ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހިދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް ހައިކޯޓުން އަނެއްކާވެސް ނިންމައިފިއެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް މިދިޔަ މަހުވެސް ޕީޖީން އެދުމުން ހައިކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ނިންމާފައެވެ.
މިފަހުންވެސް ދައުލަތުން އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ކްރިމިނަލް ކޯޓުގައި އެދުމުން ކްރިމިނަލް ކޯޓުން އެ އަމުރު ދީފައެއް ނުވެއެވެ. އަދި ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެކަމުގައި މިއަދު ނެރުނު އަމުރުގައި ހައިކޯޓުން ބުނެފައިވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެދެވޭނީ އެމީހާ ރާއްޖެއިން ބޭރަށް ދިއުމުގެ ކުރިން ކަމަށެވެ. އަދި އެމީހަކު ރާއްޖެއިން ބޭރަށް ދިއުމަށްފަހު ޕާސްޕޯޓް ހިފަހައްޓަން އަމުރު ނެރެނުދެވޭނެ ކަމަށެވެ. އަދި އެފަދައިން އަމުރެއް ނެރެވޭނެ ހަމައަށް ދައުލަތަށް ދެއްކިފައިނުވާކަމަށެވެ.
"އެހެންކަމުން، ރާއްޖެއިން ފުރައިގެން ގޮސްފައިވާ މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް، އެ ބާބުގައި ބަޔާންވެފައި ނެތް ބާރެއްގެ ދަށުން، ވަކިން ހާއްސަކޮށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންވެފައި ނެތްބާރެއްގެ ދަށުން، ނެރެވިދާނެ ޤާނޫނީ އަސާސެއް އޮތްކަމަށް އަހުރެންނަކަށް ޤަބޫލެއްނުކުރެވެއެވެ. އެހެންކަމުން، އަހުރެން ދެކެނީ ކްރިމިނަލް ކޯޓުގެ ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއް ނޫންކަމަށެވެ." މި މައްސަލައިގައި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، އަލީ ވަހީދުގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ނެރެނުދިނީ ސުޕްރީމް ކޯޓުން މީގެކުރިން ނިންމާފައިވާ ނިންމުމަކާ ހިލާފަށްކަމަށް ދައުލަތުން ހައިކޯޓުގައި ބުނިނަމަވެސް އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތާއި މިމައްސަލައިގައި ކަންހިނގާފައިވާގޮތް ތަފާތުކަމަށް ހައިކޯޓުން ބުނެފައިވެއެވެ.
ހައިކޯޓުން މި މައްސަލައިގައި ނެރުނު ހުކުމުގައި ބުނެފައިވަނީ މިމައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ހިލާފުކަމަށް ބެލެވެން ނެތްކަމަށާއި، ދައުލަތުން އެދިފައިވާ ގޮތަށް އަލީ ވަހިދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށެވެ.
ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް ބޭސްފަރުވާއަށްކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔަގޮތަށް އަލީ ވަހީދު ރާއްޖެ އައިސްފައެއްނުވެއެވެ. އަދި ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފައެވެ. އަދި އެ ޖަލު ހުކުމް ތަންފީޒު އިންޓަޕޯލްގެ އެހީ ހޯދާނެކަން ދިވެހި ފުލުހުން ހާމަކޮށްފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އަދި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާ އުފުލާފައެވެ.