Last Updated: December 3, 21:16
Tuesday, December 3, 2024
ޚަބަރު

މުއްދަތު ހަމަވެއްޖެ، އެމްއޭސީއެލްގެ ވެރިންގެ މުސާރަ ހާމަނުކުރި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިސްވެރިންގެ މުސާރަ ހަތް ދުވަސްތެރޭ ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން އެ ކުންފުންޏަށް އެންގި ނަމަވެސް އެ މައުލޫމާތު ހާމައެއް ނުކުރިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މި މަހުގެ 14 ވަނަ ދުވަހު އެމްސީއެލްއަށް އެގޮތަށް އެންގީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އައިމަން ލަތީފް، އެ މައުލޫމާތު ހޯދަން އެދި ހުށަހަޅައިގެން އެ މައުލޫމާތު ނުދިނުމުން އޭނާ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުންނެވެ.

މިމައްސަލައާ ގުޅިގެން ބޭއްވި އަޑު އެހުމުގައި އެމްއޭސީއެލްއިން ބުނެފައި ވަނީ ގާނޫނުގައި ބުނާފަދަ ދައުލަތުގެ އިދާރާއެއް ކަމަށް ނުދެކޭ ކަމަށާއި އަދި ކުންފުނީގެ އެފަދަ މައުލޫމާތުތަކަކީ އާންމު ފަރުދުންނަށް ހިއްސާކުރާ މައުލޫމާތުތަކެއް ނޫން ކަމަށް ބުނެފައެވެ.

ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ ސަރުކާރު ކުންފުނިތަކަކީ ދައުލަތުގެ އިދާރާތަކުގެ ގޮތުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ކަނޑައެޅިފައިވާ ކަނޑައެޅުން ބާތިލު ކުރަން ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓުން ދައުލަތުގެ ކުންފުނިތަކަކީ ދައުލަތުގެ އިދާރާތަކުގެ ގޮތުގައި ބެލޭނެ ކަމަށް ކަނޑައަޅާފައި ކަމަށެވެ. އެހެންކަމުން އެ މައުލޫމާތު ހާމަނުކުރަންޖެހޭނެ ކަމަށްވެސް އައިކޮމް އިން ބުނެފައިވެއެވެ.

އައިމަން ރޭ ބުނީ އެމްއޭސީއެލްގެ ބޯޑު ޑިރެކްޓަރުންނާއި، ސީނިއާ މެނޭޖްމެންޓުންގެ އިތުރުން މުވައްޒަފުންގެ މުސާރަތައް ހަތް ދުވަސްތެރޭ ހާމަކުރަން އައިކޮމް އިން އެންގި ނަމަވެސް 10 ދުވަސް ފާއިތުވީ އިރު ވެސް އެމްއޭސީއެލް އިން އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށެވެ.

މިކަމާ ގުޅިގެން އެމްއޭސީއެލް އިން ވަކި އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ.