސް ހޯދި ގޮތާ ގުޅޭ ގޮތުން މަހްލޫފުކޮށްފައިވާ ތުހްމަތުތަކާ ގުޅިގެން އެކަން ހިނގާފައިވާ ގޮތް ފޮރިން މިނިސްޓްރީން ސާފުކޮށްދޭން ރައީސް އެދިވަޑައިގެންނެވުމުން ފޮރިން މިނިސްޓްރީން އެކަން ހިނގިގޮތް ބެލުމަށްފަހު ރައީސަށް ފޮނުވި ކަމަށެވެ. އަދި އެސެޓް ރިކަވަރީ ކޮމިޝަނަށް ރައީސް ފޮނުއްވި ސިޓީއަކީ މަހްލޫފުގެ ތުހްމަތުތަކާ ގުޅިގެން ފޮރިން މިނިސްޓްރީން ރައީސަށް ފޮނުއްވެވި ސިޓީ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

މަހްލޫފަށް ދައުވާކޮށްދޭން އޭސީސީން ފޮނުވާފައިވާ މައްސަލައިގައި ދައުވާކުރުމާ މެދު ގޮތެއް ނުނިމި މިހާރު ވަނީ 84 ދުވަސްވެފައި އެވެ.