ފުލުހުންގެ ހަތް އޮފިސަރަކު ވަކިކުރަން ފެންނަ ކަމަށް ޕޮލިސް ބޯޑުން ނިންމާފައިވާ ނިންމުމާ އެއްގޮތައް ބައެއް އޮފިސަރުން ވަކިކޮށް އަނެއް ބައި އޮފިސަރުންނަށް ނޯޓިސް ދީފި އެވެ.
އަލަށް އެކުލަވާލި ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުގެ ނިންމުމާ އެއްގޮތައް ފުލުހުންގެ ވަޒިފާގައި ބައިތިއްވަން ނުފެންނާތީ ވަޒީފާއިން ވަކިކޮށްފައިވަނީ ޕޮލިސް އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި ތިއްބެވި މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު (ޓޫފޯ) އެވެ. އެ ދެމީހުނަށް ވަނީ ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓް މިހާރު ހަވާލުކޮށްފަ އެވެ. އަދި ހަތަރު އޮފިސަރަކަށް ވަޒީފާއިން ވަކިކުރަން ނިންމާ 10 ދުވަހުގެ ނޯޓިސް ހަވާލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ފުލުހުންގެ ވަޒީފާއިން ވަކިކުރަން ފެންނަ ކަމަށް ނިންމާފައިވާ ހަތް އޮފިސަރުންގެ ތެރޭގައި ތިން އެސިސްޓެންޑް ޕޮލިސް ކޮމިޝަނަރުން ހިމެނެ އެެވެ. އެއީ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު އަދި އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދު (ޓޫފޯ) އެވެ
ދެން ހިމެނެނީ ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފުގެ އިތުރުން
ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ.
މި މީހުން ވަނީ އެ ނިންމުމާ ގުޅިގެން ސިވިލް ކޯޓަށް މައްސަލަ ހުށައަޅާފަ އެވެ. އެހެން ނަމަވެސް އަދި އެ މައްސަލައިގެ އަޑުއެހުންތަކެއް ނުފަށަ އެވެ.