ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭން ހިންގި ހިޔާ މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޭކާރު އަދި އެންމެ ހަރަދުބޮޑު މަޝްރޫއު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޔޫނުސް ވިދާޅުވިދާޅުވީ ރައީސް ޔާމިންގެ ވެރިކަމުގައި ހިޔާ މަޝްރޫއު ހިންގާ ނިމުމުކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކާއިރު މި ސަރުކާރުން ހަވާލުވިއިރު ހިޔާ ފްލެޓްތަކުގައި ހުރީ ހަތަރުގަނޑު ފާރު ކަމަށެވެ.
"މިއަދު މާލޭ ސިޓީގައި ކޮންކްރީޓް އަކަފޫޓެއް ޖެހެނީ ގާތްގަނޑަކަށް 100 ޑޮލަރު. އެހެން ނަމަވެސް ހިޔާ ފްލެޓްގެ މި ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް 62000 ޑޮލަރު ހޭދަކޮށް ބޭކަރުކޮށްފައިވޭ، އަޅުގަނޑަކަށް ނޭނގޭ މި ފައިސާ ވަނީ ކާކުގެ ޖީބަކަށް ކަމެއް،" ޔޫނުސް ވިދާޅުވި އެވެ.
ހިޔާ ފްލެޓަށް ހެޔޮ އަގެއް ކުރީ ސަރުކާރުން ކަނޑައެޅީ ރައީސް ޔާމިން ދެ ވަނަ ދައުރަކަށް އިންތިހާބު ނުވުމުން އޭގެ ފަހުން ހައުސިން މިނިސްޓްރީން އެޗްޑީސީއަށް ސިޓީއެއް ފޮނުވައިގެން ކަަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ހުޅުމާލެ ފޭސް ދެއެއްގެ ނިންމާފައި ބިމުން ބޮޑު ބައެއް ވިއްކާލާފައި، ރޭގަނޑު ދަންވަރު އިއުލާންކޮށްގެން ބިމުންވެސް ބައެއް ވިއްކާލާފައި އެ ފައިސާ ކޮޅުވެސް ޖީބަށް ލައިގެން ގޮސްފައި އެ ތިބީ. އެ ބުނާ މަގުތައް އަލުން ޖެހުނީ ކޮށާލަން ފެން އަޅަން ޖެހޭ ކަރަންޓް އަޅަން ޖެހޭ، މި އެއްވެސް ކަމެއްް ނާޅާ މަގުމަތީ ތާރުފަށެއް އަޅާލާފައި ނިންމާލާފައި ހުރީ، މި ގޮތައް ހުރިހާ ކަމެއް ކޮށްފައި ހުރީ،" ޔޫނުސް ވިދާޅުވި އެވެ.
މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މި ސަރުކާރުން ގެންދަނީ ވަަރަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވުމަށް ކަމަށާއި ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ މި ސަރުކާރުން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.