Last Updated: March 11, 10:00
Tuesday, March 11, 2025
ޚަބަރު

ހުޅުމީދޫގައި ސިވިލް ފަޔާމަން ޔުނިޓެއް ގާއިމު ކުރަނީ

ހުޅުމީދޫގައި ސިވިލް ފަޔާމަނުންގެ ޔުނިޓެއް ގާއިމު ކުރަން މަަސައްކަތް ކުރައްވާނެ ކަމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލާއި އެމްއެންޑީއެފް ސަދަން އޭރިއާ ގުޅިގެން ހުޅުމީދޫގައި ހިންގި ފުރަތަމަ ވޮލަންޓިއާ ފަޔާ ފައިޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މޭޔަރު ވިދާޅުވީ މިހާރު ފަޔާމަނުންގެ ޔުނިޓެއް ހަރަކާތްތެެރި ވަނީ އައްޑޫގެ ގުޅިފައިވާ ރަށްރަށުގައި ކަމަށެވެ.

އެހެން ނަމަވެސް އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެ ނަމަ އެކަމުން ރައްކާތެރިވާން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ހުޅުމީދޫގައި އެފަދަ ޔުނިޓެއް އޮތުން މުހިއްމު ކަމަށް ވިދާޅުވި އެވެ.

އެހެންވެ ކުރިއަށް އޮތް ދުވަސްތަކުގައި ހުޅުމީދޫގައި ސިވިލް ފަޔާމަނުންގެ ޔުނިޓެއް ގާއިމު ކުރަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ އެފަދަ ޔުނިޓެއް ގާއިމު ކުރުމުން، ޓްރޭނިން ހެދި ކުދިންނަށް ވަޒީފާގެ ފުރުސަތުތަކެއް ވެސް ހުޅުވިގެން ދާނެ ކަމަށެވެ.

ހުޅުމީދޫގައި ހިންގި ވޮލަންޓިއާ ފަޔާ ފައިޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގައި 24 ކުއްޖަކު ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައިވެ އެވެ.

މޭޔަރު ވިދާޅުވީ އެ ހުރިހާ ކުދިންނަށް ސިވިލް ފަޔާމަން ޔުނިޓުން ވަޒީފާ ނުލިބުނު ނަމަވެސް، އެފަދަ ޔުނިޓެއް ގާއިމުވެގެން ދިއުމަކީ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ.