ހަކުރު ބަލިން ރައްކާތެރިވެ ސަލާމަތްވުމަށް އެންމެ ފައްކަލީ ކަޅު ސައި ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
މި ހޯދުން ހޯދި ސައިންސްވެރިން ބުނާ ގޮތުގައި ދުވާލަކު މަދުވެގެން ހަތަރު ތަށި ކަޅުސައި ބޯ ނަމަ ހަކުރު ބަލި ނުޖެހި ސަލާމަތްވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
ޔޫރަޕް ގައުމުތަކުގައި ހަކުރު ބަލި ޖެހިފައި ތިބި 12،000 މީހުން މެދުވެރިކޮށް ކުރި ދިރާސާ އިން އެނގުނު ގޮތުގައި އާދަކޮށް، ކަޅު ސައި ބުއިމަކީ އެ މީހުންނަށް ފަރުވާއެކެވެ. އެގޮތުން ހަކުރުބަލި ކޮންޓްރޯލް ކުރަން ކަޅު ސައި މުހިންމު ބުއިމަކަށްވެ އެވެ.
ޖާމަން ޔުނިވާސިޓީގެ ނިއުޓްރިޝަނިސްޓުން ބުނާ ގޮތުން އާދަކޮށް ކަޅު ސައި ބޯ ނަމަ ޓައިޕް ޓޫ ހަކުރު ބަލި ކޮންޓްރޯލް ކުރެވެ އެވެ. އަދި އެއީ ހަކުރާއި ކިރު ބޭނުން ނުކޮށެވެ.
ހަކުރުބަލި ކޮންޓްރޯލް ކުރުމަށް ކެއިން ބުއިމަށް ބަދަލު ގެނައުމާއި ހަށިގަނޑުގެ ބަރުދަން ކޮންޓްރޯކޮށް ނިސްބަތުން ހަމާގައި ބެހެއްޓުން ވެސް މުހިންމެވެ.
ހެލިފެލިވެ އުޅުމާއި ދުޅަހެޔޮ އާދަތަކާ އެކު ދިރިއުޅެން ޖެހެ އެވެ. ކަޅު ސައިން ފައިދާއެއް ކުރާނީ ވަކި ހަމައެއްގައި ތިބެ ވަކި އާދައަކުން ބޯ ނަމަ ކަމަށް ޑައިޓީޝަނުން ވެސް ބުނެ އެވެ.
ހޯދުންތަކުން އެނގޭ ގޮތުގައި ކަޅު ސަޔަކީ ގުލްކޯޒް ހަޖަމު ކުރަން ބާރު ފޯރުވާ ބުއިމެކެވެ. ސައިންސްވެރިން ބުނާ ގޮތުން ކަޅު ސައިގައި ހުންނަ ޕޮލިފެނޮލްސްގެ ސަބަބުން ހަށިގަނޑުން ގުލްކޯޒް ބަލައިގަންނަ ގޮތް ބަދަލުކޮށްލަ އެވެ. އަދި އެ ގޮތުގައި ގުލްކޯޒް ހަޖަމް ކުރުމަށް ނުފޫޒު ފޯރުވައި އޭގެ ނުބައި އަސަރު ކަނޑުވާލަ އެވެ.
ކަޅު ސަޔަކީ ހަމައެކަނި ފަރުވާއެއް ނޫން ކަމަށް ހެންޑާ ބުނެ އެވެ. އެހެން ނަމަވެސް ކަސްރަތު ކުރުމާއި ކެއިން ބުއިމުގައި ރީތި އާދަތައް ގެންގުޅޭ މީހުންނަށް ކަޅު ސައިގައި ފައިދާތަކެއް ހުރި ކަމަށް އޭނާ ގަބޫލް ކުރެ އެވެ.