ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން ދޫކޮށް، ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މަނީލޯންޑްރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައިވާއިރު އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް މިއަދު ވަނީ ސުޕްރީމް ކޯޓުގައި ބާއްވާފައެވެ.
މިއަދުގެ މައްސަލަ ފައްޓަވަމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން ދެ ކަމެއް ހުށަހަޅާފައިވާ ކަމަށާއި، އެއީ ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލުމަށާއި، އިއްވާފައިވާ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމެއްކަމަށެވެ.
އެކަންކަމާއި ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ރައީސް ޔާމީންގެ ވަކީލުންނަށް ދެއްވުމުން ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ކަފާލާތުގެ މައްސަލައިގައި ދައުލަތުން ދީފައިވާ ޖަވާބު ކަރުދާސް ލިބިފައިވަނީ އިއްޔަގެ ވަގުތެއްގައި ކަމަށާއި، އެހެންކަމުން އެކަމަށް ރަނގަޅަށް ތައްޔާރުވެ ދިރާސާކޮށްގެން ވާހަކަ ދެއްކުމަށް ދެ ދުވަހުގެ މުއްދަތެއް ބޭނުންވާކަމަށެވެ.
އެކަމާގުޅިގެން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވެސް ވަނީ އެ ލިޔުންތައް ހަވާލުކުރެވުނީ ފަހުންކަން ފާހަގަކުރައްވާ އެކަމަށް ޖަވާބު ދިނުމަށް ދެ ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.
ރައީސް ޔާމީންގެ މައްސަލައިގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީ އެމަނިކުފާނުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ 22 ނުކުތާއާ ގުޅޭގޮތުން ވާހަކަ ދެއްކުމެވެ.
ރައީސް ޔާމީންގެ މައްޗަށް މަނިލޯންޑްރިންގެ ކުށް ސާބިތުވެ 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5،000،000 ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 28 ނޮވެންބަރު 2019 ގައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމްއެވެ.
މި މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މާދަމާއަށް ވެސް ވަނީ ތާވަލުކޮށްފައެވެ.