މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމުގެ ތެރޭގައި ހިމެނޭ ޝާހްރުކް ހާނާއި ދީޕިކާ ޕަދްކޯން ލީޑް ރޯލް ކުޅޭ "ހެޕީ ނިއު އިޔާ" ގެ ފުރަތަމަ ޕޯސްޓަރު ލޯންޗްކޮށްފި އެވެ.
މި އަހަރުގެ ދިވާލީގައި ރިލީޒް ކުރަން ހަމަޖެހިފައިވާ މި ފިލްމްގެ ޕޯސްޓަރު އާންމު ކުރީ މި އަހަރުގެ ފުރަތަމަ ދުވަހު އެވެ. ޕޯސްޓަރު ލޯންޗް ކުރުމަށް ޝާހް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އޭނާގެ ފިލްމުގެ ނަން ގުޅެނީ ފެށުނު އާ އަހަރުގެ ހެޔޮ އެދުމާ ކަމަށެވެ.
އެހެންވެ މިއީ ފޭނުންނަށް ފޮނުވޭ އާ އަހަރުގެ ހެޔޮ އެދުން ކަމަށް ބުނެފައިވެ އެވެ.
ފަރަހް ހާން ޑައިރެކްޓް ކުރާ "ހެޕީ ނިއު އިޔާ" ގައި ޝާހް އާއި ދީޕިކާގެ އިތުރުން އަބިޝެކް ބައްޗަން، ސޯނޫ ސޫދު، ބޮމަން އިރާނި އަދި ވިވާން ޝާހް ވެސް މުހިއްމު ރޯލްތަކުން ފެނިގެން ދާނެ އެވެ.
މި ފިލްމުގެ ފުރަތަމަ ޝެޑިއުލް ދުބާއީގައި މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ނިންމައި، މުމްބާއީގައި ނަގަން ޖެހޭ މަންޒަރުތައް ނެގުމުގެ މަސައްކަތް ފަށައިފަ އެވެ.
"ހެޕީ ނިއު އިޔާ" އަކީ 2007 ވަނަ އަހަރު ފަރަހް ޑައިރެޓްކޮށް ޝާހް އާއި ދީޕިކާ ލީޑް ރޯލް ކުޅުނު ހިޓް ފިލްމް "އޯމް ޝާންތީ އޯމް" އަށް ފަހު އެ ތިން ފަންނާނުން އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.
އަދި މިއީ ޝާހް އާއި ދީޕިކާ އެކުގައި ކުޅޭ ތިން ވަނަ ފިލްމެވެ. މިދިޔަ އަހަރު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި "ޗެންނައި އެކްސްޕްރެސް" އަކީ އެ ދެ ތަރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމެވެ.
"ހެޕީ ނިއު އިޔާ" ގެ ފުރަތަމަ ޕޯސްޓަރު ލޯންޗް ކުރުމާ އެކު ބެލުންތެރިން މިހާރު އިންތިޒާރު ކުރަމުން އަންނަނީ ފިލްމުގެ ފުރަތަމަ ޓްރެއިލާއަށެވެ.
އެހެން ނަމަވެސް މި ފިލްމް ރިލީޒް ކުރަން އަދި ވަރަށް ދުވަސް އޮތުމާ އެކު، ޓްރެއިލާ އަންނާނެ ދުވަހެއް ނޭނގެ އެވެ.
ފިލްމުގެ ޕޯސްޓަރު ބެލުންތެރިންނަށް ކަމުދިޔަ ނަމަވެސް، ބައެއް މީހުން ވަނީ މިއީ އަޖޭ ދޭވްގަން އާއި ޝަމީތާ ޝެޓީ އަދި ސުނިލް ޝެޓީ އާއި އީޝާ ޑިއޯލްގެ އިތުރުން ޒައިދް ހާން ކުޅުނު "ކޭޝް" ގެ ޕޯސްޓަރުގެ ކޮޕީއެއް ކަމަށް ބުނެ ފާޑު ކިޔައިފަ އެވެ.