އައްޑޫ ސިޓީ ކައުންސިލާއި އެމްއެންޑީއެފް ސަދަން އޭރިއާ ގުޅިގެން ހުޅުމީދޫގައި ހިންގި ފުރަތަމަ ފަޔާ ފައިޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމައި ބައިވެރިންނަށް މިއަދު ސެޓްފިކެޓް ދީފި އެވެ.
ދެ ޖިންސުގެ 24 ޒުވާނުން ބައިވެރިވި މި ޓްރޭނިން ޕްރޮގްރާމް ފުރިހަމަ ކުރި ކުދިންނަށް ސެޓްފިކެޓް ދިނުމަށް މިއަދު ހަވީރު ހުޅުމީދޫގައި ހުންނަ ވިލާ ކޮލްޖެގް ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ސެޓްފިކެޓް ދެއްވީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.
މީގެ އިތުރުން ޓްރޭނިން ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި މަސައްކަތް ކުރެއްވި ފަރާތްތަކުގެ އަގު ވަޒަންކޮށް، އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ އެ ފަރާތްތަކަށް ހަނދާނީ ލިއުމެއް ދީފަ އެވެ.
މި ލިއުން މުދައްރިބުންނާ ހަވާލުކޮށް ދެެއްވީ އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރު ކާނަލް ވައިސް ވަހީދެވެ.
މި މަހުގެ 22-26 އަށް ހިންގި ފަޔާ ފައިޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި މޭޔަރު ވިދާޅުވީ އައްޑޫގައި އެމްއެންޑީއެފުން މިފަދަ ކަމެއް ކުރުމަކީ ވަރަށް އުފާ ކުރަން ޖެހޭ ކަމެއް ކަމަށެވެ.
އަދި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ އަމަލި ކުރާނެ ގޮތުގެ ތަމްރީނު މުޖުތަމައު ތެރޭގައި އުޅޭ ބަޔަކަށް ފޯރުކޮށް ދިނުމަކީ އެކަމުގެ ފައިދާ ވަރަށް ބޮޑަށް ލިބިގެން ދާނެ ކަމެއް ކަމަަށް ވިދާޅުވި އެވެ.
އެހެންވެ ބައިވެރިންނަށް ދަސްވި އެއްޗެއްގެ ބޭނުން ހިފުމަށް މޭޔަރު ވަނީ ގޮވާލައްވައިފަ އެވެ. އޭނާ ވިދާޅުވީ އައްޑޫގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ވަކިން އޮންނަ ހުޅުމީދޫގައި ފަޔާ ފައިޓިން އަށް ތަމްރީނުވެފައި ތިބި ބަޔަކު ހަރަކާތްްތެރިވުމަކީ މުހިއްމު ކަމެއް ކަމަށާއި މި ތަމްރީނު ފުރިހަމަ ކުރި ޒުވާނުންގެ ފަރާތުން އެ ރަށަށް ފައިދާތަކެއް ކުރާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.
ކާނަލް ވައިސް ވަހީދު ވެސް ވިދާޅުވީ ބައިވެރިންނަށް ދަސްވި އެއްޗެެއްގެ ބޭނުން ދިރިއުޅުމުގައި ބޭނުންކޮށް، ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
އަދި މި ފަހަރު ތަމްރީނު ކުރި ޒުވާނުންނަށް ކުރިއަށް އޮތް ތަނުގައި ވެސް ދޭތެރެ ދޭތެރެެ އިން ރިފްރެޝް ކުރުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ސަދަން އޭރިއާ އޮތީ މިކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން ތައްޔާރަށް ކަމަށް ވައިސް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ފަޔާ ފައިޓަރުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ގިނަ ބައެއްގެ އެހީތެރިކަން ވެސް ބޭނުންވާ ކަމަށެވެ. އެގޮތުން އެކަމަށް ބޭނުން ކުރާނެ ވަސީލަތްތައް ހޯދައި ދިނުމަށް، އައްޑޫގައި ތިބި ތަނަވަސް ފަރާތްތަކުން އެހީތެރިކަން ފޯރުކޮށް ދޭން ވައިސް ވަނީ އެދިވަޑައިގެންފަ އެވެ.