އެއް ފަހަރަކު ޢިލްމްވެރި އުސްތާޒަކު އޭނާގެ ދަރިވަރުންގެ ތެރެއިން ދަރިވަރަކު ކުރެން ސުވާލެއް ކުރި އެވެ. ތިޔަ ދަރިވަރު އަހުރެން ކައިރިން އުނގެނޭތާ މިހާރު ވަރަށް ދުވަސްވެއްޖެ އެވެ. ވީމާ މިހައި ހިސާބަށް ދަސްވީ ކޮން ކަންތައްތަކެއް ހެއްޔެވެ؟
އަހުރެން، އަށް ކަމެއް ދަސްކޮށްފީމެވެ. އޭނާ ޖަވާބު ދިނެވެ.
1. ފުރަތަމަ ކަމަކީ އިންސާނުން އުފައްދަވާފައިވާ ގޮތެވެ. އަހުރެންނަށް ފެނުނީ ކޮންމެ މީހަކަށް ވެސް އެމީހަކު އެންމެ ލޯބިވާ ފަރާތެއް ވާކަމާއި، އެކަމަކު ކަށްވަޅަށް އެމީހަކު ދާން ޖެހެނީ އެމީހެއްގެ އެންމެ ލޯބިވާ ފަރާތް ދޫކޮށް ލައިފައި ކަމެވެ. އެހެންވީމާ އަހުރެންގެ ލޯބިވާ ފަރާތް ކަމުގައި އަހުރެން ހެދީ އަހުރެންގެ ހެޔޮ ޢަމަލުތަކެވެ. އޭރުން އެ ޢަމަލުތައް ކަށްވަޅުގައި އަހުރެންގެ ބައިވެރީން ކަމުގައި ވާނެ އެވެ.
2. ދެވަނަ އަށް އަހުރެންނަށް ފާހަގަ ކުރެވުނީ "އައްނާޒިޔާތި" ސޫރަތުގެ ސާޅީސް ވަނަ އާޔަތެވެ. އެ އާޔަތުގައި ވަނީ: "އަދި އެ މީހާގެ ވެރިރަސްކަލާނގެ حضرة ގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ نفس އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ!" މި ބަސްފުޅެވެ. އެހެންކަމުން އަހުރެން ގަދައަޅައި މަސައްކަތް ކުރީ އަހުރެންގެ އެދުންތަކާ ދެކޮޅަށެވެ. އެއީ މާތް ﷲ އަށް ކިޔަމަންތެރިކަން މަތީ ދެމި ހުރުމަށެވެ.
3. ތިންވަނަ އަށް އަހުރެންނަށް ފެނުނީ ކޮންމެ މީހަކު ވެސް އެ މީހެއްގެ އަތުގައި އެއްވެސް ބާވަތެއްގެ އަގު ހުރި އެއްޗެއް ވާ ނަމަ، އެ އެއްޗެއް ރައްކާތެރިކުރަން މަސައްކަތް ކުރާ ތަނެވެ.
އެހެންކަމުން "އައްނަޙުލު" ސޫރަތުގެ ނުވަދިހަ ހަވަނަ އާޔަތާ މެދު އަހުރެންނަށް ވިސްނާލެވުނެވެ. އެ އާޔަތުގައި ވަނީ: "ތިޔަބައިމީހުންގެ ގާތުގައިވާ އެއްޗެއް ހުސްވެގެން ހިނގައިދާނެތެވެ. އަދި اللَّه ގެ حضرة ގައިވާ އެއްޗެއް ދެމިހުންނާނެތެވެ. އަދި ހަމަ ކަށަވަރުން، ކެތްތެރިވީ މީހުންނަށް، އެއުރެން عمل ކޮށްއުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، ތިމަން ރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ." މި ބަސްފުޅެވެ. އެހެންކަމުން، އެ އެއްޗެއްގައި އަގެއްހުރި ކޮންމެ އެއްޗެއް އަހުރެން ހޭދަކުރީ މާތް ﷲ އަށްޓަކައެވެ. އެއީ އަހުރެންނަށްޓަކައި އެ އެއްޗެއް އެކަލާންގެ ޙަޟްރަތުގައި އަބަދަށް ދެމިހުރުމަށްޓަކަ އެވެ.
4. ހަތަރުވަނަ އަށް އަހުރެން ދުށީ މީސްތަކުން މުއްސަނދިކަމާއި، ޢިއްޒަތާއި މަޤާމްތައް ހޯދުމުގައި އުޅޭ ތަނެވެ. އެއީ އަހުރެންގެ ނަޒަރުގައި އެހައި އަގު ހުރި ކަންކަމެއް ނޫނެވެ. އަދި އަހުރެން "އަލްޙުޖުރާތު" ސޫރަތުގެ ތޭރަ ވަނަ އާޔަތާ މެދު ވިސްނީމެވެ.
އެ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައި ވަނީ: "ހަމަ ކަށަވަރުން، اللَّه ގެ حضرة ގައި ތިޔަ ބައި މީހުން ކުރެ އެންމެ މާތްކަން ބޮޑީ، ތިޔަ ބައި މީހުން ކުރެ އެންމެ تقوى ވެރި މީހާ އެވެ. ހަމަ ކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެ އެވެ."
މި ބަސްފުޅެވެ. އެހެން ކަމުން އަހުރެން ވީހާ ވެސް ބޮޑަށް މަސައްކަތް ކުރީ ﷲ އަށް ތަޤުވާވެރި ވުމަށެވެ. އެއީ އެކަނލާންގެ ޙަޟުރަތުގައި މާތްކަން ލިބިގަތުމަށެވެ.
5. ފަސްވަނަ އަށް އަހަންނަށް ފެނުނީ މީސްތަކުން އެކަކު އަނެކަކު ދެކެ ޙަސަދަވެރި ވެފައި ވަނިކޮށެވެ. އެހެންކަމުން އަހުރެން ބެލީ "އައްޒުޚްރުފް" ސޫރަތުގެ ބައްތިރީސް ވަނަ އާޔަތަށެވެ. އެ އާޔަތުގައި ވަނީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ބަހައިދެނީ އެއުރެން ހެއްޔެވެ؟ (އެބަހީ: އެއުރެން ބޭނުން މީހަކަށް ނަބީކަން ދެނީ އެއުރެން ހެއްޔެވެ؟) ދުނިޔޭގެ ދިރިއުޅުމުގައި އެއުރެންގެ މެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންކުރެ ބައެއް މީހުން، އަނެއް ބައި މީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. (އެއީ) އެއުރެންކުރެ އެއް ބަޔަކު އަނެއް ބަޔެއްގެ خدمة ތެރިކަން ހިފުމަށްޓަކައެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة އެއުރެން އެއްކުރާތަކެއްޗަށްވުރެ ހެޔޮކަން ބޮޑެވެ." މި ބަސްފުޅަށެވެ. އެހެންވީމާ އަހުރެން ޙަސަދަވެރިކަމާ ދުރުހެލިވެގަތީމެވެ.
6. ހަވަނަ އަށް އަހުރެން ދުށީ މީސްތަކުންގެ މެދުގައި ދުޝްމަންކަން އުފެދިފައި ވަނިކޮށެވެ. ދެން އަހުރެންގެ ޚިޔާލަށް އައީ ފާޠިރު ސޫރަތުގެ ހަވަނަ އާޔަތުގައިވާ "ހަމަކަށަވަރުން، شيطان އާއަކީ، ތިޔަ ބައި މީހުންނަށްވާ عداوة ތެރިޔެކެވެ. ފަހެ، އެ شيطان އާއީ، عداوة ތެރިޔަކު ކަމުގައި ތިޔަބައި މީހުން ދެކޭށެވެ! އޭނާގެ جماعة އަށް އޭނާ ގޮވާކަން ކަށަވަރީ، ނަރަކައިގެ أهل ވެރިންގެތެރެއިން ވުމަށެވެ." އެހެންކަމުން އަހުރެން ދުޝްމަންވުމާއި ދުރުހެލިވެ އަހުރެންގެ ދުޝްމަނަކީ ހަމައެކަނި ޝައިޠާނާ ކަމުގައި ހެދީމެވެ.
7. ހަތްވަނަ އަށް އަހުރެން ދުށީ މީސްތަކުން ރިޒުޤު ހޯދުމަށްޓަކައި އެމީހުންގެ އަގު އަމިއްލައަށް ވައްޓާލަމުން ދާ ތަނެވެ. ދެން އަހުރެންގެ ޚިޔާލަށް އައީ "ހޫދު" ސޫރަތުގެ ހަވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވާ "ބިމުގައި ހިނގާބިނގާ އުޅޭ ދިރޭ އެއްޗެހީގެ ތެރެއިން، އެ އެއްޗަކަށް اللَّه رزق ނުދެއްވާ އެއްވެސް އެއްޗެއް ނުވެތެވެ. އެ ތަކެތި ބިމުގައިއުޅޭ ތަނާއި، މަރުވެގެން ވަޅުލާތަނެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. މި ހުރިހާ ކަމެއްވަނީ ބަޔާންވެގެންވާ ފޮތެއްގައި ލިޔުއްވާފައެވެ."
މި ބަސްފުޅެވެ. އެހެންކަމުން އަހުރެން އަވަނެތި އުޅުނީ ﷲ އަށްޓަކައި އަހުރެން އަދާ ކުރަން ޖެހޭ ވާޖިބު އަދާ ކުރުމުގަ އެވެ. އަހުރެންގެ މުދާ ﷲ އަށްޓަކައި އަހުރެން ދޫކޮށްލީމެވެ.
8. އަށްވަނަ އަށް އަހުރެންނަށް ފެނުނީ މީސްތަކުން އެ މީހުންގެ ވިޔަފާރި އާއި ގެދޮރާއި އަމިއްލަ ޞިއްޙަތާމެދު މަޝްޢޫލްވެގެން އުޅެނިކޮށެވެ.
ދެން އަހުރެންގެ ޚިޔާލަށް އައީ "އައްޠަލާޤު" ސޫރަތުގެ ތިން ވަނަ އާޔަތުގައިވާ "އަދި اللَّه އަށް وكيل ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ أمر ފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، اللَّه ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ." މި ބަސްފުޅެވެ. އެހެންކަމުން އަހުރެން ވަކީލު ކުރަނީ ހަމައެކަނި މާތް ﷲ އަށެވެ.
(ނޯޓް: މިއީ މީދޫ.ކޮމްގައި އަހުމަދު ނާސިހު ލިޔުއްވާފައިވާ އާޓިކަލެކެވެ.)