ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ މި ދައުރު ނިމުމުގެ ކުރިން ބަދަލުކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޖޭއެސްސީ ބަދަލުކުރުމަކީ މި ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ކަމަށާއި އެހެން ނަމަވެސް އެކަން ކުރަން ހުށައެޅޭނެ ތާރީހެއް ނޭނގޭ ކަމަށެވެ. ނަމަވެސް އެކަމަކީ ލަސްވެފައި އޮތް ކަމެއް ކަމަށް މަބްރޫކްވެސް ވިދާޅުވި އެވެ.
"އެއީ ހަމަގައި ވެސް މި ދައުރު ތެރޭގައި ކޮށްނިންމާނެ ކަމެއް. ޖޭއެސްސީގެ ކޮމްޕޮސިޝަން ގެންނަން ޖެހޭ ބަދަލު ގެންނާނެ. އަދި އެ ބަދަލު ގެންނަނީ އެންމެނަށް އިތުބާރު ލިބޭ ގޮތައްކަންވެސް ކަށަވަރުކުރާނެ،"
މަބްރޫކް ވިދާޅުވީ ޖޭއެސްސީގެ ކޮމްޕޮސިޝަނަށް ގެންނަން އެންމެ ރަނގަޅު ބަދަލަކީ ކޮބައިތޯ ރައީސް ސޯލިހް ވަނީ ގާނޫނީ މާހިރުން ގާތުން އައްސަވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރިޔާސީ ކެމްޕެއިންގެ ތެރޭގައި ޖޭއެސްސީ އެކުލެވިގެންވާ ގޮތައް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެ އެވެ. އަދި އެ ކޮމިޝަން ބަދަލުކުރެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ. އެހެން ނަމަވެސް އެކަން ނުކުރެވި ލަސްވާތީ އެކަމަށް ވަރަށް ބޮޑަށް އާއްމުން ދަނީ ފާޑު ކިޔަމުންނެވެ.