މީހެއްގެ ފޯނު ހެކްކޮށް އެ ފޯނުގައި ހުރި ފޮޓޯތަކެއް ސޯޝަލްމީޑިއާގައި ލީކް ކޮށްލި މައްސަލައިގައި ހައްޔަރުކޮށްފައިހުރި މީހާގެ ބަންދު މުއްދަތު އިތުރުކޮށްފިއެވެ.
ސައިބަރ ކްރައިމްގެ މި މައްސަލައިގައި ހައްޔަރުކޮށް ބަންދު ކޮށްފައިވަނީ އުމުރުން 36 އަހަރުގެ މއ. އިސްޕަންޖުގެ މަސާއިދު ބިން ސަމީއުއެވެ. ކްރިމިނަލް ކޯޓުން އިއްޔަ އޭނާގެ ބަންދަށް ވަނީ 6 ދުވަސް ދީފައެވެ.
އޭނާ ބަންދު ކޮށްފައިވަނީ މީހެއްގެ ފޯނެއް ހެކްކޮށް އެ ފޯނުގައި ހުރި ފޮޓޯތަކެއް ސޯޝަލްމީޑިއާއަށް ލީކްކޮށްލިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ. މި މައްސަލައިގައި މީނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ގަރީނާ ހުށަހަޅާފައިވާކަމަށާއި, މިގޮތުން މީނާ ބޭނުންކުރާކަމަށް ބެލެވޭ އައިޕީ އެޑްރެސްއެއް މެދުވެރިކޮށް, ވިކްޓަމްގެ ފޮޓޯތަކެއް ސޯޝަލްމީޑިއާއަށް ލީކް ކޮށްލާފައިވާކަމަށް ބެލެވޭ ސްކްރީންޝޮޓެއް ފުލުހުން ހުށަހަޅާފައިވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މީނާއަކީ ބަރަހަނާ މަންޒަރުތައް އާންމުކުރާ ޓެލެގްރާމް ގުރޫޕެއް ހިންގަމުން އައިމީހެކެވެ.
މީނާގެ ބަންދުގެ މަޖިލީހުގައި ފުލުހުން ބުނެފައިވަނީ މީނާގެ އޮފީހުގައި ބޭނުންކުރާ ސިސްޓަމުގެ 2 ޓީބީ ހާރޑްޑްރައިވް ތަހުލީލުކުރުމުން 1 މިލިއަނަށްވުރެއް ގިނަ ފޮޓޯއާއި ފާސަނަލް ފައިލްސް ފެނިފައިވާކަމަށާއި, މީނާގެ އޮފީހުގެ ވަތްގަނޑުގެ ތެރެއިން އިތުރު 2 ހާރޑްޑްރައިވް އަދި މީނާގެ ގެއިން 7 ހާރޑްޑްރައިވް ފެނިފައިވާކަމަށެވެ.
މިމައްސަލައިގައި ޕީޖީން ބުނެފައިވަނީ މިމައްސަލައަކީ ގިނަ ބައެއްގެ ވިކްޓިމްސް ތަކެއް ހިމެނޭ މައްސަލައެއް ކަމަށާއި, ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަބުރު ރައްކާތެރިކުރުމުގެ ހައްޤު މި ކުށުގެ އަމަލުގެ ސަބަބުން ގެއްލިފައިވާކަމަށެވެ. އެހެންކަމުން އޭނާ ބަންދުގައި ބަހައްޓައިދިނުމަށް ޕީޖީން އެދިފައިވެއެވެ.
މީނާގެ ބަންދު އަޑުއެހުމުގައި މީހާގެ ވަކީލުގެ ފަރާތުން ބުނެފައިވަނީ މީނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކި ގަރީނާ ފޯމުގައި ބަޔާންކޮށްފައިނެތް އެތަކެއް ކަމެއް ފުލުހުން ޘަރިއަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވާކަމަށާއި, އެހެންކަމުން އެކަންކަމަކީ ރިއާޔަތްކުރެވޭނެ ކަމެއްނޫންކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި މީނާ ބަންދުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާކަމަށާއި, އަދިވެސް ފުލުހުންގެ ފަރާތުން ދައްކަނީ ތަހުގީގުކުރުމުގެ މަރުހަލާގައިވާ އެއްޗެހިތަކެއްގެ ވާހަކަ ކަމަށެވެ. އެހެންކަމުން އޭނާގެ ބަންދަށް ލުޔެއް ދިނުމަށް އެދިފައިވެއެވެ.