މަނީލޯންޑަރިންގެ ކުށުގައި އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ބާތިލްކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމިން، ސުޕްރީމް ކޯޓަށް ހުށައަޅުއްވާފައިވާ މައްސަލައިގައި ދިފާއުގައި އަނެއްކާވެސް ގިނަ ސުވާލުތަކެއް ކުރިމަތިކުރުވައިފި އެވެ.
މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ރައީސް ޔާމިން ވަނީ އެމަނިކުފާނުގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާކުރި އެއްމިލިއަން ޑޮލަރާ ގުޅޭ ގޮތުން އަމިއްލަފުޅަށް ވާހަކަ ދައްކަވާފައި އެވެ.
އަދާވާތްތެރިއަކާ އެއްކޮން ކުށެއް ކޮށްފާނެ ތޯ؟
ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނުގެ ފައިސާ ދިނުމަށް އޭރު ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު އަދީބުގެ އަރިހުން އެދިވަޑައިގެންނެވީ ރިޔާސީ ލޯންޗް ގޮއްވާލުމުގެ ހާދިސާއަށްފަހު އެވެ. ރައީސް ޔާމިން ވިދާޅުވީ އެ ފައިސާ ދޭން އަދީބުގެ ގާތު އެދިވަޑައިގެންނެވިއިރު އެއީ އެމަނިކުފާނުގެ އަދާވާތްތެރިއެއްކަންވެސް ތަހްގީގަށް ފަހު އެނގިވަޑައިގެންނެވި ކަމަށެވެ. އެކަން އެގޮތައް އޮއްވާ އަދީބުއާ ގުޅިގެން ގާނޫނާ ހިލާފުކަމެއް އެ ހާލަތުގައި ކަމެއް ކުރަން އުޅެފާނެތޯ އެއީ ރައީސް ޔާމިން އުފެއްދެވި އެއް ސުވާލެވެ.

"ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުރި މީހަކު އެންމެ އެއްމިލިއަން ޑޮލަރު ހޯދަން ކަނޑައެޅިގެން (ރިޔާސީ ލޯންޗް ގޮއްވާލި ހާދިސާގެ) ތަހްގީގަށް، އެ ތަހްގީގު އަޅުގަނޑަށް ވަރަށް ބޮޑަށް އެނގޭ އެއީ އަޅުގަނޑު ވަރަށް ކްލޯޒްލީ ބެލެހެއްޓި ތަހްގީގެއް. އެއީ އަޅުގަނޑުގެ އަދާވާތްތެރިއެއްކަން އެސްޑަބްލިޝްވެފައި އޮތީ އޭރު އަދި ތަހްގީގު މަރުހަލާ ނޫނަސް. އޭނާ ކައިރި އަހާފާނެ ހެއްޔޭ އަޅުގަނޑު މިވަރުގެ ބޮޑު ކުށެއް ކުރަން،"
އެސްއޯއެފް އެކައުންޓުން ޖަމާކުރާ ކޮންމެ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިހުރި ފައިސާކަމެއް ކަނޑައަޅާނީ ކިހިނެތް؟
ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނަށް ލިބެން ޖެހޭ ފައިސާ ދިނުމަށް އަދީބު ގާތު އެދުމުން ދީފައިވަނީ އެސްއޯއެފްގެ އެކައުންޓުން ކަމެއް ފުރަތަމަ އެނގިވަޑައިނުގެންނެވި ކަމަށެވެ. އަދި އޭސީސީ މެދުވެރިކޮށް އެކަން އެނގިވަޑައިގެންނެވުމުން އެސްއޯއެފް އިން ލިބޭ ކޮންމެ ފައިސާ އަކީ ކުށްކޮށްގެން ހޯދިފައިސާކަން ކަނޑައަޅާނީ ކިހިނެތްތޯ އޭރު ވެސް ސުވާލު އުފެއްދެވި ކަމަށްވެސް ރައީސް ޔާމިން ވިދާޅުވި އެވެ.
"އެސްއޯއެފްއިން ދައުލަތުގެ އެތައް ބައިވަރުކުންފުނިތަކަކާއެކު ވިޔަފާރިކޮށްފައި ހުންނައިރު އެ ޗެކް ލިބޭ ރިސިޕިއަންޓް، މި ކޭސްގައި އަޅުގަނޑު. އަޅުގަނޑަކަށް ކިހިނެތްތޯ ތުހްމަތު ކުރެވޭނީ ނޫނިއްޔާ އަޅުގަނޑަކަށް ނޭނގޭ އޭގައި އެ އުޅޭނީ ގޯސް ފައިސާކަމެއް. އެހާ ބޮޑެތި ބިޒްނަސް ކުރާ ބައެެއް އެއީ،" ރައީސް ޔާމިން ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވި ގޮތުން އެސްއޯއެފްއިން ޖަމާކުރި ފައިސާއާ ގުޅިގެން އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް އޭރު ތުހްމަތު ނުކުރެވުނީ އެހާ ހިސާބަށްވެސް އެ ކުންފުނީގެ އެކައުންޓް ފްރީޒްކޮށް އެއްވެސް ތަނަކުން ތުހްމަތެއް ކޮށްފައިނުވާތީ ކަމަށް ވިދާޅުވި އެވެ.

ހަމައެހެންމެ ރައީސް ޔާމިން ވިދާޅުވި ގޮތުން އެސްއޯއެފްއިން އެމަނިކުފާނަށް ޖަމާކުރި ފައިސާއަކީ އެމްއެމްޕީއާރުސީގެ ފައިސާ ކަމަކަށް އޭސީސީން އޭރު ވިދާޅެއްނުވެ އެވެ. އަދި އެމަނިކުފާނުގެ އެކައުންޓަށް ވަދެފައިވާ ފައިސާ އަކީ ކުށްކޮށްގެން ހޯދިފައިސާ ކަމަކަށް އަދި އެމަނިކުފާނަށް ތުހްމަތުކުރެވޭ ކުށެއް އޮތްކަމަކަށް އޭސީސީން އެއްވެސް ފަހަރެއްގައި ބުނެފައިނުވާ ކަމަށްވެސް ވިދާޅުވި އެވެ.
އެސްއޯއެފްއިން އެމަނިކުފާނުގެ އިސްލާމިކް ބޭންކް އެކައުންޓަކަށް ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގައި އޮތް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރީވެސް އެއިން ފައިދާއެއް ހޯދުމަށް ކަމަށްވެސް ރައީސް ޔާމިން ވިދާޅުވި އެވެ. އަދި އެ ފައިސާއަކީ ސިޔާސީ ކަންކަމަށް ލިބިވަޑައިގެންނެވި ފައިސާ ކަމަށްވާތީ ބޭނުންފުޅުވީ ފައިދާ ހޯދަން ކަމަށްވިއަސް އޭރުވެސް އެމަނިކުފާނަށް އެއްވެސް ތުހްމަތެއް އެއްވެސް ތާކުންކޮށްފައިނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ޔާމިންގެ މައްޗަށް މަނީލޯންޑަރިންގެ ކުށް ސާބިތުވުމުގައި އެމަނިކުފާނުގެ އެކައުންޓަށް ވަދެެފައިވާ އެއްމިލިއަން ޑޮލަރަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްްކުކުރެވޭ ހާލަތެއް އޮންނަން ޖެހެއެވެ. ހައިކޯޓުން ކޮށްފައިވާ އެ ހުކުމުގައި ބުނެފައިވަނީ ރައީސް ކުށުގެ އެ އުންސުރު ފުރިހަމަވެފައިވާ ކަމަށެވެ.