Last Updated: November 26, 20:40
Tuesday, November 26, 2024
ޚަބަރު

މަހްލޫފަށް ދައުވާކުރުމާމެދު ގޮތެއް ނުނިމި 111 ދުވަސް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައިގައި އަދިވެސް ގޮތެއް ނުނިމޭ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ

މަހްލޫފުގެ މައްސަލަ ޕީޖީ އޮފީހުގައި އޮންނަތާ މިހާރު ވަނީ 111 ދުވަސްވެފައި އެވެ. ނަމަވެސް ޕީޖީ އޮފީހުގެ މީޑިޔާ އޮފިޝަލް މިއަދުވެސް ވިދާޅުވީ މަހްލޫފުގެ މައްސަލައިގައި އަދިވެސް ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން މިދިޔަ މި ދިޔަ މަހުގެ 19 ވަނަ ދުވަހު ޕީޖީ ހުސެއިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކައިގެ އިތުރަށް އެ އޮފީހުން ބުނާނެ އެއްޗެއް ނެތް ކަމަށް މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.

ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މި މަހުގެ 19 ވަަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަހްލޫފުގެ މައްސަލަގައި ވިދާޅުވީ އެ މައްސަލައިގައި ގޮތެއް ނުނިމި ލަސްވާ ކަމަށާއި އެހެންނަމަވެސް ކަށަވަރުކުރަން ޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު ނޫނީ ގޮތެއް ނުނިންމޭނެ ކަމަށެވެ.

މަހްލޫފަށް ދައުވާކޮށްދޭން އެެދުނު މައްސަަލައިގައި އޭސީސީން ބުނެފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުގެ ގޮތުގައި މަހުލޫފު ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ ބަދަލެއްގެ ގޮތުގައި 33,000 ޑޮލަރު އޭނާ އަށް ލިބިފައިވާ ކަމަށެވެ. އޭގެ އިތުރުން، އެސްއީޒެޑް ބިލް ފާސްކުރަން ވޯޓު ދެއްވުމަށް އޮގަސްޓް 27، 2014 ގައި މަހުލޫފު ވަޑައިގަތީ ސީދާ މެލޭޝިޔާ އިން ވޯޓަށް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އެ މައްސަލައިގައި ދައުވާކޮށްދޭން ޕީޖީއަށް އޭސީސީއަށް މައްސަލަ ފޮނުވި ހިސާބުން މަހްލޫފު ހުންނެވީ މިނިސްޓަރުގެ ކަމުގެ މައްސޫލިއްޔަތުން އެކަހަރިކޮށްފަ އެވެ. މަހްލޫފު ގެންދަނީ އޭނާއާ މެދު ތަހްގީގު މަރުހަލާގައި އާއި ދައުވާކުރުމުގެ މަރުހަލާގައި އަމަލުކުރަމުންދާ ގޮތުން އެ މުވައްސަސާތަކުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަތިއުތުރު ޕްރޮވިންސްގެ ރައީސްގެ މަގާމަށް އޭނާ ވަނީ އިންތިހާބުވެފައި އެވެ.

މަހްލޫފުގެ މައްޗަށް އެސެޓްރިކަވަރީ ކޮމިޝަނުން ހިންގި ތަހްގީގު ރަނގަޅު ނޫން ކަަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ އެ ކޮމިޝަނަށް އަންގަވާފައި އެވެ. އަދި ފުލުހުން ވަނީ އެ މައްސަލައިގައި އާ ހެއްކެތް ހޯދަމުން ނުދާ ކަމަށްވެސް ވިދާޅުވެފައި އެވެ.