ދާދި ފަހުން ގޭގެ ކޮޓަރިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ގެއަށް ގެއްލުންތަކެއް ލިބުނު ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސްރީދޭވީ އާއިލާ އެކު ޗުއްޓީ ހޭދަ ކުރަން ރާއްޖެ އަތުވެއްޖެ އެވެ.
ސްރީދޭވީ އާއި ފިރިމީހާ އަދި ޕްރޮޑިއުސަރު ބޮނީ ކަޕޫރާއި ދެ އަންހެން ދަރިން ކަމަށްވާ ޖާންވީ އާއި ހުޝީ، އާ އަހަރާ ދިމާކޮށް ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަ ކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
ބޮނީއަކީ މިހާރު ބޮލީވުޑްގައި ކުރިއަރަމުން އަންނަ ޒުވާން އެކްޓަރު އަރުޖުން ކަޕޫރުގެ ބައްޕަ ވެސް މެ އެވެ. އަދި އެއީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރުގެ އެއްބަނޑު އެއްބަފާ ބޮޑު ބޭބެ އެވެ.
މި ފޮޓޯތައް އާންމު ކުރީ އިންޑިއާގެ ފިލްމީ ހަބަރުތައް ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ ފިންކްވިލާ އިންނެވެ.
ސްރީދޭވީއަކީ 1980 އާއި 1990 ގެ އަހަރުތަކުގައި ބޮލީވުޑްގައި ރަނިކަން ކުރަމުން ދިޔަ އެންމެ މަޝްހޫރު އެއް ބަތަލާ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ކާމިޔާބް ވަރަށް ގިނަ ފިލްމްތަކެއް ވެސް ކުޅެފަ އެވެ.
ދިވެހިންގެ ތެރޭގައި ވެސް ވަރަށް ބޮޑަށް މަޝްހޫރު ސްރީދޭވީގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ޗާންދްނީ"، "ލަމްހޭ"، މިސްޓަ އިންޑިއާ"، "ސަދްމާ"، "ޖުދާއީ" އަދި "ޗަލްބާޒް" ފަދަ ފިލްމްތައް ހިމެނެ އެވެ.
ގިނަ އަދަދެެއްގެ ފިލްމްތަކެއް ކުޅެ، ގިނަ އެވޯޑްތަކެއް ވެސް ހާސިލްކޮށްފައިވާ ސްރީދޭވީ ސްކްރީނުން ނުފެންނަތާ ގިނަ އަހަރުތަކަކަށް ފަހު، އެންމެ ފަހުން ރިލީޒްވި އޭނާގެ ފިލްމަކީ 2012 ވަނަ އަހަރު ނިކުތް ހިޓް ފިލްމް "އިންގްލިޝް ވިންގްލިޝް" އެވެ.