ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްކޮށް ހުންނަވައިގެން އުފައްދަވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ(އެމްއެންޕީ)އަށް އދ.އަތޮޅުގެ އާއްމު ގިނަ ބަޔަކު ސޮއި ކޮށްފިއެވެ.
އެމްއެންޕީއަށް ސޮއިކުރަމުންދާ މެމްބަރުންގެ ވާހަކަތައް ނާޒިމްގެ ޓުވީޓުތަކުން ވެސް ހާމަކުރަމުންދާއިރު އޭނާ އދ އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން ގިނަ ބަޔަކު ސޮއިކޮށްފައިވާކަމަށް ވަނީ ވިދާޅުވެފައި އެވެ.
އެގޮތުން ނާޒިމް ތަމްސީލް ކުރައްވާ ދަނގެތިދާއިރާގައި ހިމެނޭ ދަނގެތި ރަށު ކައުންސިލްގެ އަންހެން ކައުންސިލް މެމަބަރު،ނައީމާ އަހްމަދު ވަނީ އެ ޕާޓީއަށް ސޮއި ކުރައްވާފައި އެވެ. މިއީ އެ ޕާޓީއަށް ސޮއިކުރި ފުރަތަމަ އަންހެން ކައުންސިލަރެވެ.
މޯލްޑްވިސް ނެޝެނަލް ޕާޓީ (އެމް.އެން.ޕީ) އާ ގުޅިވަޑައިގަތް ފުރަތަމަ އަންހެން ކައުންސިލަރު، ނައީމާ އަހްމަދު އަށް ހޫނު މަރުހަބާ އެއް ދަންނަވަން. އދ. ދަނގެއްޗަށް ނިސްބަތްވާ ކައުންސިލަރު ނައީމާ، އަޅުގަނޑުމެންނާ ގުޅިވަޑައިގެންނެވި ކަމީ ލިބުނު ވަރަށް ބޮޑު އުފަލެއް. pic.twitter.com/JfW36Tamy1
— Col(rtd)Mohamed Nazim MP (@nazim7878) September 3, 2021
ހަމައެހެންމެ ދަނގެތިދާއިރާގައި ހިމެނޭ އޮމަދޫއިންނާއި ފެންފުށިންވެސް އާއްމު މެންބަރުންތަކެއް ސޮއިކޮށްފައިވެ އެވެ. އޭގެ އިތުރުން އެ ދާއިރާގައި ހިމެނޭ މަންދޫ އާއި ދިގުރަށުންވެސް އެ ޕާޓީއަށް މީހުން ވަނީ ސޮއިކޮށްފައި އެވެ.
" އދ. ފެންފުއްޓަށް މިއަދު ކުރި ދަތުރުގައި މޯލްޑްވިސް ނެޝެނަލް ޕާޓީ (އެމް.އެން.ޕީ) އާ ގުޅިވަޑައިގެންނެވި އެންމެހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން. ރާއްޖޭގެ އެކިކަންކޮޅުތަކުން އެމް.އެން.ޕީ ގެ ސިޔާސަތުތަކަށް ލިބެމުންދާ ހޫނު ތަރުހީބަށް އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން." ނާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެ އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމާއި ކުރީގެ ޕޮލިސް ކޮމިޝަނަރ އަދި ތިމަރަފުށީ ދާއިރާގެ މިހާރު މެމްބަރު އަބްދުﷲ ރިޔާޒާއި ރައްޔިތުންގެ މަޖިލީހުގެ އިތުރު މެމްބަރުންތަކެއް އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕާޓީއަށް މިހާތަނަށް އެކި ދާއިރާތަކުގެ މަޝްހޫރު ބޭފުޅުންތަކެއް ވަނީ ގުޅިފައި އެވެ. އަދި ތައުލީމީ ގިނަ ބަޔަކުވެސް ގުޅިފައިވާކަމަށް އެ ޕާޓީން މީގެ ކުރިން ހާމަކޮށްފައިވެ އެވެ.