އައްޑު އަތޮޅުގައި އޮންނަ ހެރެތެރެ އާއި ޝަންގްރިއްލާ، ކޮވިޑް19 ފެށުނު އިރު ބަންދުކުރި ގޮތަށް މިއަދާހަމައަށް
ވެސް ނުހުޅުވިވާ މައްސަލައިގައި ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް އާ ރައްޔިތުންގެ މަޖިލީހުގައި ސުވާލުކުރުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރޮ ރޮޒައިނާ އާދަމް މަޖިލީހަށް ހުށައަޅުއްވައިފި އެވެ.
އައްޑޫގެ ގިނަ ބައެއްގެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވާ އެ މައްސަލަގައި މިނިސްޓަރު މައުސޫމް މަޖިލީހަށް ހާޒިރުކޮށްދޭން ރޮޒޭ ހުށައެޅުއްވީ މިއަދު އެވެ. ހެރެތެރެއާއި ސަންގްރެއްލާ ނުހުޅުވިވާ މައްސަލައިގައި ރޮޒޭ މިނިސްޓަރާ ސުވާލުކުރަން ހުށައަޅުއްވާފައިވާ ނޯޓިސްގައި ވިދާޅުވެފައިވަނީ އެ ދެ ރިސޯޓް ނުހުޅުވުމުގެ ސަބަބުން އައްޑޫގެ އެތަށް ރައްޔިތުންނެއް ތިބީ ވަޒީފާ ގެއްލި، އާމްދަނީ އެއް ނުލިބި ވަރަށް ދަތި ހާލުގަ އުޅެންޖެހިފައިވާ ކަމަށެވެ.
އަދި މި ދެ ރިޒޯޓް ހުޅުވޭނެ އެކި މުޙުލަތުތައް ވެސް މިނިސްޓްރީއިން ދެމުން އައިސް މިއަދާ ހަމައަށް ވެސް އަދިވެސް މި
ދެ ރިޒޯޓް ވަނީ ނުހުޅުވިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ވީމާ ޝަންގްރިއްލާ އާ ހެރެތެރެ ނުހުޅުވި ރަސްމިވަނީ ކޮން ސަބަބަކާ ހުރެ ކަމާ މިކަން ހައްލު
ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ އަދި މި ދެ ރިޒޯޓު ހުޅުވޭނެ ދުވަހެއް ތަފްސީލުކޮށް ވިދާޅުވެދެއްވުން އެދެމެވެ." މިނިސްޓަރާ ސުވާލުކުރަން ބޭނުންވާކަން އެދި މަޖިލީހަށް ރޮޒޭ ފޮނުއްވި ނޯޓިސްގައިވެ އެވެ.
ހެރެތެރެއާއި ސަންގްރެއްލާ ބަންދުކުރުމާ ގުޅިގެން އެތަނުގައި ވަޒީފާއަދާކުރަމުންދިޔަ ގިނަ އަދަދެއްގެ ބައެއްގެ ވަޒީފާ ވަނީ ގެއްލިފައި އެވެ. މިއަހަރު ޓޫރިޒަމް ދުވަސްވެސް އައްޑޫގައި ފާހަގަކުރުމަށް ސަރުކާރުން ނިންމުމަށްފަހު އައްޑޫގައި ކުލަގަދަކޮށް އެ ދުވަސް ފާހަގަ ނުކުރުމަށް ނިންމީ ވެސް މި ދެ ރިސޯޓް ނުހުޅުވިވާ މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުންތަކާ ހުރެ އެވެ.