Last Updated: November 26, 22:39
Tuesday, November 26, 2024
ޚަބަރު

"ހަމައެއްލަމައެއް ނެތް" ބިދޭސީން އައްޑޫގައި ގިނަވެ އާއްމުން ގޮތް ހުސްވެފައި!

އައްޑޫގައި މަސައްކަތްކުރާ ބިދޭސީންތަކެއް ކެފޭއެއްގައި: ގަވައުދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ވަނީ ބޮޑުވެފައި

އައްޑޫ ސިޓީގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ގިނަވެ އާއްމުންންގެ ޝަކުވާ ބޮޑުވެއްޖެ އެވެ. މިކަމުގެ ކަންބޮޑުވުންތަކާއެކު އިއްޔެ އައްޑޫ ސިޓީ ހުޅުދޫ އަވަށު އޮފީސްދޮށަށް އެރަށުގެ ބައެއް އާއްމުން ވަނީ އެއްވެފައެވެ.

ބިދޭސީންގެ އަމަލުތަކާމެދު ނުރުހުން ފާޅުކުރަނުންދިޔަ މީހުންނާ އައްޑޫ ސިޓީ ކައުންސިލްގެ ހުޅުދޫ ދާއިރާގެ މެމްބަރު ހުސެއިން ފައިޒުއްރަހްމާން ވަނީ ބައްދަލުކޮށް އެމީހުންގެ ޝަކުވާތައް ސާފުކޮށްފައި އެވެ.

ބިދޭސީންގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުންދާ ބައެއްް މީހުްންނާ ކައުންސިލަރު ފައިއްޒު ބައްދަލުކުރަނީ

އޭގެ ތެރެއިން ބައެއް އެމީހުން ވަނީ އެމީހުންގެ އަމިއްލަ ތަޖުރިބާ ކައުންސިލަރާ ހިއްސާކޮށްފައި އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން އެމީހުންގެ ކަންބޮޑުވުންތައް އައްޑޫ ލައިވްއަށް ވަނީ ކިޔާދީފައެވެ.

ބިދޭސީންގެ މައިގަނޑު މައްސަލަތަކަކީ ކޮބާ؟

އާއްމުންނަށް އިންޒާރުދީ ބާރުދައްކައިގެން އުޅުން

އައްޑޫ ސިޓީ ހުޅުދޫގެ ބައެއް މީހުން ބުނީ ބިދޭސީން ރަށު ތެރޭގައި އުޅެނީ ދިވެހިންނަށް އިންޒާރުދީ ބިރުދައްކައިގެންނެވެ. އެގޮތުން ބައެއް ބިދޭސީން މީހުން ކަތިވަޅިން ކޮށާލާނެ ކަމަށްވެސް ބުނެފައި އެބަހުރިކަން މީހުން ފާހަގަކުރި އެވެ. .

" މި ރަށުގައި އުޅޭ ބިދޭސީއަކު ކެޔޮގަނޑެއް ކެނޑި ވާހަކަ އަހަރެން މީހެއް ކައިރި ބުނިކަން ބިދޭސީ މީހާ އަށް އެނގިގެން އެމީހާ ބުނި އަހަރެން ފޮތިފޮތި ކޮށްލާނަމޭ. ކޮށާލާނީއޭ،" ކައުންސިލަރާ ބައްދަލުކުރި މީހުންގެ ތެރޭގައި ހިމެނޭ އަލީ ރިލްވާން ބުންޏެވެ.

މި ނޫނަސް ބައެއް އިންޒާރުތައް ދޭ މީހުން އައްޑޫ ސިޓީގައި އުޅޭކަން ބައެއް ދިވެހިން ފާހަގަކުރެ އެވެ.

ބިދޭސީން ގޭގެއަށް ގޮސް މަސައްކަތްކޮށްދޭ އަގު އިންތިހާއަށް ބޮޑުވުމާއި ފައިސާގައި މަކަރު ހެދުން

އާއްމު ބައެއް މީހުން މައުލޫމާތު ދިން ގޮތުގައި ފާއިތުވި ދޮޅުއަހަރެއްހާ ދުވަސް ތެރޭގައި ބިދޭސީން މަސައްކަތްކުރާ އަގުތައް އިންތިހާއަށް ވަނީ ބޮޑުކޮށްފައެވެ. އައްޑޫގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އަދި ގަވައިދާ އެއްގޮތައް ލިޔުންތައް ހަމައަށް ތިބި ބިދޭސީން ވަރަށް ގިނައިން ގެތަކަށް ގޮސް މީހުނަށް މަސައްކަތްކޮށްދެ އެވެ. އަދި އިމާރާތްކުރުމުގެ ހިމެނޭ އެކި މަސައްކަތްތައް ބިދޭސީން އަމިއްލަ ގުރޫޕްތައް ހަދައިގެން ކޮށްއުޅެ އެވެ.

އައްޑޫގައި މަސައްކަތްކުރާ ބިދޭސީއެއް ދުއްވާފައިދަނީ:

ގޭގެ އިމާރާތްކުރުމަށް ބޭނުންވާ ކުދި ކުދި މަސައްކަތްތައް ކުރާނެ ދިވެހިން ނެތުމުން ބިދޭސީން ލައްވާ އެ މަސައްކަތްތައް ކުރުވާ މީހުންގެ ކަންބޮޑުވުމަކީ އިންތިހާއަށް ބޮޑު އަގުގައި މަސައްކަތްކޮށްދިނުމެވެ. އަގު ބޮޑުކޮށް ކުރަނީ އެ މަސައްކަތްކުރާ ހުރިހާ ބިދޭސީން އެކައްޗެއް ކިޔައިގެން އެއްބަސްވެގެން ކަމަށް އެމީހުން ތުހްމަތުކުރެ އެވެ.

" ބިދޭސީއަކު ލައްވާ ގޭގެ ދޮރުމަތީ ހުރި ދޮންވެލި ކޮޅެއް އެތެރެކޮށްދިނީ ވެސް 250 ރުފިޔާ،" އަންހެނަކު އޭނާގެ އަމިއްލަ ތަޖުރިބާކިޔާދިނެވެ.

އަގުތަކަށް އައިސްފައިވާ ބަދަލުތައް

ބިދޭސީން މަސައްކަތްކުރާ އަގުތަކަށް އައިސްފައިވާ ބަދަލުތައް–އައްޑޫގައި ގަވައިދާ ގިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑު

• ވައްކަން ކުރުމާއި މަކަރުހެދުން

ބިދޭސީން ވިޔަފާރިކޮށްފައި ފައިސާގައި މަކަރު ހަދާ ކަމަށްވެސް ބައެއް މީހުން ބުނެއެވެ.

" އަހަރަމެން ގެއިން ކެޔޮގަނޑެއް ގަނެފައި ބިދޭސީ މީހާ ދިނީ 500ރުފިޔާ. އެ ފައިސާ މާރުވާން ނެތް ވާހަކަ ބުނީމަ މާރުކޮށްގެން އެމީހާ އައިރު އަހަރެން ގެއަކު ނެތް، ދެން އެ ބިދޭސީ މީހާ ދިޔައީ ގޭގައި އުޅޭ ކުޑަކުއްޖެ އަތައް ލާރި ދީފައި. ދެން އަހަރެން ގެއަށް އައިސް ބަލާލިއިރު 40 ރުފިޔާ މަދުކޮށް ދީފައި އޮތީ. ދެން އެ ބިދޭސީމީހާ ކައިރިއަށް ގޮސް އެ ފައިސާ މަދުން ދިން ވާހަކަބުނީމަ އެމީހާ އެއްޗެއް ގަތްކަމަކަށްނުވި. އެމީހާ ދެނެހުރި ކަމަކަށް ވެސް ނުހެދި،" ހުޅުދޫ ސާބިރާ ހަސަން (ކަތްދައްތަ) ކިޔާދިނެވެ.

ރަށުތެރޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އަދި ގަވައިދާ އެއްގޮތައް ގޭގައި ބައިތިއްބައިގެން އުޅޭ ބިދޭސީން ރަށުގެ އެކި ވިޔަފާރީ ތެރެއަށްވަނީ ވަދެފައި އެވެ. އެމީހުންގެ ތެރެއިން ބައެއް ބިދޭސީންގެ މައިގަނޑު ވިޔަފާރީއަކީ ރަށުތެރެއިން ކާބޯތަކެތި މާލެއަށް ފޮނުވައިގެން ވިއްކުމެވެ. ރަށުގެ ރައްޔިތުންގެ ބައެއް މީހުންގެ ކަންބޮޑުވުމަކީ ބިދޭސީން މީހުންގެ ފަޅުގޯތިތަކުންނާއި އެހެނިހެން ބައެއް ތަންތަނުން ވައްކަންކުރުމެވެ. ހުޅުދޫ އާއި މީދޫގެ ބައެއް މީހުން ބުނި ގޮތުގައި ބިދޭސީން ގެންދަނީ އެރަށުގެ ބައެއް ފަޅުގޯތިތަކުގައި ހުންނަ ރުށްތަކުން ކާއްޓާއި ފަތްކޭލާއި ލޮއި ފަދަ ތަކެތި ވަގައް ގެންދިއުމެވެ.

" މި މީހުން މި އެއްޗެހި ވިއްކަނީ މާލެ ދަތުރުކުރާ ބޯޓުތަކުގައި އުޅޭ ރައްޓެހިންނަށް. އެ ރައްޓެހިން ވިއްކަނީ މާލޭގެ ގޮޅިތަކުގައި ތިބޭ ބިދޭސީނަށް. އެމީހުން މެދުވެރިކޮށް ވިއްކައިގެން ލާރި ހޯދަނީ. އެ ފައިސާ މާލޭގައި ތިބޭ ބިދޭސީން މެދުވެރިކޮށް ވެސްޓަން ޔޫނިއަން މެދުވެރުކޮށް އެ ފައިސާ ބޭރުކުރަނީ އެމީހުންގެ ގައުމަށް. އެމީހުންގެ ބޭންކް އެކައުންޓްތަކެއް ނުހުރޭ. އެމީހުން ރޯދަމަހު ބިދޭސީއަކަށް 50000 ރުފިޔާ ހޯދާ ކަމަށް ބުނޭ،" ބިދޭސީންގެ މައްސަލައިގައި ވާހަކަ ދެއްކި ހުޅުދޫ އަލިދީދީ ބުންޏެވެ.

ހަމައެހެންމެ މީހުން ދިރިއުޅޭ ގޯތިތަކުގައި ހުންނަ ކެޔޮގަނޑުފަދަ ތަކެތި ބިނދެގެން ގެންދާ ކަމުގެ ޝަކުވާ ވެސް ބައެއް މީހުން ކުރެ އެވެ.

"ބުނާނެ އައިސް ބައެއް މީހުން ކެޔޮގަނޑެއް ނެތް ހޭ ބުނީމަ ނެތޭ ބުންޏަސް އައިސް ބުނާނެ އެބަ އިނޭ ގަހުގައި ރަނގަޅު ކެޔޮގަނޑެއް. ދެން ފަހުން ނީންނާނެ. މިގޭ ވާރޭފެން ހަމުންވެސް ނުބުނެ ގޯތިތެރެއަށްވަދެ ފެން ގެންދާނެ. އެއްވެސް ހުއްދައެއް ހޯދުމެއް ނޯންނާނެ،" އައްޑޫ މީދޫގެއަކުން މީހަކު ކިޔާދިނެވެ.

• އަންހެނުންނާ ފޮށުން

ރަށުގެ އުޅޭ ބިދޭސީން ރަށުގެ އަންހެނުންނާ ފޮށުމާއި ބޭއަދަބީ ބަސްތަކާއި އަމަލުތައް ފާހަގަކުރެވޭ ކަމަށް ބައެއް މީހުން ވަނީ ބުނެފައި އެވެ.

"މި ރަށުގެ އުޅޭ ބިދޭސީ މީހަކު އަހަންނާ އަޅައިގަނެގެން ދިމާކުރަނީ"އަންހެނަކު އޭނާގެ ޝަކުވާ ކުރަމުން ބުންޏެވެ.

•ރަށުގެ ވިޔަފާރީކުރަން ތިބި ދިވެހިންނަށް އޮތް ހުރަހެއް

ރަށުގެ ފަތްކެޔޮ އެއްޗެހި މީހުން އަތުން ގެނެގެން މާލެ އާއި ރަށުގެ ފިހާރަތަކަށް ވިއްކާ އަލިމަނިކުފާނު (އަލި ދީދީ) ބުނީ ބިދޭސީންގެ އެ ނުފޫޒާ ހުރެ އޭނާއަށް ތަކެތި ލިބެން މިހާރު އުނދަގޫ ކަމަށެވެ.

"ހުޅުދޫ އާއި މީދޫން އެވަރެޖްކޮށް ދުވާލަކަށް މިހާރު ލިބެނީ އެންމެ ކެޔޮގަނޑެއްވެސް ނުލިބޭ. އެކަމު މާލެ ދަތުރުކުރާ ބޯޓަކަށް 200 އާއި 300 ދެމެދުގެ އަދަދަކަށް ކެޔޮގަނޑު އެބަ ބޭރުކުރާނެ،" އަލީ ދީދީ ބުންޏެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނަނީ ކީކޭ؟

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އައްޑޫގެ ހުރިހާ އަވަށްތަކަށް ވެސް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. އެކަންކަން ކަމަކީ ކައުންސިލްގެ ސަމާލުކަމަށްވެސް އައިސްފައިވާ ބޮޑު މައްސަލައެކެވެ. އާއްމުންގެ ބަޔަކު ބިދޭސީން މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އަޑު އުފުލަން ނިކުތުމުން ކައުންސިލަރު ފައިއްޒު އެމީހުންނާ ބައްދަލުކޮށް ވިދާޅުވީ އެ މައްސަލައަކީ ހައްލުކުރަން ޖެހިފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ.

"މިކަން ހައްލުނުކޮށް ދެން ކުރާން ޖެހޭ އިތުރު ކަމެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން. ތި ކަންކަމަށް ހައްލު ހޯދަދޭން އަދި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ކައުންސިލް ތެރެއިން ކުރަން ޖެހޭ ކޮންމެ ކަމެއް ކޮށްދޭނަން،" ފައިއްޒު ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމަށް ބިދޭސީންގެ މައްސަލަ އަލުން ހުށައަޅައިގެން މަސައްކަތްކުރާނެ ކަމަށް ވެސް ފައިއްޒު ވަނީ ވިދާޅުވެފައި އެވެ. އަދި އެ މަސައްކަތް ހިނގާ ގޮތުގެ މައުލޫމާތު ރަށުގެ ރައްޔިތުންނާ ހިއްސާކުރާނެ ކަމުގެ ޔަގީންކަން ފައިއްޒު ދެއްވިއެވެ.

އައްޑޫ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މުލީކެޑެ ދާއިރާގެ މެމްބަރު އަހްމަދު ސައީދު އައްޑޫލައިވްއަށް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކައުންސިލުން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ކައުންސިލާއި އިކްނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރަން ހަމަޖައްސާފައިވާ އެ މަސައްކަތައް މިނިސްޓްރީގެ ޓީމެއް އައްޑޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ފޮނުވާލުމަށްޓަކައި ލިޔެކިޔުންތައް ނެތީމަ ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އިކްނޮމިކް މިނިސްޓްރީގެ އެހީތެރިކަންވެސް އެބަ ބޭނުންވޭ. އެ ބޭފުޅުން ކުރިން އޮތީ އޯގަސްޓް 30 އައްޑޫއަށް ވަޑައިގަންނަވާ ގޮތައް އެކަމު އައްޑޫ މޮނިޓަރިންގައި އޮތީމަ ވަޑައިނުގެންނެވި ފަސްވީ. އެކަމު ވަރަށް އަވަހަށް ވަޑައިގަންނަވާނެ. އޭރުން އެ މަސައްކަތް ބާރަށް ކުރިއަށްދާނެ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އައްޑޫގެ އެކި އަވަށްތަކަށް އަރާ ފައިބާ މީހުން ބެލުމަށް ބަނދަރު މޮނިޓަރކޮށް ބެލެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ވަޒީފާތަކަށް މީހުން ނެގުމަށް ވެސް އިއުލާންކުރަން ނިންމާގައިވާ ކަމަށް ކައުންސިލަރ އަހްމަދު ސައީދު ވިދާޅުވި އެވެ.

"ކުރިން މިވާ ގޮތަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ފެށީމަ އެއް ރަށުން އަނެއް ރަށަށް ދަނީ. އެހެންވީމަ އެކަންކަން ހައްލުވާނެ ރަށަށް އަރާފައިވާ މީހުން ބެލުމަށް ހަމަޖައްސާ ވަޒީފާއަށް މީހުން ހަމަޖެހުމުން،" ކައުންސިލަރު ސައީދު ވިދާޅުވި އެވެ.

އައްޑޫގައި ތިބި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުވަންދެން އެ އަޑު އުފުލާނެ ކަމަށް އެކަމުގައި އިސްކޮށް އުޅޭ މީހުން ވަނީ ބުނެފައި އެވެ.