ހިތަދޫ ކުޑަކުދިންގެ ޕާކު އުތުރަށް ހުރި އިމާރާތުގައި ހިންގަމުން އައި އައިސް ޑިލައިޓު ކެފޭ ހުސްކުރަން ކައުންސިލުން އެތަން ހިންގި ފަރާތަށް އަންގައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، އައިސް ޑިލައިޓު ހިންގުމަށް އަމިއްލަ ފަރާތަކަށް ކައުންސިލްގެ ބިމެއް ދޫކޮށްފައިވަނީ އެއްބަސްވުމަކާ ނުލާ، ދިވެހި ރާއްޖޭގެ ބިމާބެހޭ ގާނޫނާއި ޚިލާފަށް ކަން ކައުންސިލުގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށެވެ.
ބުނެވިދިޔަ ބިމަކީ ކައުންސިލުގެ މިލްކެއް ކަމަށް ގާނޫނު ނަމްބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އަށް 8 ވަނަ އިސްލާހު ގައުމުގެ ގާނޫނގެ 56/2 ވަނަ މާއްދާގެ (ހ) ގައި، ސިޓީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލުގެ މިލްކުވެރިކަން ލިބިގެންވަނީ ކައުންސިލަށް ކަމަށް ބަޔާންކޮށްފައިވާތީ، ހިތަދޫ ކުޑަކުދިންގެ ޕާކުގެ އުތުރު ކޮޅުގައި ކުރިން ކެފޭ ހިންގި އިމާރާތަކީ ކައުންސިލްގެ މިލްކެއް ކަމަށް މި އިއުލާނުގައި ބުނެފައިވެއެވެ.
އަދި މިއިމާރާތް ކައުންސިލަށް ނެގުމުގެ ސަބަބުން، މިމަހުގެ 12 ވަނަ ދުވަހުގެ ކުރިން އިމާރާތުގެ އެތެރެއާއި ބޭރުގައި އެއްވެސް ފަރާތެއްގެ މުދަލެއް ވާ ނަމަ އިމާރާތަށް ގެއްލުން ނުވާ ގޮތަށް އެ އެއްޗެއް ނެގުމަށް އާންމުކޮށް އަންގާ އިއުލާން ކޮށްފައިވެއެވެ.
ފާއިތުވެދިޔަ 10 ވަރަކަށް އަހަރު މިއިމާރާތުގައި ކެފޭއެއް ހިންގަމުން އަންނަނީ އައިސް ޑިލައިޓުންނެވެ. ނަމަވެސް ކޮވިޑު ހާލަތުގައި ކެފޭ ހިންގުން ހިތަދޫގައި ރެސްޓޯރަންޓު ހިންގަމުން އަންނަ ކެފޭ އޭޝިއާނާއަށް ދީފައިވާ ކަމަށް "އައްޑޫލައިވް" އަށް އެނގިފައިވެއެވެ.
ނަމަވެސް ކޮވިޑު ކޭސްތައް މިދިޔަ މޭ މަހު އައްޑޫގައި ގިނަވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކެފޭ ރެސްޓޯރަންޓުތައް ބަންދުކުރަން ކައުންސިލުން ނިންމުމުން، ހުރިހާ ރެސްޓޯރެންޓެއް ބަންދުކުރިއިރު އައިސް ޑިލައިޓުވެސް ވަނީ ބަންދުކޮށް، އޭގެ ފަހުން ރެސްޓޯރަންޓު ހުޅުވުމަށް ހުއްދަ ދިނުމުން އަލުން ނުހުޅުވާ ކެފޭ ރެސްޓޯރަންޓުތަކުގެ ތެރޭގައި އައިސް ޑިލައިޓުވެސް ހިމެނެއެވެ.