އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ޖެހިފައި ނުވަނީ ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އިން އެކަނި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޑީއެންއޭ އަކީ އުމަރު އިސްވެ ހުންނަވައިގެން އުފައްދާފައިވާ ސިޔާސީ ހަރަކާތެކެވެ.
އުމަރު މިއަދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި، އުފައްދަން ހުށަހަޅާފައިވާ ޕާޓީ ތަކެއްގެ އިސް ބޭފުޅުން ހިމެނިފައިވާއިރު، ޑީއެންއޭގެ އެއްވެސް ބޭފުޅަކު އެ ލިސްޓް ގައި ނެތުމަކީ "ހުދުވާ" ހުދުކޮށް ދަމަހައްޓާކަން އިތުރަށް ސާބިތުވި ކަމެއް ކަމަށެވެ.
"ހުދުވާ އިތުރަށް ހުދުވި ކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަޑުމެންގެ ވެރިކަމެއް ވެސް ވެގެންދާނީ ނަޒާޙަތްތެރި، ސާފު ސީދާ ވެރިކަމަކަށް" އުމަރު ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުތަކުން ހިންގި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޮމިޝަނެއް އުފައްދަވާފައެވެ. ވެރިކަމުގެ ކުރީކޮޅު ރައީސް އުފެއްދެވި އެ ކޮމިޝަނުން މިހާތަނަށް އެކަމާ ގުޅޭގޮތުން އެއްވެސް ރިޕޯޓެއް ނެރެފައެއް ނުވެއެވެ. ނަމަވެސް އެ ކޮމިޝަންގެ ފުރަތަމަ ޑްރާފްޓް ނިންމައި ރައީސް އަށް މިހާރު ވަނީ ފޮނުވާފައެވެ.
ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ދިރާސާކުރި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް އާންމުކޮށްފައެވެ. އެ ލިސްޓުގައި ސިޔާސީ ގިނަ ފަރާތްތަކެއްގެ ނަންތައް ހިމަނާފައިވެއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތަކީ މިހާތަނަށް ރާއްޖޭގެ ތާރީޚުން ފެނުނު އެންމެ ބޮޑު ޚިޔާނާތެވެ. އޮޑިޓް އޮފީހުން ބެލިބެލުމުން އެމްއެމްޕީއާރްސީގެ ތެރެއިން 1.2 ބިލިއަން ރުފިޔާގެ ހިޔާނާތް ވަނީ ހިންގާފަ އެވެ.