Last Updated: November 26, 15:28
Tuesday, November 26, 2024
ޚަބަރު

ވަގުތީ ޓީޗަރުން ދަނީ އިތުރުވަމުން، މިކަމަށް އަވަސް ހައްލެ ބޭނުންވޭ: ރައީސް

2019 ވަނަ އަހަރުގެ މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ބޭއްވެވި ޖަލްސާއަށް ރައީސް ވަޑައިގަންނަވަނީ

ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ވަގުތީ ޓީޗަރުންގެ ޢަދަދު، އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުން ކަމަށާއި މިކަމަށް އަވަސް ޙައްލެއް ހޯދަން މަސައްކަތް ނުކޮށްފިނަމަ، ތަޢުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުންނާއި، ތަޢުލީމީ މަންހަޖު ތަރައްޤީ ކުރާނެ މީހުންނާއި، އަދި ޕްރިންސިޕަލުން ރާއްޖެއިން ނުލިބުމުގެ ބިރު ވަރަށް ބޮޑު ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

2019 ވަނަ އަހަރު އޭލެވެލްގެ ގަދަ ދިހައެއްގައި ހިމެނުން ދަރިވަރުންނަށް އިނާމު ދިނުމަށް މިރޭ ކުރިއަށްދާ ޖަލްސާގައި ރައީސް ވިދާޅުވީ މިއަދު ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 6498 ދާއިމީ ދިވެހި މުދައްރިސުން އެބަ މަސައްކަތް ކުރައްވާއިރު ރާއްޖެއިން ބޭރުގެ 1730 މުދައްރިސުން މަސައްކަތްކުރާ ކަމަށެވެ. އަދި 891 ވަގުތީ މުދައްރިސުން މިހާރު ރާއްޖޭގައި އެބަ މަސައްކަތް ކުރައްވާ ކަމަށާއި ތަޢުލީމީ ދާއިރާއަށް މީހުން ޝައުޤުވެރިނުވާ ސަބަބުތަކަކީ ކޮބައިކަން ބަލަންޖެހޭ ކަމަށެވެ.

" މިކަން މިގޮތަށް ދޫކޮށްލެވިއްޖެނަމަ، އަޅުގަނޑުމެންގެ ކުރިމަގުގެ ޖީލަކީ، ޢިލްމީ ގޮތުންނާއި، ވިސްނުމުގެ ގޮތުންނާއި، ފަންނީ ގޮތުން، އަޅުގަނޑުމެން މި ބޭނުންވާފަދަ އީޖާދީ ވިސްނުމުގެ އަހުލުވެރި ބަޔަކަށް ނުވުމަކީ ވަރަށް އެކަށީގެންވާ ކަމެއް. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ހުރި މިފަދަ މައްސަލަތަކާމެދު ޢިލްމީ ދިރާސާތަކެއް އެބަ ހަދަންޖެހޭ. ތަޢުލީމީ ދާއިރާއަށް މީހުން ޝައުޤުވެރިނުވާ ސަބަބުތަކަކީ ކޮބައިކަން ސާފުކޮށް އެނގޭނީ، ޢިލްމީ ގޮތެއްގައި އެކަންކަން ހޯދައި ބަލައިގެން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ ކަންތައްތައް މިހާރުހުރި ގޮތާބެހޭ، ޢިލްމީ ދިރާސާއެއް ވަރަށް އަވަހަށް ކުރުމަށް ނިންމަވާފައިވާ ކަމަށެވެ

ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ދިވެހިންގެ ޙިއްޞާ އިތުރުކުރުމަކީ، އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް، އެކަކު އަނެކަކަށް އަޅައިލާ އޯގާތެރިކަމާއި އެކުވެރިކަމާއެކު ދިރިއުޅޭ ރައްޔިތެއް ބިނާކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ދިވެހި ޤައުމިއްޔަތާއި ދިވެހިބަހާއި ރާއްޖޭގެ ސަގާފަތަށް ކުދިންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށްޓަކައިވެސް ތައުލީމީ ދާއިރާގައި ދިވެހިން އިތުރުކުރުމަކި ވަރަށް ބޭނުންތެރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.