އެތެރޭގެ އިންތިހާބުގައި ވާދަކުރެވޭނެ ޝަރުތުތަކުގެ ތެރޭގައި ޕާޓީގެ މެމްބަރަކަށްވުން ފިޔަވާ އިތުރު އެއްވެސް ޝަރުތެއް ނެތް ކަމަށާއި އެތެރޭގެ އިންތިހާބުގައި ވާދަކުރެވޭނެ ޝަރުތުތައް އޭގައި އޮންނަންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު އަބްދުއްރަހީމް އައްޑޫ ލައިވްއަށް މިރޭ ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން މަހްލޫފު ހުށައެޅި ޝަކުވާއަކާ ބެލުމަށްފަހު މަހްލޫފަށާއި އެމްޑީޕީއަށް އެންގުމެއް އަންގާފައިވާނެ ކަމަށެވެ. އެގޮތުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތުކަށް އޮތީ ހަމަ އެކަނި އެ ޕާޓީގެ މެމްބަރަކަށްވުން ކަމަށް މަހްލޫފަށް އަންގާފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ. އެގޮތައް އެންގީ އިލެކްޝަނުގައި ދަފްތަރުކޮށްފައިވާ އެމްޑީޕީގެ އަސާސީ ގަވައިދުގައި އެތެރޭގެ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތުތައް އޮތީ ކިހިނެތްތޯ ސާފުކޮށްދިނުމަށް މަހްލޫފު ހުށައަޅާވާތީ އެވެ.
އަދި އެތެރޭގެ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތައް ޕާޓީގެ އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާނެ ކަމަށް އެމްޑީޕީއަށް ވަކިން އިލެކްޝަނުން އެންގި ކަމަށް ހަބީބު ވިދާޅުވި އެވެ.
"ސިޔާސީ ޕާޓީތަކުގެ އަސާސީ ގަވައިދުގެ 13 މާއްދާގެ (މ) އެބަ އޮވޭ އަސާސީ ގަވައިދުގައި ބަޔާންކޮށްފައި އޮންނަން ޖެހޭނެ ކަމަށް ޕާޓީގެ މަގާމުތަކަށް މީހުން އިންތިހާބުކުރާނެ އުސޫލެއް، އެހެންވެ މަހްލޫފުގެ މި ޝަކުވާތައް ދިރާސާ ކުރުމަށްފަހު އިލެކްޝަނަށް އެކަން ފާހަގަ ކުރެވިގެން އެމްޑީޕީއަށް ވާނެ އެކަން އަންގާފައި. އެކަމު ކޮންމެ ސިޔާސީ ޕާޓީއަކަށްވެސް އިންތިހާބުގައި ވާދަކުރުމުގައި ކަނޑައަޅާނެ ޝަރުތައް ނިންމުމުގެ އިހްތިޔާރު ލިބިގެންވޭ. އެކަމު އެކަން އޮންނަންވާނެ އަސާސީ ގަވައިދުގައި ފާސްކުރެވިފައި. އެހެންވެ އެގޮތައް ހިމެނުމަށް އިލްތިމާސްކުރީ. މަހްލީފަށް އަޅުގަނޑުމެން މި އަންގަނީ އިންތިހާބެއްގައި ޝަރުތުތަކެއް ކަނޑައެޅުމުގެ ބާރު ޕާޓީތަކަށް ލިބިގެންވެ އޭ އެކަމު އިލެކްޝަންސް ކޮމިޝަނުގައި ދަތްފަތުކޮށްފައި އޮތް ޕާޓީގެ ދަފްތަރުގައި ނެތޭ މެންބަރަކަށް ވުން ނޫން އިތުރު ޝަރުތެއް" ހަބީބު ވިދާޅުވި އެވެ.
އިންތިހާބުގައި ވާދަކުރެވޭ ކެންޑިޑޭޓުންގެ ލިސްޓުން މަހްލޫފުގެ ނަން އުނިކުރީ އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރި ޝަރުތުތަކަށް ފަހު މަހްލޫފަށް ވާދަނުކުރެވޭނެ ކަމަށް ނިންމައި އެވެ. އެހެން ނަމަވެސް އިންތިހާބަށް އިއުލާންކުރާއިރު ޝަރުތުތައް އޮންނަންވާނީ ކަނޑައެޅި ބަޔާންވެފައި ކަމަށާއި އޭގެ ފަހުން އާ ޝަރުތެއް ކަނޑަނޭޅޭނެ ކަމަށް މަހްލޫފު ގެންދެވީ ވިދާޅުވަމުންނެވެ.