Last Updated: March 11, 10:00
Tuesday, March 11, 2025
ޚަބަރު

އައްޑޫ މީހަކު މައްކާގައި "ކޯމާއަކަށް" ގޮސްފައި

އަލްބަޓްރޮސް ގްރޫޕާ އެކު މި އަހަރު ހައްޖަށް ދިޔަ އައްޑޫ މީހަކު ބަލިވެ، މައްކާގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކުރި ފަހުން ކޯމާއަކަށް ގޮސް ރާއްޖެ ގެނެވޭނެ ގޮތެއް ނުވެގެން އާއިލާ އިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ހައްޖުގެ އަޅުކަން ފުރިހަމަކޮށް އޮކްޓޯބަރު 26، 2013 ގައި ރާއްޖެ ފުރަން ތައްޔާރުވެފައި ވަނިކޮށް، ބަލިވެގެން އޮކްޓޯބަރު 22، 2013 ގައި އެޑްމިޓްކުރި ގޮތަށް ކޯމާގައި އޮތީ ސ. މީދޫ ކަނީރުމާވިލާ އަހުމަދު މަނިކު މުހައްމަދު، 74، އެވެ.

ސާދަ ކުދިން ތިބި އަހްމަދު މަނިކުގެ ދަރިއެއް ކަމަށްވާ ހުސައިން އާރިފް މައްކާގެ ނޫރު ހޮސްޕިޓަލުގައި ބައްޕަ އެޑްމިޓްކުރީ ނިއުމޯނިއާ ޖެހި، ކިޑްނީގައި ވެސް އިންފެކްޝަން އުފެދިގެން ކަމަށެވެ.

އާރިފް ބުނީ ބައްޕަ އެޑްމިޓް ކުރިކަން އެނގުމާ އެކު، ސައުދީ އަށް ދިއުމަށް އިސްލާމިކް މިނިސްޓްރީގައި އެހީއަކަށް އެދުނު ކަމަށެވެ. ނަމަވެސް ފައިސާގެ ކަންތައްތައް ހަމަޖެހުން ލަސްވާތީ، ދެ ފަހަރު ވެސް ދިޔައީ އަމިއްލަ އަށް ޓިކެޓް ނަގައިގެން ކަމަށެވެ.

އެކަމަކު ފަހުން މިނިސްޓްރީން ދެކޮޅު ދަތުރު ޓިކެޓާއި 300 ޑޮލަރު، ޒަކާތު ފަންޑުން ޖަމާކޮށް ދިން ކަމަށް އޭނާ ބުންޏެވެ.

އަހުމަދު މަނިކުގެ އާއިލާ އިން ބޭނުންވަނީ ބައްޕަ މާލެ ގެންނަން ކަމަށް ވިޔަސް އެވަރުގެ ހަރަދެއް ކުރަން އާއިލާ ނުކުޅެދިފައިވާތީ، މިކަން އިސްލާމިކް މިނިސްޓްރީގެ ސަމާލު ކަމަށް ވެސް އާއިލާ އިން ގެނެސްފައިވެ އެވެ.

އެހެން ނަމަވެސް އިސްލާމިކް މިނިސްޓްރީން މިހާތަނަށް މިކަމަށް މާ ބޮޑު ސަމާލުކަމެއް ދީފައެއް ނެތް ކަމަށް އާރްފި ބުންޏެވެ.

އޭނާ ބުނީ އާއިލާތެރޭގައި އެހާ ތަނަވަސްކަން ނެތީމާ ބައްޕަ ގެނެވޭނެ ގޮތެއް ހަދައި ދިނުމަށް ބައެއް ވިޔަފާވެރިންނާއި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މީހުންނާ ވެސް މިކަން ހިއްސާ ކުރެވިފައި ވާނެ ކަމަށެވެ.

"އެކަމަކު އަދި އެއްވެސް ފަރާތަކުން އަލިމަގެއް ފެންނަ ވަރެއް ނުވޭ. ޑޮކްޓަރު ވިދާޅުވީ ބައްޕަ ކޯމާއެއްގައި ކިތަންމެ ދުވަހެއް ވަންދެން ވެސް އޮވެދާނެ ކަމަށް. އެހެންވެ މިކޮޅަށް އާއިލާގެ މިހުންނަށް ފެންނަ ހިސާބަށް ބައްޕަ ގެންނަން އަޅުގަނޑުމެން ބޭނުން ވަނީ." އާރްފި ބުންޏެވެ.

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދުދީދީ މިއަދު ވިދާޅުވީ މުހައްމަދު މަނިކު މާލެ ގެންނަން އާއިލާ އިން މިހާތަނަށް މިނިސްޓްރީގައި އެދިފައި ނެތް ކަމަށެވެ.

އަދި އޭނާ އޮތީ ގެނެވޭ ކަހަލަ ހާލަތެއްގައި ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ގާތުން އޭނާގެ ކަންކަން އެބަ ބަލަން. އޭނާ ހޮސްޕިޓަލްގައި އޮތީމަ ކުރަން ޖެހޭ ހުރިހާ ހަރަދެއް ވެސް މިނިސްޓްރީން ބަލަހައްޓަމުން އަންނަނީ،" ދީދީ ވިދާޅުވި އެވެ. "އެހެންވެ މިކަން މިނިސްޓްރީން ނުބަލާ ކަމަށް އާއިލާގެ ބަޔަކު ބުނާ ކަމަށް ވަންޏާ އެހެން އެ ބުނަނީ ރަނގަޅަށް މައުލޫމާތު ނުލިބި ހުރެ. މިކަމަކީ މިނިސްޓްރީން ވަރަށް ގާތުން ބަލަމުން އަންނަ ކަމެއް."