ޗުއްޓީ ހޭދަކޮށްލުމަށް އިޒްރޭލުގެ ބޮޑުވަޒީރު ރާއްޖެ އަތުވެއްޖެ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ރާއްޖެ އައިސްފައިވަނީ އޭނަގެ އާޢިލާއާއެކުގަ އެވެ.
އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެންމެ ފުރަތަމަ ބެނެޓް ޗުއްޓީއަށް މޮރިޝަސް އަށް ދާން ނިންމި އެވެ. ނަމަވެސް ކޮވިޑް-19 ސަބަބުން އެ ގައުމުގެ ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން އެހެން ގައުމަކަށް ނަފްތާލީ ދިޔައީކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބެނެޓް ޗުއްޓީ ހޭދަކުރާނީ ސެންޓާރާ ގްރޭންޑް އައިލެންޑް އެންޑް ސްޕާގަ އެވެ.
ފަލަޞްޠީނުގެ ބިމުގައި އިޒްރޭލުގެ ވެރިކަން ގާއިމުކުރުމަށް ނުހަނު ތާއިދުކުރާ ބެނެޓަކީ ޔަހޫދީ ހަރުކަށި ފިކުރުގެ މީހެކެވެ. އަދި އޭނާއަކީ ފަލަޞްޠީން މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެންމެ ދެކޮޅުވެރި ލީޑަރުވެސް މެއެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި ރާއްޖެ އިން ވަނީ އިޒްރޭލާއެކު އޮތް ސިޔާސީ ގުޅުންތައް ކަނޑާލާފަ އެވެ. އަދި އެ ގައުމުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުންވެސް މަނާކޮށްފަ އެވެ. ނަމަވެސް އިޒްރޭލް މީހުންނަށް ޓޫރިސްޓުންގެ ގޮތުގައި ރާއްޖެ އައުމުގެ ހުއްދަ އޮވެ އެވެ.