ނިމިގެން މި ދިޔަ 2013 ވަނަ އަހަރަކީ އިންޑިއާގެ ފިލްމް އިންޑަސްޓްރީ އަށް 100 އަހަރު ފުރުން ފާހަގަ ކުރި އަހަރެވެ. ހަމަ އެއާ އެކު އެ އަހަރަކީ ކާމިޔާބު ގިނަ ފިލްމްތަކެއް ބެލުންތެރިންނާ ހަމައަށް އައި އަދި ބޮޑު އާމްދަނީ އެއް ވެސް ލިބުނު އަަހަރެކެވެ.
އެހެންވެ ދެން އޮތީ އަލަށް ކުރިމަތިލި 2014 އާ ދޭތެރޭ ކުރެވޭ އުންމީދެވެ. މި އަހަރަށް ބަލާ އިރު ވެސް، ގިނަ ބަޔަކު ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަމުން އަންނަ ފާހަގަކޮށްލެވޭ ފިލްމްތަކެއް އެބަ ހުއްޓެވެ.
މި ހިސާބުން ކުރު ގޮތަކަށް 2014 ގައި ރިލީޒްވާން ހުރި އިންމީދީ ފިލްމުތަކަށް ބަލައި ލާނަމެވެ.
* ޖެއި ހޯ: ޖެނުއަރީ މަހުގެ 24 ވަނަ ދުވަސް ވެގެން ދާނީ ސަލްމާން ހާނުގެ ފޭނުންނަށް ވަރަށް އުފާވެރި ދުވަހަކަށެވެ. ސަބަބަކީ 2013 ގައި އޭނާގެ އެއްވެސް ފިލްމު ބެލުންތެރިންނާ ހަމައަށް ނައިސް އޮތުމަށް ފަހު، އަހަރުގެ ފުރަތަމަ މަހުގެ ތެރޭގައި ސަލްމާންގެ "ޖެއި ހޯ" ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ރިލީޒް ކުރާނެ އެވެ.
މި ފިލްމަކީ ސަލްމާންގެ ކޮއްކޮ ސުހައިލް ހާން ޕްރޮޑިއުސްކޮށް، ޑައިރެކްޓް ކުރާ ފިލްމެކެވެ. "ސްޓާލިން" ގެ ނަމުގައި ގެނެސް ދިން ތެލެގޫ ފިލްމެއް އަަސްލަށް ބަލައިގެން ހަދާފައިވާ "ޖެއި ހޯ" ގެ އިތުރު ތަރިންގެ ތެރޭގައި އަލަށް ތައާރަފްވާ ޑެއިޒީ ޝާހް އާއި ސަނާ ހާންގެ އިތުރުން ތާބޫ އާއި އަޝްމިތު ޕަޓޭލް މި ފިލްމުގެ މުހިއްމު ރޯލްތަކުން ފެނިގެން ދާނެ އެވެ.
* ޕީކޭ: މިއީ އާމިރް ހާން ހިމަނައިގެން "3 އިޑިއަޓްސް" 2009 ވަނަ އަހަރު ގެނެސް ދިން މޮޅު ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީގެ ފިލްމެކެވެ.
މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ އާމިރް ހާނާއި އަނުޝްކާ ޝަރްމާ އެވެ. އަދި މި ފިލްމުގެ މުހިއްމު ރޯލްތަކުން ޒުވާން އެކްޓަރު ސުޝާންތު ސިންގް ރާޖްޕުޓް އާއި ސަންޖޭ ދަތު ވެސް ފެނިގެން ދާނެ އެވެ.
ގިނަ ބަޔަކު ލަފާ ކުރާ ގޮތުގައި "ޕީކޭ" އަކީ އާމިރްގެ ފިލްމަކަށް ވުމާ އެކު މި ފިލްމު ވެސް ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހަދާނެ އެވެ. އާމިރް ވަނީ 2013 ގައި ރިލީޒްވި "ދޫމް 3" ގައި ވެސް އޭނާއަކީ މޮޅު އެކްޓަރެއްކަން ސާބިތުކޮށްދީ، ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހަދައިފަ އެވެ.
* ހެޕީ ނިއު އިޔާ: މިއީ އަނެއްކާ ވެސް "އޯމް ޝާންތީ" އާއި "ޗެންނައި އެކްސްޕްރެސް" އަށް ފަހު ޝާހްރުކް ހާނާއި ދީޕިކާގެ ޖޯޑް އެކުގައި ފެންނާނެ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ "އޯމް ޝާންތީ އޯމް" ގެ ވެސް ޑައިރެކްޓަރު އަދި ކޮރިއޯގްރާފަރު ފަރަހް ހާނެވެ.
ދުބާއީ އާއި މުމްބާއީގައި ޝޫޓް ކުރާ މި ފިލްމްގެ އިތުރު ތަރިންގެ ތެރޭގައި އަބިޝެކް ބައްޗަން ސޯނޫ ސޫދި، ބޮމަން އިރާނީ އަދި ވިވާން ޝާހް ހިމެނެ އެވެ.
"ހެޕީ ނިއު އިޔާ" ގެ ފަސްޓްލުކް މާދަމާ އާންމު ކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ބެލުންތެރިން ތިބީ މިހާރު ވެސް ކެތްތެރިކަން ކުޑަވެފަ އެވެ.
* ބޮމްބޭ ވެލްވެޓް: ސްރީ ލަންކާގައި ބޮޑު ބައި ޝޫޓް ކުރާ މި ފިލްމަކީ ޒުވާން ދެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އަނުޝްކާ ޝަރްމާ އެކުގައި ކުޅޭ ފުރަތަމަ ފިލްމެކެވެ.
ކުޅަަދާނަ ޑައިރެކްޓަރު އަނޫރާގް ކެޝަޕް ޑައިރެކްޓް ކުރާ މި ފިލްމުގެ އިތުރު ތަރިންގެ ތެރޭގައި ކުރީގެ މަޝްހޫރު ބަތަކާ ރަވީނާ ޓަންޑަން ވެސް ހިމެނެ އެވެ. އަދި "ކުޗްކުޗް ހޯތާ ހޭ" ފަދަ ފިލްމުތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ޑައިރެކްޓަރު/ޕްރޮޑިއުސަރު "ބޮމްބޭ ވެލްވެޓް" ގެ ނެގަޓިވް ރޯލަކުން ފެނިގެން ދާނެ އެވެ.
* މޭރީ ކޮމް: މިއީ އޮލިމްޕިކް ގޭމްސްގައި އިންޑިއާ އަށް މެޑެލް ހޯދައި ދީފައިވާ މަޝްހޫރު އަންހެން ބޮކްސަރު މޭރީ ކޮމްގެ ހަޔާތުގެ މައްޗަށް ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސް ކުރާ ފިލްމެކެވެ.
މި ފިލްމުގައި މޭރީގެ ރޯލް އަދާ ކުރަނީ އެފަދަ ދެވަނައެއް ނެތް ކުޅަދާނަ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އެވެ.
*ފެންޓަމް: މިއީ "އެކް ތަ ޓައިގާ" ފަދަ ފިލްމުތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދިން ޑައިރެކްޓަރު ކަބީރު ހާންގެ ފިލްމެކެވެ. މި ފިލްމުގައި ލިޑް ރޯލް ކުޅެނީ ސައިފް އަލީ ހާނާއި ކެޓްރީނާ ކެއިފެވެ.
މިއީ 2008 ވަނަ އަހަރު ނިކުތް އައްބާސް/މަސްތާންގެ ހިޓް ތުރިލާ "ރޭސް" އށް ފަހު ސައިފާއި ކެޓްރީނާ އެކުގައި ކުޅޭ ދެވަނަ ފިލްމެވެ.
* ޝާދީ ކޭ ސައިޑް އިފެކްޓްސް: މިއީ ޕްރިޓިޝް ނަންދީ ޕްރޮޑިއުސް ކުރި "ޕިޔާރް ކޭ ސައިޑް އިފްކްޓްސް" ގެ ސީކްއެލްއެކެވެ. އެކަމަކު ކުރީ ފިލްމުން ފެނުނު ތަރިންނެއް އާ ފިލްމުން ފެނިގެން ނުދާނެ އެވެ.
އޭގެ ބަދަލުގައި މި ފިލްމުން ފުރަތަމަ ފަހަަރަށް ވިދިޔާ ބާލަން އާއި ފަރްހާން އަހްތަރު އެކުގައި ސްކްރީނުން ފެނިގެން ދާނެ އެވެ. ސަކެތު ޗައުދަރީ ޑައިރެކްޓްކޮށްފައިވާ "ޝާދީ ކޭ ސައިޑް އިފެކްޓްސް" ސިނަމާތަކަށް އަަންނާނީ ފެބްރުއަރީ 28 ގަ އެވެ.
* ބޭންގް ބޭންގް: މިއީ އަނެއްކާ ވެސް ރިތިކް ރޯޝަން އާއި ކެޓްރީނާ ކެއިފްގެ ޖޯޑް އެކުގައި ފެނިގެން ދާނެ ފިލްމެކެވެ. "ބަޗްނާ އޭ ހަސީނޯ" އާއި "އަންޖާނާ އަންޖާނީ" ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ސިތާދު އާނަންދު ޑައިރެކްޓް ކުރާ މި ފިލްމަކީ ސާޖިދް ނަދިއަދްވާލާ ޕްރޮޑިއުސް ކުރާ ފިލްމެކެވެ.
* ގުލާބް ގޭންގް: މިއީ މަދޫރީ ޑިކްޝިޓް އާއި ޖޫހީ ޗަވްލާ އެކުގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ.
އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް، އަސުރުމާ ކުލައިގެ ސާޅި އެޅި އަންހެން ގްރޫޕަކުން ކުރާ މަސައްކަތް ދައްކުވައިދޭ މި ފިލްމަކީ "ރާ.ވަން" ގެ ޑައިރެކްޓަރު އަނުބަވް ސިންހާ ޕްރޮޑިއުސް ކުރާ ފިލްމެކެވެ.
* އޯލް އިޒް ވެލް: މިއީ އަކްޝޭ ކުމާރާ އެކު "އޯ މައި ގޯޑް" ގެނެސް ދިން ޑައިރެކްޓަރު އުމޭޝް ޝުކްލާ ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމުގެ ތަރިންނަކީ އަބިޝެކް ބައްޗަން، އާސިން އަދި ރިިޝީ ކަޕޫރެވެ.
* ކޮޗަދައްޔާން: މި ފިލްމް ބަލައިލާ ހިތުން މިހާރު ވެސް ރަޖްނީ ކާންތުގެ ފޭނުންނަށް ހަމަ ނުދި ނުލިބެ އެވެ. ކުރިން 2013 ގައި ރިލީޒް ކުރަން ނިންމި ނަމަވެސްމ ރަޖްނީގެ އަންހެން ދަރިފުޅު ސައުންދަރިއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ، އަހަރުގެ ވަރަށް އުންމީދީ ފިލްމުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.
މި ފިލްމް ހާއްސަވާ އަނެއް ސަބަބަކީ ރަޖްނީ އާ އެކު ފުރަތަމަ ފަހަރަށް ބޮލީވުޑްގެ ޒުވާން، ކުޅަދާނަ ބަތަލާ ދީޕިކާ ޕަދްކޯން "ކޮޗަދައްޔާން" އިން ފެނިގެން ދިއުމެވެ.
* ދޭދް އިޝްގިޔާ: މި ފިލްމް ރިލީޒް ވާނީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ. މިއީ 2007 ވަނަ އަހަރު ރިލީޒްވި "އަޖަ ނަޗްލޭ" އަށް ފަހު، މަދޫރީ ޑިކްޝިޓް ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ.
ވިޝާލް ބަރަދްވާޖް ޕްރޮޑިއުސްކޮށްމ އަބިޝެކް ޗޯބޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ "އިޝްގިޔާ" ގެ ސީކްއެލްއެކެވެ. މަދޫރީގެ އިތުރުން މި ފިލްމުން "އިޝްގިޔާ" ދެ އެކްޓަރުން ކަމަށްވާ ނަސީރުއްދީން ޝާހާއި އަރްޝަދު ވަރްސީގެ އިތުރުން ހުމާ ގުރައިޝީ ފެނިގެން ދާނެ އެވެ.
* ގުންޑޭ: މިއީ ރަންވީރު ސިންގާއި ޕްރިޔަންކާ ޗޯޕްޅާ އަދި އަރުޖުން ކަޕޫރު ލީޑް ރޯލް ކުޅެފައިވާ ފިލްމެކެވެ. މި ފިލްމަކީ ޔާޝްރާޖުން ޕްރޮޑިއުސްކޮށް، އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
"ގުންޑޭ" ގައި އަރުޖުން އާއި ރަންވީރު ނުރައްކާތެރި ދެ ގުންޑޭއިންގެ ގޮތުގައި ފެނިގެންދާ އިރު، ޕްރިޔަންކާ ފެނިގެން ދާނީ ކެބަރެޓް ޑާންސަރެއްގެ ގޮތުގަ އެވެ. މި ފިލްމް ރިލީޒް ވާނީ ފެބްރުއަރީ 14 ގަ އެވެ.
* މަރްދާނީ: މިއީ ރާނީ މުކަރްޖީ ފުލުހެއްގެ ރޯލުން ފެނިގެން ދާނެ ފިލްމެކެވެ. "މަރްދާނީ" އަކީ ރާނީގެ ލޯބިވެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލް ކުރާ ޔާޝްރާޖް ފިލްމްސް ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ ޕްރޮޑިއުސް ކުރާ ފިލްމެކެވެ.
މިއީ 2009 ވަނަ އަހަރު ރިލީޒްވި "ދިލް ބޯލޭ ހަޑިއްޕާ" އަށް ފަހު ޔާޝްރާޖަށް ރާނީ ކުޅޭ ފުރަތަމަ ފިލްމެވެ.
* ހީރޯޕަންޓީ: މިއީ ޖެކީ ޝްރޮފްގެ ދަރިފުޅު ޓައިގާ ބޮލީވުޑަށް ލޯންޗް ކުރާ ފިލްމެކެވެ. ސާޖިދް ނަދިއަދްވާލާ ޕްރޮޑިއުސް ކުރާ މި ފިލްމަކީ އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރު ލިޑް ރޯލް ކުޅުނު "ކަމްބަކްތު އިޝްގް" ގެ ޑައިރެކްޓަރު ސަބީރް ހާންގެ ދެވަނަ ޑައިރެކްޝަނެވެެ.
"ހީރޯޕަންޓީ" ގައި ޓައިގާ އެކު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ "ހިންމަތުވާލާ" ގެ ބަތަލާ ތަމަންނާ ބާޓިއާ އެވެ.
* ހަސީ ތޯ ޕަސީ: މިއީ ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ފެނިގެން ދިޔަ ސިދާތު މަލްއުތުރާގެ ދެވަނަ ފިލްމެވެ. ކަރަން އާއި އަނޫރާގް ކޭޝަޕް ގުޅިގެން ޕްރޮޑިއުސް ކުރާ މި ފިލްމުގެ ބަތަލާއިންނަކީ ޕަރިނީތީ ޗޯޕްޅާ އާއި އަދާ ޝަރްމާ އެވެ.
މިހާރު ޓްރެއިލާ ވެސް އާންމުކޮށްފައިވާ "ހަސީ ތޯ ޕަސީ" ސިނަމާތަކަށް އަންނާނީ ފެބްރުއަރީ 7 ގަ އެވެ. ޑައިރެކްޓަރަކީ ވިނިލް މެތިއު އެވެ.
* ކުއީން: އެކަނި މާއެކަނި ކަންގަނާ ރަނާވަތު ހަނީމޫނަށް ދިއުމުން ދިމާވާ، އާދަޔާހިލާފް ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމަކީ ވިކާސް ބަލް ޑައިރެކްޓްކޮށްފައިވާ ރޮމާންޓިކް ޑްރާމާއެކެވެ.
މި ފިލްމުގައި ކަންގަނާ އާ އެކު ރާޖްކުމާރު ޔާދާވް ވެސް ފެނިގެން ދާނެ އެވެ. ތަފާތު ގޮތަކަށް މިހާރު ވެސް ޕްރޮމޯޓް ކުރަމުން އަންނަ މި ފިލްމަކީ ބެލުންތެރިން އެދިއެދި ތިބި ފިލްމެކެވެ. ސިނަމާތަކަށް މި ފިލްމް އަންނާނީ ފެބްރުއަރީ 28 ގަ އެވެ.
* ކިކް: އަނެއްކާ ވެސް ހަމަ ސަލްމާންގެ ފިލްމެކެވެ. ހަމަ މި ފަހަރު ވެސް ސައުތު ފިލްމެއްގެ ރިމެކިންއެކެވެ. "ކިކް" ގައި ސަލްމާނާ އެކު ބަތަލާއެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ސްރީ ލަންކާ އަށް އުފަން ޖެކޮލިން ފެނާންޑޭޒް ފެނިގެން ދާނެ އވެ.
މިއީ ކާމިޔާބް ގިނަ ފިލްމްތަކެއް ޕްރޮޑިއުސްކޮށްފައިވާ ސާޖިދް ނަދިއަދްވާލާގެ ފުރަތަމަ ޑައިރެކްޝަން ވެސް މެ އެވެ.
* ހަމްޕްޓީ ޝަރްމާ ކީ ދުލްހަނިޔާ: މިއީ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން އޭނާގެ އެކުވެރިޔާ އަދި ޔާޝްރާޖް ފިލްމްސްގެ ޕްރޮޑިއުސަރު/ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާގެ "ދިލްވާ ދުލްހަނިޔާ ލޭޖާއޭގޭ" ގެ ޓްރިބިއުޓެއްގެ ގޮތުގައި ގެނެސްދޭ ފިލްމެެއް ކަމަށް އަޑު އަރާފައިވެ އެވެ.
"ހަމްޕްޓީ ޝަރްމާ ކީ ދުލްހަނިޔާ" އަކީ ކަރަން ޕްރޮޑިއުސްކޮށް، ޝަޝާންތު ކައިތާން ޑައިރެކްޓް ކުރާ ފިލްމެކެވެ. ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ ކަރަންގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ފެނިގެން ދިޔަ އާލިއާ ބަޓާއި ވަރޫން ދަވަން އެވެ.
* ޑިޓެކްޓިވް ބިއޮމްކޭޝް ބަކްޝީ: މިއީ ތަފާތު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދިނުމަށް މަޝްހޫރު ދިބާކަރު ބެނަޖީ އާއި ޔާޝްރާޖް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
މި ފިލްމްގެ ލިޑް ރޯލުން ފެނިގެން ދާނީ ވެސް އެ ކުންފުނީގެ "ޝުދު ދޭސީ ރޮމާންސް" ގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕުޓެވެ.
* ޖައްގާ ޖާސޫސް: މިއީ ދެ ލޯބިވެރިންގެ ގޮތުގައި ގިނަ ބަޔަކު މިހާރު ސިފަ ކުރާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކެއިފް އަނެއްކާ ވެސް އެކުގައި ފެންނާނެ ފިލްމެކެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ ރަންބީރުގެ "ބަރްފީ" ވެސް ޑައިރެކްޓްރި އަނޫރާގް ބާސޫ" އެވެ. އަދި މިއީ އެ ދެ މީހުން ގުޅިގެން އުފައްދާފައިވާ ޕްރޮޑަކްޝަން ހައުސް "ޕިކްޗަ ޝްރޫ" ގެ ފުރަތަމަ ފިލްމް ވެސް މެ އެވެ.
"ޖައްގާ ޖާސޫސް" ގައި ރަންބީރުގެ ދޮން ބައްޕައެއްގެ ރޯލުން ގޯވިންދާ ވެސް ފެނިގެން ދާނެ އެވެ.
* ހައިދަރު: މިއީ "އާޝިގީ 2" އިން ވިދާލި ޝްދަރާ ކަޕޫރާއި ޝާހިދު ކަޕޫރު ލީޑް ރޯލް ކުޅޭ ފިލްމެކެވެ. ކަޝްމީރުގައި ޝޫޓް ކުރާ މި ފިލްމަކީ ޝާހިދު ހިމެނޭ "ކަމީނޭ" ގެނެސް ދިން ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް ޑައިރެކްޝަނެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމަކީ ޝޭކްސްޕެއާގެ "ހެމްލެޓް" އަސްލަކަށް ބަލައިގެން ގެނެސްދޭ ފިލްމެކެވެ.
* ފައިންޑިން ފެނީ ފެނާންޑޭޒް: މިއީ ދީޕިކާ ޕަދްކޯން އާއި ސައިލް އަލީ ހާން ހިމަނައިގެން "ކޮކްޓެއިލް" ގެނެސް ދިން ހޯމި އަދަޖާނިއާގެ ފިލްމެކެވެ.
މި ފިލްމުގެ ލީޑް ރޯލުން ފުރަތަމަ ފަހަރަށް އަރުޖުން ކަޕޫރާއި ދީޕިކާ ފެނިގެން ދާނެ އެވެ. މީގެ އިތުރުން ޑިމްޕަލް ކަޕާޑިއާ، ނަސީރުއްދީން ޝާހް، ޕަންކަޖް ކަޕޫރު އަދި ބޮމަން އިރާނީ ފަދަ ކުޅަދާނަ ތަރިން "ފައިންޑިން ފެނީ" ން ފެނިގެން ދާނެ އެވެ.
ގޯއާގައި އިނގިރޭސި ބަހުން ޝޫޓްކޮށްފައިވާ މި ފިލްމުގެ ކެމިއޯއަކުން ރަންވީރު ސިންގް ވެސް ފެނިގެން ދާނެ އެވެ.
* ފޭން: އަނެއްކާ ވެސް ހަމަ ޝާހްރުކް ހާންގެ ފިލްމެކެވެ. މިއީ ޔާޝްރާޖުން ޕްރޮޑިއުސް ކުރާ ފިލްމެކެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ "އިޝަގްޒާދޭ" ލިޔެ ޑައިރެކްޓްކޮށް، "ބޭންޑް ބާޖާ ބާރާތު" ގެ ސްކްރީން ޕްލޭ ލިއުނު ހަބީބް ފައިސަލެވެ.
"ފޭން" ޑައިރެކްޓް ކުރަނީ މަނީޝް ޝަރްމާ އެވެ. އޭނާއަކީ "ބޭންޑް ބާޖާ ބާރާތު" އާއި "ޝުދް ދޭސީ ރޮމާންސް" ގެ ވެސް ޑައިރެކްޓަރެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޑިސެމްބަރު 19 ގައި ރިލީޒް ކުރާ މި ފިލްމުގެ ބަތަލާއަކީ ޕަރިނީތީ ޗޯޕްޅާ އެވެ.
* ކިލް ދިލް" މިއީ "ސާތިއާ" އާއި "ބަންޓީ އޯރް ބަބްލީ" ފަދަ ހިޓް ފިލްމްތައް ގެނެސް ދިން ޝާދް އަލީގެ ފިލްމެކެވެ. ލީޑް ތަރިންނަކީ ރަންވީރު ސިންގާއި ޕަރިނީތީ އާއި އަލީ ޒަފަރެވެ.
ޔާޝްރާޖުން އުފައްދާ މި ފިލްމުގެ މުހިއްމު ރޯލަކުން ގޯވިންދާ ވެސް ފެނިގެން ދާނެ އެވެ. މިއީ އޭނާ އެ ކުންފުންޏަށް ކުޅޭ ފުރަތަމަ ފިލްމް ވެސް މެ އެވެ.
* ފިތޫރު: މިއީ "ކައި ޕޯ ޗޭ" ޑައިރެކްޓަރު އަބިޝެކް ކަޕޫރުގެ ފިލްމެކެވެ. ފިލްމުގެ ތަރިންނަކީ "އާޝިގީ 2" އިން ވިދާލި އަދިތިޔާ ރޯއި ކަޕޫރާއި ކެޓްރީނާ ކެއިފެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމަކީ ޗާލްސް ޑިކެންސްގެ ކްލަސިކް ވާހަކަ "ދަ ގްރޭޓް އެކްސްޕެކްޓޭޝަން" އަށް ބިނާކޮށް ހަދާ ފިލްމެކެވެ.
* ހައިވޭ: މިއީ "ރޮކްސްޓާ" އާއި "ޖަބް ވީ މެޓް" ފަދަ އަސަރު ގަދަ ފިލްމްތައް ބެލުންތެރިންނާ ހަމައަަަށް ގެނެސް ދިން އިމްތިއާޒް އަލީގެ ފިލްމެކެވެ. ބަތަލާއިންނަކީ އާލިއާ ބަޓާއި ރަންދީޕް ހޫޑާ އެވެ. މިއީ ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ފެނުނު އާލިއާ ފެނިގެން ދާނެ ދެވަނަ ފިލްމެވެ.
މި ފިލްމުގެ މިއުޒިކް ތައްޔާރުކޮށް ދީފައި ވަނީ އޭއާރް ރަހުމާނެވެ.
* 2 ސްޓޭޓްސް: މިއީ އިންޑިއާގެ މަޝްހޫރު ލިއުންތެރިޔާ ޗެތަން ބަގަތު ހަމަ އެ ނަމުގައި ލިއުނު ވާހަކައިގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.
ތަރިންނަކީ އާލިއާ ބަޓާއި އަރުޖުން ކަޕޫރެވެ.