ޖިނާއީ ބޮޑެތި ކުށްތަކުގައި ހިމެނޭ 140 މީހަކަށް ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނީ އެހީތެރިކަން ފޯރިކޮށްދީފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަަލަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިން 140 މީހުންގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނެވެ. އެގޮތުން 18 އަހަރުންދަށުގެ 74 ކުއްޖަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު 66 މީހުންނަކީ 18 އަހަރުން މަތީގެ މީހުންނެވެ.
ގާނޫނީ ވަކީލެއްގެ އެހީތެރިކަން ދައުލަތުން ފޯރުކޮށްދިން މީހުންގެ ތެރޭގައި މަރުގެ މައްސަލަތަކުގައި ތުހްމަތު ކުރެވޭ 7 މީހަކުހިމެނެ އެވެ. އެއީ 18 އަހަރުން ދަށުގެ ތިން ކުއްޖަކަށާއި 18 އަހަރުން މަތީގެ ހަތަރު މީހަކަށެވެ.
ގާނޫނީ ވަކީލެއްގެ އެހީތެރިކަން ދައުލަތުން ފޯރުކޮށްދިން މީހުންގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ ކުށްތަކުގައި ތުހްމަތުކުރެވޭ މީހުނަށެވެ. އެ ގޮތުން މަސްތުވާތަކެތީގެ މައްސަލަތުގައި ހިމެނޭ 74 މީހަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކާ ގުޅޭ ތަފާސްހިސާބު pic.twitter.com/TPNbQyo0AM
— AG Office Maldives (@AGOmv) September 2, 2021
މީގެ އިތުރުން ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ މައްސަލައިގައި ހިމެނޭ 19 މީހަކަށާއި މާރާމާރި ހިންގުމާއި އަނިޔާއެއް ދިނުމުގެ ކުށުގައި ތުހްމަތުކުރެވޭ 14 މީހެއްގެ އިތުރުން ވައްކަމާ ހިޔާނާތުގެ ކުށުގައި ހިމެނޭ 11 މީހަކަށްވެސް ގާނޫނީ ވަކީލުން ހަމަޖައްސާދީފައިވެ އެވެ.
މީގެ އިތުރުންވެސް ބިރުއްދެއްކުމާއި ބްލެކްމެއިލްކުރުމުގެ ކުށުގައި ތުހްމަތުކުރެވޭ މީހުނަށާއި މުދަލަށް ގެއްލުން ދިނުމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި ރޭޕްކުރުމާއި ޓެރަރިޒަމްގެ ކުށްތަކުގައި ހިމެނޭ މީހުނަށްވެސް ބަންޑާރަ ނައިބު އޮފީސްމެދުވެރިކޮށް ދައުލަތުން ވަނީ ގާނޫނީ ވަކީލެގެ އެހީތެރިކަން ފޯރުކޮށްދީފައި އެވެ.
ގާނޫނީ ވަކީލަކު ހަމަޖެއްސެން ނެތް ފަރާތަކަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ދައުލަތުން ފޯރުކޮށްދިނުމަށް ގާނޫނު އަސާސީ ލާޒިމްކުރެ އެވެ. ގާނޫނު އަސާސީގެ އަސާސީގެ 53 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހްމަތުކުރެވޭ މީހާއަކީ ގާނޫނީ ވަކީލަކު ހަމަޖެއްސުމުގެ މާލީ ތަނަވަސްކަން ނެތް މީހަކު ނަމަ އޭނާއަށް ދައުލަތުން ގާނޫނީ ވަކީލަކު ހަމަޖައްސާދޭން ވާނެ ކަމަށެވެ.