އައްޑޫގެ ނަމާދު ވަގުތުތައް ހިމަނައިގެން "އައްޑޫ ކަލަންޑަރު" ގެ ނަމުގައި އަންނަ އަހަރުގެ ކަލަންޑަރެއް ނެރެފި އެވެ.
މިކަލަންޑަރު އިފްތިތާހުކޮށް ދެއްވީ ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ރޭ އޮތް ރަސްމިއްޔާތެއްގައި މަރަދޫ ދާއިރާ ކައުންސިލަރު ޢަބްދުﷲ ޠައްޔިބެވެ.
"މިއީ އައްޑު އަށް ލިބުނު ވަރަށް ބޮޑު ތަރައްޤީއެއް. ތަރައްޤީއަކީ ހަމައެކަނި ރަށްރަށުގައި ހެދޭ ބަނދަރުތަކާ ދަނޑުތައް އެކަނި ނޫންކަމާއި ހުނަރުވެރި ރައްޔިތުމީހާގެ ހުނަރުތައް މުޅިރަށަށް ފައިދާހުރި މިފަދަ ގޮތްގޮތަށް ބޭނުން ކުރުމަކީ ވެސް ތައްޤީކަމުގައި އޭނާ ވިދާޅުވި. " މިރޭ މި ނިގެން ދިޔައީ އައްޑޫގެ ތަރައްޤީ އަށް އަޅުގަނޑުމެން ހޭދަ ކުރާ ބޮޑެތި މަޝްރޫއަކަށް ވުރެ ވަކި ސަހަލު މަޝްރޫއެއް ނޫން. ތަރައްޤީ އަޅުގަނޑުމެންނަށް މި އަންނަނީ ހަމައެކަނި ބަނދަރަކުން ނުވަތަ ހެދޭ ދަނޑަކުންނެއް ނޫން. ހުނަރުވެރިކަމާ، އުފެއްދުންދެރިކަން އެއީ އަޅުގަނޑުމެންނަށް އެންމެ ބޮޑު ތަރައްޤީ ލިބޭ އެއް ގޮތް. ރައްޔިތު މީހާގެ ހުންނަ މިފަދަ ޢިލްމާއި ހުނަރު އަޅުގަނޑުމެންގެ ތެރޭގައި އެބަ ބޭނުންވޭ."
މި ކަަލަންޑަރު ނެރުނީ ހިތަދޫގައި ހުންނަ ހިރާ ސްކޫލުން އޭނާގެ ދަރިނަށް ކިޔަވައި ދިނުމުގެ މަޤްޞަދުގައި އައްޑު އަށް މި އަހަރުގެ ޖެނުއަރީ މަހު ދިރިއުޅުން ބަދަލު ކުރެއްވި މާލޭ ރައްޔިތެއް ކަމަށްވާ ހ. އަލިނަރުމާގޭ މުޙައްމަދު އަފްޒަލެވެ.
އޭނާ ވިދާޅުވީ އައްޑޫ ކަލަންޑަރު ހެދުމުގެ ޚިޔާލު އޭނާ އަށް އައީ، އައްޑޫ އަތޮޅުގެ ނަމާދު ވަގުތުތަކާއި މާލޭގެ ނަމާދު ވަގުތުތަކާއި ބޮޑު ތަފާތެއް ވާއިރު ވެސް އެކަން ޢާއްމުކޮށް އެނގޭނެ އެއްވެސް ވަޞީލަތެއް އައްޑޫން ލިބެން ނެތުމުން ކަމެވެ.
"އަޅުގަނޑަކީ އިމާމެއް، މާލޭސިޓީ ކައުންސިލްގެ އިމާމެއް. އަޅުގަނޑުގެ ވަޒީފާ ވެސް އައްޑޫ އަތޮޅަށް ބަދަލުކުރީ ޖެނުއަރީ 14ވަނަ ދުވަހު. އަޅުގަނޑަށް ދިމާވި އެންމެ އުނދަގޫވި ކަމަކީ ނަމާދު ވަގުތު އިނގޭނެ ކަލަންޑަރެއް ނެތުން،" އަފްޒަލް ވިދާޅުވި އެވެ. "ކޮންމެއަސް މީ އަޅުގަނޑުގެ ހިތުގައި އައްޑު އަށް ޚާއްޞަކޮށްގެން ކަލަންޑަރެއް ހެދުމުގެ ޝައުޤު އުފެދުނު ހިސާބު."
އަންނަ އަހަރުގެ މި ކަލަންޑަރު މިހާރު އަންނަނީ އާންމުކޮށް ވިއްކަމުންނެވެ. ރޭ 30ރ. އަށް ކަލަންޑަރެއް ވިއްކި ނަމަވެސް އާންމު އަގަކީ 35ރ. އެވެ.
މިއީ ހިރާ ސްކޫލާޢި ކޮޕީ އެން ޝޮޕާ އަފްޒަލް ނެރުއްވި ކަލަންޑަރެކެވެ.
"މި ކަލަންޑަރު ޚާއްޞަވެފައި ވަނީ ހަމައެކަނި އައްޑޫ ސިޓީ އަށް." އޭނާ ވިދާޅުވި އެވެ.