ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އެ މީހުންގެ ގައުމަށް ފޮނުވާލުމަށް އިމިގްރޭޝަނުން ފަށާފައިވާ ޙާއްސަ ޕްރޮގްރާމްގެ ދަށުން އައްޑޫގައި އުޅެމުންދާ މިފަދަ ފަރާތްތަކުގެ ތެރެއިން އަމިއްލައަށް، ވޮލަންޓިއާކޮށް ފުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.
މި ފުރުސަތު ވަނީ އަންނަ މަހުގެ 6 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.
އައްޑޫގައި ގިނަ އަދަދަކަށް ބިދޭސީން ގަވާއިދާއި ހިލާފަށް މަސައްކަތް ކުރަމުން ދިޔުމާ އެކު އެއްވެސް ސަބަބަކާ ހުރެ ވަޒީފާ ދޫކޮށްލާފައި ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ ބިދޭސީންނަށް މި ޕްރޮގްރާމްގެ ދަށުން އެނބުރި އެމީހުންގެ ގައުމަށް ދިޔުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.
ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ލުތުފީ ވިދާޅުވީ އައްޑޫގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަމިއްލަ ހަރަދުގައި ގައުމަށް ފުރަން، އެންމެ ފުރަތަމަ ދާން ޖެހެނީ މާލެ އަށް ކަމަށެވެ.
އަދި މާލެ އަށް ގޮސް އިމިގްރޭޝަނުން، ދަރުމަވަންތަ ސްކޫލްގައި މިހާރު ގާއިމުކޮށްފައިވާ ވޮލަންޓިއާ ސެންޓަރުން އެ ބިދޭސީއަކާ ގުޅޭ ލިޔެ ކިޔުންތައް ހަމަޖެއްސުމުން ފުރުމުގެ ކަންތައްތައް ހަމަޖެހިގެން ދާނެ ކަމަށް ވިދާޅުވި އެވެ.