ރ. ފުއްގިރި މައްސަލައިގައި ދައުވާ ކޮށްފައިވާ ފަރާތްތަކުގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ރ. ފުއްގިރި މައްސަލައިގައި ދައުވާ ކޮށްފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް އަދި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ އަޑުއެހުމެއް ބާއްވާފައެވެ.
އެގޮތުން މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، މި މައްސަލައިގައި މިވަގުތު ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތްކޮށް، މިމައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ދައުވާތަކަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލަތަކެއްކަމަށް ނިންމަވާކަމަށެވެ.
މިއަދު ހެނދުނު 09:00 އަށް ތާވަލު ކޮށްފައިއޮތް ޝަރީއަތް ޓެކްނިކަލް މައްސަލަތަކާއި އަދި އިތުރު ބައެއްކަންކަމާއި ގުޅިގެން ފެށިފައިވަނީ ލަހުންނެވެ. އެކަމާ ގުޅިގެން މި މައްސަލައިގައި ދައުވާ ކޮށްފައިވާ ކްރިކް ރިޒާ، ސަން ކޮންސްޓްރަކްޝަން އަދި ސަން އިންވެސްޓްމެންޓްގެ މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ސެޕްޓެމްބަރު 16 ވަނަ ދުވަހު އެހެން އަޑުއެހުމެއް ބޭއްވާނެކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅާ ނިމިފައިވާއިރު ދެން އޮންނާނީ އެ ހުށަހެޅުންތަކާ ގުޅޭގޮތުން ގޮތެއް ނިންމުމެވެ.
ރ. ފުއްގިރި މައްސަލައިގެ ތަފްސީލު:
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއްމިލިއަން އެއްލައްކަ ސަތާރަހާސް ޑޮލަރު ހޯދައިފައިވާ ކަމަށެވެ.
މީގެ އިތުރުން ރިޝްވަތުގެ ގޮތުގައި ހޯދައިފައިވާ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.
މި މައްސަލައިގައި ޕީޖީން ދައުވާކޮށްފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށާއި، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.
ރައީސް ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރަނީ ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ އާއި މަނީލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އަހުމަދު ކްރިކް ރިޟާގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.