ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށް ތިން ވަނަ ފަހަރަށް ރައީސް އޮފީހުގައި އެދިފައިވާކަމަށް މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް މަހަކު ދައްކަންޖެހޭ ކުލި 5600 އަށްވުރެ ކުޑަކޮށްދެއްވުމަށް އެދި ތިން ވަނަ ފަހަރަށް ރައީސް އޮފީހަށް ނިމިދިޔަ ހަފްތާގައި ސިޓީ ފޮނުވާފައިވާކަމަށެވެ.
އަދި ފިނިޝިންގ މަސައްކަތަށް މަދުވެގެން 9 މަސްދުވަސް ދެއްވުމަށް ތަކުރާރުކޮށް އެ ސިޓީގައި އެދިފައިވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ހިޔާ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތަށް ޚަރަދު ކުރާނޭ ފައިސާ ނެތްކަމަށް ބުނި ކުންފުނިން ތިލަފުށި ބިން ހިއްކަން ބޮޑު ހޭދައެއް ކުރަން ނިންމާ އެ ހޭދަ ދަނީ ކުރަމުން. އެޗް.ޑީ.ސީ ގައި ފައިސާ ނެތީ ހަމައެކަނި ހިޔާ ފްލެޓްތައް ނިންމަން!؟
— Dr Mohamed Muizzu (@MMuizzu) October 2, 2021
ހިޔާ ފްލެޓްތަކުގެ ކުލީގެ މައްސަލައިގައި "ހިޔާ ޔޫނިއަން"ގެ ފަރާތުން މަޖިލީހަށް ވަނީ ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ. އެ ޕެޓިޝަންގައި އެ ފަރާތްތަކުން އެދިފައިވަނީ ފްލެޓުތަކުގެ ކުލި 5،600ރ. އަށް ކުޑަކޮށްދިނުމަށާއި ގްރޭސް ޕީރިއަޑް 12 މަހަށް އިތުރުކޮށް އަމިއްލަ އަތުން ފިނިޝިން އަށް ހޭދަވާ ހަރަދުން އެއް ލައްކަ ރުފިޔާ ސަރުކާރުން ދިނުމަށެވެ.
ހިޔާ ފްލެޓްގެ ކުއްޔަށް 7500 ރުފިޔާ އަދި ސާވިސް ފީ އެއްގެ ގޮތުގައި 1000 ރުފިޔާ، ޖުމުލަ 8500 ރުފިޔާ ނެގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.