ސ. ހަންކެޑެއިގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްގެ އެވެ.
ގަމާއި ޗެކްރިޕަބްލިކްގެ ޕްރާގާ ދެމެދު ޗާޓަރު ދަތުރުތައް ފެށުން އިއްޔެ އިފުތިތާހު ކުރުމަށް ފަހު ގަމުގައި އޮތް ނިއުސް ބްރީފިންއެއްގައި މޭޔަރު ވިދާޅުވީ އެ ޕްރޮޖެކްޓް ހަވާލުކޮށްފައިވާ ސިންގަޕޫރުގެ ކްރެސެންޑާސް ގްރޫޕުން އަންނަ އަހަރު މަސައްކަތް ފަށާނެ ކަމަަށެވެ.
އަދި އެކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ. އެކަމަކު މަސައްކަތް ފަށާނެ ސީދާ ދުވަހެއް ވިދާޅެއް ނުވެ އެވެ.
ސޯބެ ވިދާޅުވީ ހަންކެޑެއިގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް ސިންގަޕޫރުގެ ކްރެސެންޑާސް އިން ކުރިން ބުނެފައިވޯ ނަމަވެސް، މަސައްކަތް އޭރު ނުފެށުނީ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން ކަމަށެވެ.
އެހެން ނަމަވެސް މިހާރު މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ އިރު، ފުރަތަމަ ކަމަށް އޮންނާނީ ހަންކެޑެއިގެ ތެރޭގައި އޮތް ލިންކް ރޯޑް އެ ރަށުގެ ހުޅަނގު ފަރާތަށް ބަދަލު ކުރުން ކަމަަށެވެ.
މޭޔަރު ވިދާޅުވީ އެ މަގު ބަދަލު ކުރާނީ ކްރެސެންޑާ އިން ހަވާލު ކުރާ ބައެއް ކަމަށެވެ.
މަގު ބަދަލު ކުރުމާ ގުޅޭ ސާވޭތައް ނިންމައި، ޓެކްނިކަލް ޑްރޯވިންތައް ވެސް ނިންމައި ހައުސިން މިނިސްޓްރީ އަށް މީގެ ކުރިން ވަނީ ހުށަހަޅައިފަ އެވެ.
ހަންކެޑެ ޓޫރިމަށް ތަރައްގީ ކުރަން ސަރުކާރުން އިއުލާންކޮށްފައި ވަނީ 2005 ވަނަ އަހަރު އެވެ.