އައްޑޫ ސިޓީގައި ދަނޑުވެރިކަމުގެ މާބޮޑު މަސައްކަތެއް ހިނގާތަން ނުފެންނަކަމަށް އައްޑޫގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި އައްޑޫ ކޮމިއުނިޓީ ފާރމްގެ ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ވާހަކަދައްކަމުން ނިޒާރު ވިދާޅުވީ އައްޑޫގައި ދަނޑުވެރިކަމުގެ މާބޮޑު މަސައްކަތެއް ހިނގާތަން ނުފެންނަ ކަމަށާއި އައްޑޫ ކޮމިއުނިޓީ ފާރމް ޕްރޮޖެކްޓަކީ ފުޅާ ދާއިރާއެއްގައި މިކަން ކުރުމަށްޓަކައި ލިބޭނެ ފުރުސަތެއް ކަމަށެވެ.
އަދި އައްޑޫގައި އުފައްދާ ބާވަތްތައް ހަމައެކަނި އައްޑޫއަށް ވިއްކުމުގެ ވިސްނުމަށްވުރެ ފުޅާ ވިސްނުމެއް ގެންގުޅެންޖެހޭ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.
މީގެއިތުރުން، އައްޑޫ ކޮމިއުނިޓީ ފާރމުގެ ސަބަބުން ދަނޑުވެރިންގެ ވިޔަފާރިތައް ފުޅާވެ، އިތުރު އާމްދަނީއެއް ލިބި، އައްޑޫގެ އިޤްތިޞާދަށްވެސް މިކަމުގެ ސަބަބުން ހެޔޮ އަސަރުތަކެއް ކުރާނެކަމަށް މޭޔަރު ވިދާޅުވިއެވެ. އެގޮތުން އައްޑޫގައި މި ކުރެވޭ މަސައްކަތަކީ ރާއްޖޭގެ އެހެން ހިސާބުތަކުން މިސާލެއްގެ ގޮތުގައި ނަގާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އައްޑޫ ކޮމިއުނިޓީ ފާރމް ޕްރޮޖެކްޓަކީ ޖެފް ސްމޯލް ގްރާންޓްސް ޕްރޮގްރާމްގެ ދަށުން އައްޑޫ ޕީޕަލަސް ކޯޕަރޭޓިވްއާއި، އައްޑޫ ސިޓީ ކައުންސިލް، އައްޑޫ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީ އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ ގުޅިގެން ހިންގާ ޒަމާނީ ދަނޑުވެރިކަމުގެ ޕްރޮޖެކްޓެކެވެ.