އައްޑޫގައި މިހާރު ކުރިއަށްދާ "ބްލޫސް ފޯ ޔޫތު" ކޭމްޕުން ޒުވާނުންނަށާއި ފުރާވަރުގެ ކުދީންނަށް މުސްތަޤުބަލުގައި ކަންކަން ނިންމުމުގައި އާއި ވަޒީފާގެ މާހައުލަށް ނިކުތުމަށް ތައްޔާރުވުމުގައި ކަންކުރަންވީ އެންމެ ރަނގަޅު ގޮތް އޮޅުން ފިލައި މުޖުތަޢުގައި ހަރުދަނާ މީހެއްގެ ގޮތުގައި ބޮޑުވުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ސައުތު ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އޮތފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ މި މަހުގެ 29 ވަނަ ދުވަހު އައްޑޫ ސިޓީ ހައި ސްކޫލްގައި ކޭމްޕް އިފްތިތާޙް ކުރަން ބޭއްވި ޚާއްސަ ރަސްމިއްޔާތުގަ އެވެ.
ޝިފާން ދެއްކެވި ވާހަކަފުޅުގައި މި ކޭމްޕުގެ ސަބަބުން ދަރިވަރުންގެ މެދުގައި ރަނގަޅު އަޚްލާޤާއި ސުލޫކް އަދި ކަންކަމުގައި އިސް ނަގައި ޙަރަކާތްތެރިވުމުގެ ރޫހް އުފެދިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
ހަމަ އެއާއެކު މުސްތަޤުބަލުގައި ކަންކަން ނިންމުމުގައި އާއި ވަޒީފާގެ މާހައުލަށް ނިކުތުމަށް ތައްޔާރުވުމުގައި ކަން ކުރަންވީ އެންމެ ރަނގަޅުގޮތް އޮޅުން ފިލައި މުޖުތަޢުގައި ހަރުދަނާ މީހެއްގެ ގޮތުގައި ބޮޑުވުމަށް އިތުރު އެހީތެރި ކަމެއް ލިބިގެން ދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
މި ކޭމްޕުގައި ދަރިވަރުންނަށް ގިނަ ހުނަރުތަކަކާއި ޢަމަލީ ކަންކަން ދަސްކޮށްދެވޭނެ ކަމަށާއި އެގޮތުން ކޭމްޕުގެ ބައިވެރިންގެ ހިތްތަކުގައި ޤައުމިއްޔަތުގެ ލޯބި އަށަގަންނުވަން މަސައްކަތްކޮށްދީ ފުލުހުންގެ ތަމްރީނު ތަކުގެ ބައެއް ހުނަރުތަކާއި މުނިފޫހިފިލުމުގެ ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ޢުމުރުން 15-18 އަހަރާ ދެމެދުގެ 30 ކުދީންނާއި އެކު ފެށިގެން ކުރިއަށްދާ މި ކޭމްޕަކީ ޖެނުއަރީ ދެ ވަނަ ދުވަހުގެ ނިޔަލަށް އިންޑޯ ކްލާސްތައް އައްޑޫ ހައި ސްކޫލްގައި އަދި ޕްރެކްޓިކަލް ކްލާސްތައް އައްޑޫ ސިޓީގައި ކުރިން ފުލުހުން ބޭނުން ކުރަމުން ދިޔަ ޓްރެއިނިން ސްކޫލުގައި ކުރިއަށްދާ ގޮތަށް އިންތިޒާމުކޮށްގެން ކުރިޔަށް ގެންދެވޭ ކޭމްޕެކެވެ.
"ބްލޫސް ފޯ ޔޫތު" ކޭމްޕު ކުރިއަށް ގެންދިޔުމުގައި އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ ހައި ސްކޫލުގެ އިތުރުން އައްޑޫ ސިޓީގައި ހުންނަ ކެޑޭޓް ކޯ ގެ ފަރާތުން ފުލުހުންނަށް ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ވަނީ ލިބިފަ އެވެ.
އައްޑޫ ސިޓީގެ ގިނަ ބެލެނިވެރީންގެ އެދުމާ އެކު މި ކޭމްޕުގެ ދެވަނަ ބުރެއް ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު ފަށާގޮތަށް ހަމަޖެހިފައިވާތީ ކޭމްޕުގެ ދެވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.