ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ފަސް އޮފިސަރުންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
އެ ފަސް އޮފިސަރުން ތަމްސީލުކުރާ ލޯ ފާމް ދިވެހި ޗެމްބާޒްއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ފަރާތްތަކާމެދު ކަންކުރެވިފައިވާ ގޮތުގެ މައްޗަށް ބަލައި، މި ފަސް އޮފިސަރުންކުރެ އެއްވެސް އޮފިސަރަކަށް އަމިއްލަ ދިފާއުގައި ބަސްބުނުމަށާއި، ޖަވާބުދާރީވުމުގެ ފުރުސަތު ލިބިފައިނުވާތީ އެކަމުގެ ސަބަބުން މި ފަސް އޮފިސަރުންގެ ދުސްތޫރީ އަދި ޤާނޫނީ ހައްްޤުތަކެއް ގެއްލިފައިވާކަމަށެވެ.
އެހެންކަމުން އެ ފަސް އޮފިސަރުންގެ ޤާނޫނީ އަދި ދުސްތޫރީ ހައްޤުތަކުގެ ހިމާޔަތުގައާއި، މި އޮފިސަރުންނާމެދު ކަންކުރެވިފައިވާ އިޖުރާއަތަށް ބަލާއިރު ޤާނޫނީގޮތުން ބޮޑެތި ފުށުއެރުންތަކެއް އިޖުރާއީގޮތުން ހުރުމުން، މިއަދު މި ފަސް އޮފިސަރުންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާކަމަށާއި އަދި މައްސަލަ ސިވިލް ކޯޓަށް ބަލައިގެންފައިވާކަމަށެވެ.
މި މައްސަލައާއެކު، ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ޝަރީއަތުން ގޮތެއް ކަނޑައެޅުއްވުމުގެ ކުރިން މިފަރާތްތައް ވަޒީފާއިން ވަކިކުރުމާގުޅޭ އެއްވެސް ކަމެއް ނުކުރުމަށާއި، މިފަރާތްތަކުގެ ވަޒީފާ އަދާކުރުމުގެ ހައްޤަށް ހުރަސްއެޅިދާނެ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށާއި، ޕޮލިސް ބޯޑް އަދި ކަމާގުޅޭ އެންމެހާ ފަރާތްތަކުގެ މައްޗަށް އަމުރުކޮށްދިނުން އެދި ވަގުތީ އަމުރަކަށްވެސް އެދިފައިވާކަމަށް ދިވެހި ޗެމްބާޒްއިން ބުނެފައިވެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ބޯޑުން އެޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ އޮފިސަރުންނަކީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމް އާދަމް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް އަދި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދެއެވެ.