Last Updated: November 27, 01:11
Tuesday, November 26, 2024
ޚަބަރު

ބަރުލާމާނީ ޕެޓިޝަނުގައި ސޮއިކުރިޔަ ނުދޭން ސަރުކާރުން ބިރު ދައްކާކަމުގެ ތުހްމަތު؟!

ބަރުލަނީ ޕެޓިޝަނުގައި ސޮއިކޮށްފައިވާ ފަރާތަތްކުގެ ފޯމްތަކާ ނިޝާން ހަވާލުވަނީ

ބަރުލަމާނީ ނިޒާމަށް ތާއިދުކޮށް ނިޒާމީ ވޯޓަކަށް ދިއުމަށް ގޮވާލައި، ޕެޓިޝަނުގައި ސޮއިކުރިޔަ ނުދިނުމަށް ސަރުކާރުން ބައެއް ފަރާތްތަކަށް ނުފޫޒު ފޯރުވައި، ބިރު ދައްކާ ކަމަށް ޕެޓިޝަނުގައި ސޮއިކުރުމުގައި އިސްކޮށް އުޅޭ ބައެއް ފަރާތްތަކުން ތުހްމަތުކޮށްފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ހުށައަޅަން ތައްޔާރުކުރާ ޕެޓިޝަނުގެކަންތަކުގައި އެންމެ އިސްކޮށް އުޅޭ މުހައްމަދު ނިޝާން އިބްރާހިމް އައްޑޫލައިވް އަށް މައުލޫމާތު ދިން ގޮތުގައި އެ ޕެޓިޝަނުގައި ސޮއިކޮށްފާނެ ކަމަށް ބައެއް މީހުނަށް މި ސަރުކާރުން ބިރު ދައްކާކަމުގެ ޝަކުވާ އެފަރާތްތަކަށް ވަނީ ލިބިފައި އެވެ.

ނަމަވެސް ސަރުކާރުގައި ތިބި ބައެއް މީހުންވެސް އެ ޕެޓިޝަނުގައި މިހާތަނަށް ސޮއިކޮށްފައިވާ ކަމަށާއި އެމީސްމީހުންގެ ނަންތައް އަދި އާއްމު ނުކުރާނެ ކަމަށް ނިޝާން ބުންޏެވެ.

"ވަރަށް މީހުން އެބަ ބުނޭ މި ޕެޓިޝަނުގައި ސޮއިކުރުމާ ދެކޮޅަށް ސަރުކާރުން ނުފޫޒު ފޯރުވާ ބިރު ދައްކަމުންދޭ، އަޅުގަނޑުމެނަށް އެކި މީސް މީހުންގެ ފަރާތުން އެ ޝަކުވާ އެބަ ލިބޭ،" ނިޝާން ބުންޏެވެ.

ނިޝާން ބުނި ގޮތުގައި ޕެޓިޝަނުގައި އެއްލައްކަ މީހުންގެ ސޮއި ހޯދުން އެއީ އެމީހުންގެ އަމާޒެވެ. އަދި މިހާތަނަށް އެ ޕެޓިޝަނުގައި ބައިލައްކަ މީހުނަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން އެ ޕެޓިޝަނަށް ސޮއި ހޯދަން މާލޭގައި އިސްކޮށް އުޅޭ ފަރާތްތަކުން އަތޮޅުތެރެއަށް ދަތުރުތައް ފަށަން ހަމަޖައްސާފައިވާ ކަމަށްވެސް ނިޝާން ފާހަގަކުރި އެވެ.

" މި ޕެޓިޝަނުގައި ސޮއިކުރުމުގައި އިސްކޮށް އުޅޭ ޓީމްއެއްކޮން ރާއްޖޭގެ ބޮޑެތި އާބާދީތައް ހިމެނޭ ރަށްރަށަށް ދަތުރުކުރަން ވަނީ ހަމަޖައްސާފައި. އެ ދަތުރުތައް މިހާރު ވަނީ ޝެޑިއުލްވެސް ކުރެވިފައި. އަޅުގަނޑުމެންގެ މި މަސައްކަތް އިތުރަށް ވަރުގަދަ ކުރާނަން،" ނިޝާން ބުންޏެވެ.

ދައުރު ނުނިމެނީސް ނިޒާމީ ވޯޓަކަށް ދިއުމާމެދު ސަރުކާރު ހިންގައި މައި ޕާޓީ، އެމްޑީޕީ ތެރޭގައިވެސް ވަނީ ހިޔާލު ތަފާތުވުން އުފެދިފައި އެވެ. އިދިކޮޅު އެހެން ބޮޑެތި ޕާޓީތަކުން ގެންދަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާނެ ކަމަށްވެސް ބުނަމުންނެވެ. ނަމަވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތާއީދު ކުރައްވާ އެ ޕެޓިޝަނުގައި ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ ބައެއް މެމްބަރުންވެސް ވަނީ ސޮއިކުރައްވާފައި އެވެ.

ދައުރުގެ މެދުތެރެއިން ނިޒާމީ ވޯޓަކަށް ދިއުމާ ގުޅޭ ގޮތުން ސަރުކާރުން ބުނެފައިވަނީ އެއީ މި ސަރުކާރުން ތަންފީޒުކުރާ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.