އަމާން ރައްކާތެރި މުޖުތަމައެއް ކަށަވަރުކުރުމާއި ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތަހުޤީޤް އަވަސްކޮށް، މި އަހަރުގެ ކުރިން ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މަދުވެގެން 80 އިންސައްތަ މައްސަލަތައް ތަހުޤީޤްކޮށް ނިންމުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ސައުތު ޕޮލިސް ޑިވިޝަނުން ފަށައިފި އެވެ.
ސައުތު ޕޮލިސް ޑިވިޝަންގައި ހިމެނޭ އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކުން އެ ލަނޑުދަނޑިއަށް ވާސިލްވުމަށް އަމާޒްހިފާފައިވާ އިރު މި މަސައްކަތްތަކާއި ބެހޭ ގޮތުން "ޕޮލިސް ލައިފަ" ށް ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ ފުލުހުންނަށް ހުށަހެޅިފައިވާ މައްސައްލަތައް 80 އިންސައްތަ މަދުކުރުމުގެ ލަނޑުދަނޑި އަށް ވާސިލްވުމަށްޓަކައި އައްޑޫގައި ޓީމްތަކެއް ކަނޑައަޅައިގެން މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
މި މަސައްކަތް ކުރެވެމުން ދަނީ މިހާރު ހުށަހެޅޭ މައްސަލަތައް ހުއްޓާ ނުލައި ކުރިޔަށް ގެންދެވޭނެ އުޞޫލެއް ހަމަޖެއްސުމަށް ފަހު އެވެ.
އެގޮތުން މައްސަލަތައް ތަހުޤީޤް ކުރުމުގައި ސީނިއަ އިންވެސްޓިގޭޝަން އޮފިސަރުންގެ އިރުޝާދާއި ލަފާ ހޯދުމާއި، މައްސަލަތައް ނިންމުމަށްޓަކައި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކާއި ވާހަކަ ދައްކަައިގެން މައްސަލަތަކަށް ބޭނުންވާ ރިޕޯޓްތައް އަވަހަށް ހޯދުމާއި، އެ ޑިޕާޓްމަންޓްތަކުގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދަނީ ކަމާގުޅޭ ޑިޕާޓްމަންޓްތަކުގެ އެހީތެރިކަން ހޯދަމުން. ޑިޕާޓްމަންޓްތަކާއި ވާހަކަ ދައްކައި މައްސަލަތަކަށް ބޭނުންވާ ރިޕޯޓްތައް އަވަހަށް ހޯދައި މައްސަލަތައް ނިންމުމުގެ މަސައްކަތް ޑިވިޝަންގައި ހިމެނޭ ޕޮލިސް ސްޓޭޝަންތަކުގައި ވަރަށް ބާރަށް ކުރިއަށް އެބަދޭ. އިރާދަކުރެއްވިއްޔާ އެ ލަނޑުދަނޑިއަށް ވާސިލް ވެވޭނެ.” ޝިފާން ވިދާޅުވި އެވެ.