ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރާނީ މުކަރުޖީ އާއި ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާ އަންނަ އަހަރުގެ ފެބްރުއަރީގައި ކައިވެނި ކުރަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތަައް ބުނާ ގޮތުން ކައިވެނީގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައި ވަނީ ފެބްރުއަރީ 10 ވަނަ ދުވަހު، ޖޯދްޕޫރުގެ އުމައިދު ބަވާން ޕަލަސްގަ އެވެ.
އެ ދެ މީހުންގެ ގުޅުމާ ބެހޭ ގޮތުން މީޑިއާތަކުގައި އެކި ގޮތްގިތަށް ވާހަކަތައް ފެތުރެމުން އަންނަތާ ޒަމާންތަކެއް ފަހުން، ކައިވެނި ކުރާ ތާރީހާއި ހަފުލާ ބާއްވާ ތަން މީޑިއާތަކުން އާންމު ކުރި ނަމަވެސް، މިކަމާ ބެހޭ ގޮތުން ރާނީ އާއި އަދީ ވެސް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެހެންވެ މިއީ އަދި މުޅިން ތެދު ވާހަކަައެއްކަމާ ދޭތެރޭ ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ.
އަދި އެ ދެ މީހުން މިހާތަނަށް ގުޅުމާ ބެހޭ ގޮތުން މީޑިއާގައި އެއްވެސް ވާހަކައެއް ހިއްސާކޮށްފައެއް ނުވެ އެވެ.
އަނެއްކޮޅުން "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ" އާއި "ރަބް ނެ ބަނާދީ ޖޯޅީ" ފަދަ ފިިލްމްތައް ޑައިރެކްޓްކޮށްފައިވާ އަދީއަކީ މީޑިއާ އާ ވަރަށް ދުރު މީހެކެވެ. ކުޑަމިނުން އޭނާގެ ފޮޓޯއެއް ވެސް ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ.
އެހެން ނަމަވެސް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ އެންމެ ފަހުގެ ފިލްމް "ދޫމް 3" މި މަހުގެ 20 ގައި ރިލީޒް ކުރުމުގެ ކުރިން 19 ވަނަ ދުވަހުގެ ރޭ ބޭއްވި ޕާޓީއަކުން ރާނީ އާއި އަދީ އެކުގައި ފެނިފައިވެ އެވެ.
އުމުރުން 42 އަހަރުގެ އަދީ ވަނީ މީގެ ކުރިން ވެސް ކައިވެންޏެއްކޮށްފަ އެވެ. އެކަމަކު 2001 ގައި ކުރި އެ ކައިވެނި 2009 ގައި ވަނީ ރޫޅިފަ އެވެ.
އަދި އަދީ އާއި ޕާޔަލް ކަންނާގެ އެ ކައިވެނި ރޫޅުމުގެ އަސްލަކަށްވީ ވެސް މިހާރު އުމުރުން 35 އަހަރުގެ ރާނީ ކަމަށްވެ އެވެ.
ރާނީއަކީ އެއް ދުވަސްވަރެެއްގައި ވައިއާރްގެ ފެވަރިޓް ބަތަލާ އެވެ. އެގޮތުން އެ ކުންފުނީގެ ވަރަށް ގިނަ ކާމިޔާބް ފިލްމްތަކެއް އޭނާ ކުޅެފައިވެ އެވެ. އަދި އެހާ ބޮޑަށް އެތަނުން ފުރުސަތު ރާނީ އަށް ލިބުނި އަދީ އާއި ރާނީ އާ ދެމެދު އޮންނަ ގުޅުމެއްގެ ސަބަބުން ކަމަށް ވެސް ވާހަކަ ދެކެވެ އެވެ.
ގިނަ ދުވަސްތަކަކަށް ފަހު ރާނީ މިހާރު ވެސް އަންނަނީ އަދީ ޕްރޮޑިއުސް ކުރާ ފިލްމެއް ކުޅެމުންނެވެ.
އެއީ އަންނަ އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ "މަރުދާނީ" އެވެ.