Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު ޝަރުއީ ދާއިރާ

ނަދީމް މަރާލި މައްސަލަ، މިއަދުގެ އަޑުއެހުން ކެންސަލް

ޖުލައި 27، 2017 ވަނަ ދުވަހުގެ ހަވީރު ޓާމިނަލް ކެފޭ ތެރޭގައި އިންދާ ބޮލަށް ވަޅި ހަރައި މަރާލި ހއ. ތަކަންދޫ / އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގައި މިއަދަށް ތާވަލު ކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

އެ މައްސަލައިގައި މިއަދު އަޑުއެހުމެއް ތާވަލުކޮށްފައިއޮތީ 09:30 އަށެވެ. އެހެންނަމަވެސް ކްރިމިނަލް ކޯޓުން ބުނެފައިވަނީ ދިފާއީ ވަކީލުންގެ އެދުމުގެ މަތިން މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވާކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންނާއި ދިފާއުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގާފައިވާއިރު، މި މައްސަލައިގައި ދެން އޮތީ ދައުލަތުން ހުށަހަޅާ ހެކިބަސްނެގި ދެ ސިއްރު ހެއްކެއް ފޮނުވާފައިވާކަމަށް ބުނާ ސިޓީތަކާ މެދު ގޮތެއް ނިންމުމެވެ.

ނަދީމް މަރާލި މައްސަލައިގައި ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ މުހައްމަދު މަފާޒު ހަސަން ސަލީމްގެ މައްޗަށް ކޮށްފައިވާއިރު ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އަލީ ނިފާޒް، ހުސައިން ޝާމިން އަދި މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށް އުފުލާފައިވެއެވެ.