އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅޭ މައުލޫމާތު ދޭން ބާއްވަން އުޅުނު އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ ކޯރަމް ހަމަނުވެގެން ކެންސަލްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މެއި މަހު ދިން ހަމަލާއަށްފަހު އެ ހަމަލާގެ ތަހްގީގުގެ ކަންކަން ބަލަން ގައުމީ މަޖިލީހުން ވަނީ މެއި ހައެއް ނަމުގައި ކޮމެޓީއެއް އުފައްދާފައި އެވެ. އަދި އެ ކޮމެޓީގެ މަސައްކަތްތައް ހަފްތާއަކު އެއް ފަހަަރު ގައުމީ މަޖިލީހަށް ހިއްސާކުރަން ވާނެ ކަމަށްވެސް ގައުމީ މަޖިލީހުން ފާސްކުރި އެވެ.
ކޮންމެ ބުރާސްފަތި ދުވަހަކު ބާއްވާ ގޮތައް ހަމަ ޖެއްސި އެ ޖަލްސާ ބާއްވަމުން ދިޔައީ އޮންލައިންކޮށެވެ. ނަމަވެސް އެ ޖަލްސާ ރޭ ޖަމާލުއްދީން ސްކޫލް ހޯލުގައި ބޭއްވުމަށް މަސައްކަތްކޮށް ނުބޭއްވުނީ ކޯރަމް ހަމަނުވެގެންނެވެ.
މީގެ ކުރިން އެ ޕާޓީގެ އިސްތިއުނާފުގެ މަޖިލިސް އިންތިހާބުކުރަން އޮންލައިންކޮށް ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި، ވެސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ބައި އެޖެންޑާގައި ހިމެނި އެވެ. ނަމަވެސް އެބަޔަށް ދިޔައިރު ގައުމީ މަޖިލިސް ދޫކޮށް ގިނަ މެންބަރުން ވަނީ ނިކުންނަވާފައި އެވެ. އެހެންވެ ނަޝީދުގެ ފެކްޝަނުން ވަރަށް ބޮޑަށް އެކަމަށް ފާޑު ކިޔެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި 146 މެމްބަރުން ތިއްބަވާއިރު ޖަލްސާ ބޭއްވުމަށް 37 މެމްބަރުން ބޭނުންވި އެވެ. ރައީސް ނަޝީދާއި އެ ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންގަނޑު ތެރޭގައި ގައުމީ މަޖިލީހާއި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ތާއިދު އޮތީ ރައީސް ސޯލިހަށް ކަމަށް އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަތަކުންބުނެ އެވެ.