ނީލަމުގައި ވިއްކާލަން އައްޑޫ ސިޓީ ކައުންސިލުން ނިންމާފަިއވާ ގޭގެ ނީލަން ކުރިއަށް ގެންދިއުން ހުއްޓާލުމަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކައުންސިލުން ކުރިއަށް ގެންދާ ނީލަން ހުއްޓާލުމަށް ކޯޓުން އަމުރުކޮށްފައި ވަނީ މާމެންދޫގައި އިމާރާތްކޮށްފައިވާ އެ ގޯތީގެ ވެރި ފަރާތުން ހިތަދޫ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އިއްޔެ އެވެ.
ކޯޓުގެ ވަގުތީ އަމުރުގައިވާ ގޮތުން ޝަރީއަތް ވަކި ގޮތަކަށް ނިމެންދެން އެ ގޯތީގައިވާ އެންމެހައި އިމާރާާތްތަކާއި އެތަނުގައި ހުރި ރުއްގަސްތައް ނީލަން ކިޔަން އައްޑޫ ސިޓީ ކައުންސިލް އިދާރާއިން އިއުލާންކޮށްފައިވާ ނީލަން މަޑު ޖައްސާލުމަށާއި އަދި އެ ތަކެތީގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ކުރެވޭނެ ފަދަ އެއްވެސް މުއާމަލާތެއް ނުކުރުމަށާއި އެ ގޯތި ނުވަތަ އެ ގޯތިން ބައެއް ވިޔަސް އެއްވެސް ފަރާތަކަށް ނުދިނުމަށް އައްޑޫސިޓީ ކައުންސިލް އިދާރާގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.
މާމެންދޫ ސަރަހައްދުން ހިތަދޫގެ މެދުވަލު އަވަށުގެ މީހަކަށް ޖެނުއަރީ 27، 2008 ގައި ދީފައިވާ މި ބިން ރަޖިސްޓްރީ ކުރުމަށް ހުށަހެޅުމުން އޭރު މަގު ހެދިފައި ނުވާތީ ބިން ރަޖިސްޓްރީކޮށް ނުދެވޭނެ ކަމަށް ބުނެ، އޭގެ ފަހުން އެތަނުގައި ފްލެޓެއް އެޅުމަށް ކައުންސިލުން ބޭނުންވާތީ އެ ބިން ސަރުކާރަށް ނަގާ ބިމުގެ ބަދަލު ދޭނެ ކަމަށް ސިޓީކައުންސިލުން ބުނެ ސިޓީއަކުން އަންގާާފައިވާ ކަމަށް ބިމުގެ ވެރިފަރާތުން ބުންޏެވެ.
ފްލެޓެއް އަޅަން ބޭނުންވާ ސަރަހައްދެއްގައި ހުރި ބިމެއް ކަމަށް ބުނެ ކައުންސިލުން ނެގި މި ބިމުގައި އެ އިދާރާ އިން ވަނީ ދެ ކޮޓަރި އާއި ސިޓިންގެ ރޫމެއް ހިމެނޭ ގޮތަށް ގެއެއް އަޅައިފަ އެވެ.
ކައުންސިލުން ބުނީ ގެ ނީލަމުގައި ވިއްކާލަން ނިންމީ ކައުންސިލުން ގެ އަޅައި ދިނުމުން، އެ މީހާ ގެ އާ ހަވާލުވާން ބޭނުން ނުވުމުން ކަމަށެވެ.
އެހެންވެ 50،000ރ. ގެ ނީލަމަކުން ފެށި ގޭގެ އަގު މިހާރު ވަނީ 350،000ރ. އަށް ވުރެ މައްޗަށް އަރައިފަ އެވެ.