ފުލުހުންގެ މަސައްކަތްކުގައި ޒުވާނުން ބައިވެރިކޮށްގެން އައްޑޫގައި ހިންގަން ނިންނި "ބްލޫސް ފޯ ޔޫތު" ޕްރޮގްރާމް މިއަދު ފަށައިފި އެވެ.
މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި އައްޑޫގެ ހުރިހާ ރަށަކުން 30 ޒުވާނަކު ބައިވެރިވެ އެވެ.
ފުލުހުންގެ ދެކުނު ޑިވިޝަންގެ ކޮމާންޑަރު އިސްޕްކެޓްރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ މިއަދު ފެށި "ބްލޫސް ފޯ ޔޫތު" " ގެ ފުރަތަމަ ދެ ދުވަހު މައިގަނޑު ގޮތެއްގައި ކުރިއަށް ދާނީ ބައިވެރިންނަށް ތިއަރީ ބައި ދަސްކޮށް ދިނުމަށެވެ.
އޭގެ ފަހުން އެކި ރަށްރަށުގައި ފުލުހުން ހިންގާ އެކިއެކި އޮޕަރޭޝަންތަކުގައި އަމަލީ ގޮތުން ޒުވާނުން ބައިވެރި ކުރާނެ ކަމަށް ޝިފާން ވިދާޅުވި އެވެ.
މީގެ އިތުރުން މި ޕްރޮގްރާމްގެ ދެވަނަ ބުރެއް އަންނަ މަހުގެ 5-10 އަށް ވެސް ހިންގާ ގޮތަށް ވަނީ ނިންމައިފަ އެވެ.
ޝިފާން އެ ޕްރޮގްރާމްވެގެން ދާނީ މިއަދު ފެށި ޕްރޮގްރާމަށް ވުރެ ފުޅާކޮށް ކުރިއަށް ގެންދާނެ ހަރަކާތަކަށް ކަމަށެވެ. މީގައި ބައިވެރިވާން އެދޭ ޒުވާނުންނަށް އެޕްލިކޭޝަން ފޯމް އައްޑޫގައި ހުރި ޕޮލިސް ސްޓޭޝަންތަކުން މިހާރު އަންނަނީ ދޫކުރަމުންނެވެ.
މި ޕްރޮގްރާމުގައި ޔޫތު ލީޑަޝިޕާއި ހޭލުންތެރިކަމުގެ ސެޝަންތަކާއި ގާނޫނާ ބެހޭ ގޮތުން ވެސް މައުލޫމާތު ފޯރުކޮށް ދޭން ވަނީ ނިންމައިފަ އެވެ.
އަދި ތަފާތު ކުޅިވަރުތަކާއި އާދަޔާހިލާފު ކަންކަމުގައި ޒުވާނުން ބައިވެރިކޮށްގެން ވެސް ތަފާތު ހަރަކާތްތައް ހިންގަން ފުލުހުން ވަނީ ނިންމައިފަ އެވެ.
ކުށް މަދު މުޖުތަމައެއް ބިނާ ކުރަން ފުލުހުން ކުރާ މަސައްކަތުގައި މުޖުތަމައުގައި އުޅޭ ޒުވާނުން ބައިވެރިކޮށްގެން "ބްލޫސް ފޯ ޔޫތު" ޕްރޮގްެރާމެއް ހިންގާނެ ކަމަށް އިއުލާން ކުރީ މި މަހުގެ 18 ވަނަ ދުވަހު ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު އައްޑު އަށް ކުރެއްވި ދަތުރެއްގަ އެވެ.